English Edition
Dhivehi Edition

ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށްލުމަކީ ހަޔާތުގައި ހެދުނު އެންމެ މޮޑު ގޯސް ކަމަށް ޕޯޗުގަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ރެއާލް މެޑްރިޑް ދޫކޮށްލުމަކީ ހެދުނު އެންމެ ބޮޑު ގޯސް ކަމަށާއި އެއީ އޭނާއަށް ވަރަށް ބޮޑު އިޙްތިރާމަކާއި ޤަދަރެއް ލިބިފައިވާ ކުލަބެއް ކަމަށެވެ.

ރޮނާލްޑޯ ބުނީ ރެއާލް މެޑްރިޑަކީ އަދިވެސް އޭނާގެ ހިތުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ ކުލަބެއް ކަމަށާއި އެ ކުލަބާއި މެދު ހިތުގެ އޮތް ލޯބި އަދިވެސް ފަނޑުވެގެން ނުދާކަމަށެވެ. އަދި އިތުރަށް ރެއާލް އަށް ކުޅުމުގެ ޝައުގުވެރިކަން އެބަ ހުރިކަމަށާއި، އެ ފުރުސަތު ލިބިއްޖެ ނަމަ ހިލޭ ރެއާލް އަށް ކުޅެދިނުމަށްވެސް ތައްޔާރަށް ހުރިކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

ރޮނާލްޑޯ އިތުރަށް ބުނީ އޭނާ ރެއާލް މެޑްރިޑުގައި ހޭދަކުރި ދުވަސްތަކުގައި ކުލަބުންނާއި ކުލަބުގެ ސަޕޯޓަރުން ދެކުނީ އޭނާ އަކީ ފުޓްބޯޅައިގެ ރަސްގެފާނު ކަމަށް ކަމަށާއި، އަދި އެ ކުލަބުން އޭނާއާއި ދޭތެރޭ ކަންތައް ކުރީ ވެސް ވަރަށް ރަނގަޅަށް ކަމަށެވެ. އެހެން ކަމުން އެފަދަ ކުލަބެއް ދޫކޮށް ދިއުމަކީ ކުރިމަތިވި އެންމެ ބޮޑު ހިތާމަކަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

ރޮނާލްޑޯ އަކީ ރެއާލް އަށް ކުޅުނު ދުވަސްވަރު އެ ކުލަބުގެ އެންމެ މޮޅު އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާވެސް މެއެވެ. އަދި ރޮނާލްޑޯ ވަނީ އެ ކުލަބާއި އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.