English Edition
Dhivehi Edition

ސައުދީ އަރަބިއްޔާއަކީ އޭސިއާ ބައްރުގައި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ގައުމަކަށް ވީނަމަވެސް ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގައި މާ ފާހަގަކޮށްލެވޭ ގައުމެއް ނޫނެވެ. މިހާތަނަށް ހަތަރު ވޯލްޑް ކަޕް ކުޅެފައިވީ ނަމަވެސް އެންމެ ވޯލްޑް ކަޕެއް ފިޔަވާ ސައުދީއަށް މުބާރާތުގެ ދެވަނަ ބުރާއި ހަމައަށް ވެސް ދެވިފައެއް ނުވެއެވެ.

ސައޫދީ އަރަބިއާ އެންމެ ފުރަތަމަ ކޮލިފައިވީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތަށެވެ. އެ އަހަރު މުބާރާތުގެ ގަދަ 16 ވަނަ ބުރަށް ސައޫދީ ދަތުރުކުރިއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އެގައުމަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އޭގެ ފަހުން 1998، 2002 އަދި 2006ގެ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ ވާދަކުރި ނަމަވެސް، ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ގޮތެއްނުވި އެވެ.

ސައުދީ އަރަބިއްޔާ ވޯލްޑް ކަޕަށް ކޮލިފައިވީ އޭސިއަން ކޮލިފައިންގެ ތިން ވަނަ ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ވަރުގަދަ ގައުމުތަކެއް ވާދަކުރި މި ގުރޫޕުގެ އެއްވަނަ ސައުދީ އަރަބިއާއި ހޯދީ ކޮލިފައިން ތިންވަނަ ބުރުގައި އެޓީމު ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުކާމިޔާބު ކޮށްގެންނެވެ. އެއް މެޗުން ބަލިވި އިރު، ދެމެޗުން ވަނީ އެއްވަރުވެފައެވެ. މި ގުރޫޕުގެ އެއްވަނަ ސައުޑީން ހޯދީ 23 ޕޮއިންޓާއި އެކުގައެވެ.

ސައުދީ ޓީމުގެ މުހިންމު ކުޅުންތެރިންނަސް ބަލާއިރު، އެ ގައުމަކީ މާ މޮޅު މަޝްޙޫރު ތަރިންތަކެއް ތިބި ގައުމެއް ނޫނެވެ. އަދި މޮޅު ތަރިން އުފެދޭ ގައުމެއްވެސް ނޫނެވެ. ނަމަވެސް ސައުދީ ޓީމުގައި ވެސް ފާހަގަކޮށްލެވޭ މަދު ކުޅުންތެރިންތަކެއް އެބަތިއްބެވެ. އެގޮތުން ޔާސިރް އަލް ޝަހްރާނީ އާއި ފިރާސް އަލް ބުރައިކާން އަކީ ސައޫދީ ޓީމުން އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނެވެ.

ސައޫދީ ޓީމުގެ ކޯޗަށް ބަލާއިރު، އެގައުމުގެ ކޯޗަކަށް މިވަގުތު ހުރީ ފްރާންސް އަށް އުފަން ހަވޭ ރެނާޑްއެވެ. އޭނާ ސައުދީ އަރަބިއްޔާގެ ގައުމީ ޓީމާ ހަވާލުވީ 2019 ގަ އެވެ. އޭގެ ކުރިން އޭނާ މަސައްކަތްކުރީ މޮރޮކޯގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައެވެ. ރެނާޑް ވަނީ މީގެ ކުރިން ޒެމްބިއާ، އެންގޯލާ އަދި އައިވަރީކޯސްޓް ޓީމުގެ ކޯޗުކަން ވެސް ކޮށްފައެވެ. އެގޮތުން ޒެމްބިއާއާއި އެކު ރެނާޑް ވަނީ 2012 ގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފަ އެވެ. އަދި 2015 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް އައިވަރީކޯސްޓާއި އެކު ވެސް ކާމިޔާބު ކުރިއެވެ.

ގުރޫޕް ސްޓޭޖުގައި ސައޫދީ އަރަބިއާ ކުޅެން ހަމަޖެހިފައިވާ މެޗުތައް

22 ނޮވެމްބަރ 2022 | އާޖެންޓީނާ – ސައުދީ އަރަބިއާ | 15:00

26 ނޮވެމްބަރ 2022 | ޕޮލެންޑް – ސައުދީ އަރަބިއާ | 18:00

1 ޑިސެމްބަރ 2022 | ސައުދީ އަރަބިއާ – މެކްސިކޯ | 00:00