English Edition
Dhivehi Edition

ހުޅަނގުގެ ޤައުމުތަކުން ރާއްޖެއާއިމެދު ގެންގުޅެނީ ތަފާތުކުރުމުގެ ސިޔާސަތެއް ކަމަށާއި، ރާއްޖޭގެ ދާޚިލީ ކަންކަމާއި ނުބެހުމަށް އެހެން ޤައުމުތަކަށް މީގެކުރިންވެސް ގޮވާލާފައިވާނެކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި އަދި ޚާރިޖީ ސިޔާސާތު ގެންގުޅޭ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް އިންޑިއާ އާއި އެމެރިކާއިން ބޭއްވި މަޝްވަރާތަކާ ބެހޭ ގޮތުން އަހްމަދު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ކަންކަން ހިނގަމުންދަނީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމުގައެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އިންޑިއާގެ ޚާރިޖިއްޔާގައި ބޭއްވި މި ބައްދަލުވުމުގައި އެމެރިކާ ވަފުދުން ވަނީ ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަވަމުންދާ މައްސަލައާއި ބެހޭ ގޮތުން ވާހަކަދައްކާފައެވެ. މީގެ އިތުރުން ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިޔުމުގެ މައްސަލައިގައި ވެސް އެ ދެޤައުމުން ވަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކާފައެވެ. މިގޮތުން އައިއެސްގެ ބާރު މިހާރު ކެނޑި އައިއެސްގެ ހަނގުރާމަވެރިން އަނބުރި ޤައުމުތަކަށްދާން ފަށާފައިވާއިރު، އޭގެ ތެރޭގައި ހައްދުފަހަނައަޅާފައިވާ ފިކުރުގެ ދުއިސައްތައެއްހާ ދިވެހިން ހިމެނޭކަމަށް އިންޑިއާއާއި އެމެރިކާއިން ބުނެފައިވާއިރު ދެގައުމުންވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު ބައިވެރިވެޑައިގެންނެވި ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާއިރު ސިޔާސީ ހައްޔަރީންގެ މައްސަލަ އާއި މަޖިލީހުގެ އިދާރާއަށް ސިފައިން ވެއްދި މައްސަލަ އާއި ބެހޭ ގޮތުން ދެ ގައުމުގެ އެބޭފުޅުންވަނީ ވާހަކަދައްކާފައެވެ.

ރާއްޖޭގެ ދާހިލީ ކަންތައްތަކާއި ނުބެހުމަށް އަހްމަދު މުހައްމަދު ގޮވާލާފައިވާއިރު، މީގެ ކުރިން ރާއްޖެއިންވަނީ ގައުމުގެ ދާހިލީ ކަންކަމާއި އެތެރޭގެ މައްސަލަތަކަށް ނުފޫޒު ފޯރުވާ އިންސާފުން ބޭރުން އަމަލު ކުރަމުން ދާކަމަށް ބުނެ ކޮމަންވެލްތުންވެސް ވަކިވެފައެވެ.