English Edition
Dhivehi Edition

މިވަގުތު ދުނިޔޭގެ ފީފާ ރޭންކިންގެ 10 ވަނާގައި އޮތް ޑެންމާކަކީ ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ބާރުތަކުގެ ތޭގައި ގުނާލެވޭ ޓީމެކެވެ. ނަމަވެސް ދުނިޔޭގެ ފެންވަރުގައި މާ ވަރުގަދަ ބާރެއްގެ ގޮތުގައި ޑެންމާކް ނުބެލެވެއެވެ. ޔޫރަޕް ފެންވަރުގައި ކާމިޔާބީތަކެއް ލިބިފައިވީ ނަމަވެސް ދުނިޔޭގެ ފެންވަރުގައި ރަނގަޅު ކާމިޔާބީއެއް އެ ޓީމަށް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ޑެންމާކް ވޯލްޑް ކަޕުގެ އެންމެ ފުރަތަމަ ފެނިލުމަކީ 1986 ވަނަ އަހަރު މެސްކޯގައި ބޭއްވި މުބާރާތެވެ. މި މުބާރާތުގެ ދެވަނަބުރަށް އެޓީމުން ދަތުރުކުރި އިރު، 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގައި ވާދަކޮށް އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ޑެންމާކް ދަތުރުކުރިއެވެ. މިއީ އެ ޓިމުން ވޯލްޑް ކަޕުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އޭގެ ފަހުން ވާދަކުރި ތިން ވޯލްޑް ކަޕުގެ ތެރެއިން ދެ ވޯލްޑް ކަޕުގެ ދެވަނަ ބުރަށް ދިޔައެވެ. އެއީ 2002 ވަނަ އަހަރުގެ މުބާރާތާއި އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވުނު މުބާރަތުގައެވެ. 2010 ވަނަ އަހަރުގެ މުބާރާތުން ޑެންމާކް ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

ޑެންމާކް މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިންގެ ގުރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޑެންމާކް ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗު ކާމިޔާބު ކޮށް އެއް މެޗުން ބަލިވެގެން 27 ޕޮއިންޓް ހޯދާފައެވެ.

ޑެންމާކްގެ ކޯޗަކީ ކޭޝްޕާ ހިޖުލްމަންޑް އެވެ. ޑެންމާކަށް އުފަން އުމުރުން 49 އަހަރުގެ ހިޖުލްމަންޑް ޑެންމާކްގެ ގައުމީޓީމާއި ހަވާލުވީ 2020 ވަނަ އަހަރުގައެވެ. ޓީމާއި ހަވާލުވެ އެ އަހަރު އޮތް ޔޫރޯ މުބާރާތުގައި ޑެންމާކް ޓީމަށް އިރުޝާދު ދިނީ އޭނާއެވެ. ހިޖޫލްމަންޑްގެ އިރުޝާދުގެ ދަށުން ޑެންމާކް ވަނީ އެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ. ހިޖޫލްމަންޑްގެ އިރުޝާދުގެ ދަށުން ޑެންމާކް މިހާތަނަށް 32 މެޗު ކުޅެފައިވެއެވެ. އޭގެތެރެއިން އެޓީމު ބަލިވީ އެންމެ އަށް މެޗުންނެވެ. ދެ މެޗުން އެއްވަރުވިއެވެ.

ޑެންމާކުގެ ކުޅުންތެރިންގެ ތެރޭގައި ހުނަރުވެރި ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންނަށް ބަލާއިރު، މެންޗެސްޓަރ ޔުނައިޓެޑްގެ ކްރިސްޓިއަން އެރިކްސަން، އޭސީ މިލާންގެ ސިމޮން ކެއާ، އެޓަލާންޓާގެ ޖޯކިމް މައެލޭ ފަދަ ކުޅުންތެރިން ފާހަގަ ކޮށްލެވެއެވެ.

ގުރޫޕް ސްޓޭޖުގައި ޑެންމާކް ކުޅެން ހަމަޖެހިފައިވާ މެޗުތައް

22 ނޮވެމްބަރ 2022 | ޑެންމާކް – ޓިއޫނިޒިއާ | 18:00

26 ނޮވެމްބަރ 2022 | ފްރާންސް – ޑެންމާކް | 21:00

30 ނޮވެމްބަރ 2022 | އޮސްޓްރޭލިއާ – ޑެންމާކް | 20:00