އައްޑޫ ފުޓްބޯޅަ ޗެންޕިއަންޝިޕް 2022 ގައި ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ގުރުޕޫ ބީގެ މެދުވަލު އެފްސީ ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު އައްޑޫ ސިޓީ ސްޓޭޑިއަމުގައި އެ ގުރޫޕުގެ ޒުވާން ޓީމު، ފާހި ސްޕޯޓްސް އަތުން މޮޅުވީ 2-7 ލަނޑުންނެވެ. މި މެޗުން މޮޅުވުމުން މެދުވަލު އެފްސީ ވަނީ މި މުބާރާތުގެ ގުރޫޕު ސްޓޭޖުގައި އެ ޓީމުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ޖުމުލަ 20 ލަނޑު ކާމިޔާބު ކޮށްފައެވެ. މެދުވަލު ޓިމުގެ ބައިކޮޅަށް ވަން ހަމަ އެކަނި ލަނޑަކީ މިއަދު ފާހި ޓިމުން ޖަހާލި ލަނޑު އެކަންޏެވެ. ފާހި ސްޕޯޓްސް މުބާރާތުން ވަކިވެގެން ދިޔައިރު އެ ޓީމުންވަނީ އެންމެ ވަރުގަދަ މެދުވަލު އެފްސީ ދެކޮޅަށް ރަނގަޅު ފައިޓެއް ދީފައެވެ. އޭގެ ނަތީޖާ އަކީ މެދުވަލު އެފްސީގެ ޑިފެން ފޫއަޅުވައި ލަނޑު ޖަހައިލުމެވެ.
ވާދަވެރި ނަލަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުންވެސް ރަނގަޅު ފުރުސަތުތައް ހޯދާފައި ވެއެވެ. އެ ގޮތުން ފާހި ސްޕޯޓްސް އަށް ލިބުނު ފުރުސަތުތަކުން ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފާހި ސްޕޯޓްސްއިންނެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ 5 ވަނަ މިނިޓުގައި ހުސެއިން ޝާމިނެވެ. މި ލަނޑަށްފަހު ފާހި ޓީމުން އިތުރު ލަނޑު ޖަހަން މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެނުނެވެ. ނަމަވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިގެން އުޅެނިކޮށް މެދުވަލު އެފްސޢިން ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 7 ވަނަ މިޓުގައ ޗޯޓު ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައެެވެ. މެޗު އެއްކޮށްހެން މެދުވަލު އެފްސީގެ ކޮންޓޮރޯލަށް ގެނެންސްގެ ކުޅެމުންދިޔައިރު އިތުރު ލަނޑު ތަކެއް ވެސް ޖެހިއެވެ. އެގޮތުން 11 ވަނަ މިނިޓުގައި ޗޯޓުގެ ދެވަނަ ލަނޑު ފެނިގެން ދިޔއަިރު، 16 ވަނަ މިނިޓުގައި ނާފިއު ލަނޑެއް ޖަހައިދިނެވެ. މި މެޗުގައި ގިނަ ލަނޑުތަކެއ ފެނިގެންދާނެ ކަމަށް ގިނަ ސަޕޯޓަރުން އުއްމީދު ކުރިނަމަވެސް، ފާހި ސްޕޯޓްސް އިން ރަނގަޅު ކުޅުމެއް ދައްކާފައިވާކަން ފާހަގަކުރެވެއެވެ. މި މެޗުގައި ދެން ފެނިގެން ދިޔައީ ކެޕްޓަން ބޮންޑާގެ ރީތި ހެޑަރއެކެވެ. އަރިމަތިން ނަގާދިން ހުރަހަކުން ބޮނޑާ ބޮލުން ޖަހައި ފޮނުވާލި ބޯޅަ ސީދާ ގޯލުގެ ތެރެއަށް ވައްދައިގެން މެދުވަލު ޓީމުގެ ވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިރާޖް، ބެކޭގެ ވަންޓަޗް ފިނިޝް އިން ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 5-1 އިން މައިލޯ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ފާހި ސްޕޯޓްސް އިން ގޯލުގެ ފަރަގު ކުޑަ ކުުރެވޭތޯ މަސައްކަތް ކުރިއެވެ. އެ ގޮތުން އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބު ކުރިއެވެ. މެޗުގެ 49 ވަނަ މިނިޓުގައި ލިބުނު ޕާހަކުން، ވައަތުފައިން ބާރަށް ފޮނުވާލި ބޯޅަ ސީދާ ގޯލުގެ ކަނަށް ފޮނުވާލައިގެން އާއިޝް ސަރީރު 5-2 އަށް ނަތީޖާ ބަދަލު ކޮށްދިނެވެ. އެހެންނަމަވެސް، އަޝްފާޤު ގެ މަސައްކަތުން 78 ވަނަ މިނިޓުގައި އޭނާ ވަނީ އިތުރު ލަނޑެއް މެދުވަލު ޓީމަށް ޖަހައިދީފައެވެ. ދެވަނަ ހާފުގައި މެދުވަލު ޓީމުގެ ފޯވާޑުން ފާހި ޓީމުގެ ގޯލަށް ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާފައިވެއެވެ. އެ ޓީމުގެ ކީޕަރ ވަނި މި ހަމަލާތައް ހިވާގިކަމާއެކީ ދިފާއު ކޮށްދީފައެވެ.
މެޗުގެ އިތުރު ވަގުތުގައި މެދުވަލު ޓީމުގެ އަލީ ނަދީމު އޭރިއާއިން ބޭރުގައި ހުރެ މަތިން ފޮނުވާލި ބޯޅަ ކީޕަރުގެ ފަހަތައް ވެއްޓި ގޯލު ތެރެއަށް ވަދެގެން ދިޔައެވެ. މި ލަނޑާއެކު މެޗު ނިމިގެން ދިޔައި 7-2 އިން މެދުވަލު އެފްސީ މޮޅުވެެގެންނެވެ.
މި މެޗަށް ފަހު މަޝްހޫރު ފޯވާޑް ދަގަނޑޭ ވަނީ ސަޕޯޓަރުންނާއި ކުޅުންތެރިންނާއި އަދި މި ނޫންވެސް މީހުންނާއި އެކު ފޮޓޯ ނަގާފައެވެ. އަދި ޒުވާން ޓީމު ފާހި ސްޕޯޓްސްގެ ޓީމާއެކުވެސް ފޮޓޮ ނަގާފައިވެއެ. އެ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ލިބިގެންދާ ހިއްވަރަކަށް މި މެޗު ވެގެން ދިޔައެެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗުތައް ނިމި މިހާރު ވަނީ ސެމި ފައިނަލިސްޓުުން ކަށަވަރު ވެފައެވެ. މި މަހު 12 ވަނަ ދުވަހު ސެމީ ފައިނަލް ގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގުރޫޕު އޭ ގެ އެއް ވަނަ، އެފްސީ ބޭރުމައްޗާއި، ގުރޫޕް ބީ ގެ ދެވަނަ، މަރަދޫ އެފްސި އެވެ. އަދި 13 ވަނަ ދުވަހު ކުޅޭ ދެވަނަ ސެމީ ގައި ބައްދަލު ކުރާނީ ގުރޫޕް ބީގެ އެއް ވަނަ، މެދުވަލު އެފްސީ އާއި ގުރޫޕު އޭ ގެ ދެ ވަނަ ފޭދޫ ސްޕޯޓްސް އެވެ.
މި މުބާރާތުގެ ޓައިޓުލް ސްޕޮންސަރަކީ ހެޕީ މާކެޓް ޓްރޭޑިން އެވެ.