English Edition
Dhivehi Edition

ވޭލްސްއަކީ ޔޫރަޕުގައި ވެސް އަދި ދުނިޔޭގެ ފެންވަރުގައި ވެސް ފުޓުބޯޅައިގެ މާ މާބޮޑު ތާރީހެއް އޮތް ޓީމެއް ނޫނެވެ. އެޓީމަށް 1958ގެ ވޯލްޑް ކަޕް ފިޔަވައި، ވޯލްޑްކަޕްގެ އެހެން އެއްވެސް މުބާރާތަކުން ފުރުސަތު ލިބިފައެއް ނުވެއެވެ. މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ އެޓީމުން ކުޅޭނެ ދެވަނަ ވޯލްޑް ކަޕެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ވޭލްސް ކޮލިފައި ވީ ގްރޫޕު އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއްވަނައިގެ ގޮތުގައި ކޮލިފައި ވީ ބެލްޖިއަމްއެވެ. ވޭލްސް ވަނީ ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ ތިން މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެފައެވެ. އެޓީމަށް ލިބުނީ 15 ޕޮއިންޓެވެ. އެއީ ގުރޫޕުގެ އެއްވަނަ ހޯދި ބެލްޖިއަމް އަށް ވުރެ 5 ޕޮއިންޓް މަދު އަދަދެކެވެ.

ވޭލްސްގެ ކޯޗަކީ އެގައުމަށް އުފަން އުމުރުން 48 އަހަރުގެ ރޮބް ޕޭޖެވެ. ވޭލްސްގެ ގައުމީޓީމާއި މިހާރު ހަވާލުވެ ހުރި ރޮބް ޕޭޖް އަކީ ވޭލްސްގެ ކުރީގެ އެސިސްޓެންޓް ކޯޗެވެ. ވޭލްސްގެ ޓީމާއި ރޮބް ޕޭޖް ހަވާލުވީ ކުރިން ކޯޗު ކަމުގައި ހުރި ރަޔަން ގިގްސް ގެވެށި އަނިޔާގެ ތުހުމަތު ކުރެވި ވަޒީފާއިން ވަކިކުރުމުންނެވެ. ޕޭޖް ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ފެށީ، އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގެ ކްލަބު ޕޯޓް ވޭލްގަ އެވެ. އޭގެ ފަހުން ތިން ވަނަ ޑިވިޝަންގެ ކްލަބު ނޯތުހެމްޓަން ޓައުންގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އިންޓަނޭޝަލް ކޯޗިން މަރުހަލާ އާ އޭނާ ގުޅުނީ، ވޭލްސް 21 އަހަރުން ދަށުގެ ޓީމުންނެވެ.

ޕޭޖް ވޭލްސްގެ ސީނިއަރ ޓީމާއި ހަވާލުވެ މިހާތަނަށް ނެރުނު ނަތީޖާތަކަށް ބަލާއިރު، މި ވީ ދެ އަހަރުގެ ތެރޭގައި ވޭލްސް ކުޅުނު 28 މެޗުގެ ތެރެއިން މޮޅުވީ އެންމެ 10 މެޗުންނެވެ. 9 މެޗުން ބަލިވިއިރު، 9 މެޗުން ވަނީ އެއްވަރުވެފައެވެ.

ކުޅުންތެރިންނަށް ބަލާއިރު، ވޭލްސް އަކީވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެކެވެ. ވޭލްސްއިން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ގެރެތް ބޭލްސް، ޑެނިއަލް ޖޭމްސް، ބްރެނަން ޖޯންސަން، އާރޮން ރަމްސޭ އަދި ނެކޮ ވިލިއަމްސް ފާހަގަކޮށްލެވެއެވެ.

ގުރޫޕު ސްޓޭޖުގައި ވޭލްސް ކުޅެން ހަމަޖެހިފައިވާ މެޗުތައް

22 ނޮވެމްބަރ 2022 | ޔޫއެސްއޭ – ވޭލްސް | 00:00

25 ނޮވެމްބަރ 2022 | ވޭލްސް – އިރާން | 15:00

30 ނޮވެމްބަރ 2022 | ވޭލްސް – އިންގްލެންޑް | 00:00