އައްޑޫ ސިޓީ ހުޅުދޫގައި މިހާރު ކުރިއަށް ދާ “ރަސްރަނި ނެޓްބޯޅަ ޗެލެންޖް” ގައި މިއަދުވެސް ދެ މެޗު ކުޅެފައިވާއިރު މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމ މިފްކޯ އާއި ހުޅުމީދޫ ހެލްތް ސެންޓަރުގެ ޓީމެވެ.
މިއަދު ހަވީރު ހުޅުދޫ ރަސްމީ ދަނޑުގައި ކުޅުނު މި މެޗު 20-27 ގެ ނަތީޖާއިން ހުޅުމީދޫ ހެލްތް ސެންޓަރގެ ޓީމުން ކާމިޔާބުކޮށްފައިވާއިރު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހައްވާ މައިސާއެވެ.
މިއަދު ކުޅުނު ދެ ވަނަ މެޗުގައި މީދޫ ވެރިއަރސް އާއި ފެނަކަ ބައްދަލުކުރި ފޯރިގަދަ މެޗުގައި 12-29 އިން ފެނަކަ ކާމިޔާބުކުރިއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެނަކަ ޓީމްގެ ހައްވާ ނިޝާއެވެ.

ހެލްޕިންގ ސޯޝަލް ކެއާ (އެޗް.އެސް.ސީ) އިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މާދަމާވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ،މި ގޮތުން މާދަމާގެ ފުރަތަމަ މެޗުގައި ހުޅުދޫ ޔޫތު އާއި ޓީމް މިފްކޯ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމްޓީސީސީ އާއި ފެނަކައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ދިނުމަށް ހަމަ ޖެހިފައިވާ އިރު ރަނަރއަޕް ޓީމަށް 5000ރ ދިނުމަށް ހަމަ ޖެހިފައި ވެއެވެ.