English Edition
Dhivehi Edition
އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމު

ތަރިން ގިނަ އިންގްލެންޑަކީ ދުނިޔޭގެ ފުތްބޯޅައިގައި ގަދަ ބާރެކެވެ. މިވަގުތު ފީފާ ރޭންކިންގެ ފަސްވަނާގައި އޮތް އިންގްލެންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕަކުން ފެނިލީ 1950 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުން އިންގްލެންޑް ވަކިވާން ޖެހުނި ގުރޫޕް ސްޓޭޖުންނެވެ. ނަމަވެސް ޖެހިގެން އައި ތިން މުބާރާތުގެ ތެރެއިން ދެ މުބާރާތުގެ ކުއާޓާ ފައިނަލް ކުޅުނެވެ. އެއީ 1954 ވަނަ އހަރު ސްވިޒަލެންޑްގައި ބޭއްވުނު މުބާރާތާއި 1962 ވަނަ އަހަރު ޗިލީގައި ބޭއްވުނު މުބާރާތުގައެވެ. ޖެހިގެން އައި 1966 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގެ ތަށި އިންގެލެންޑުން އުފުލާލިއެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި އިންގްލެންޑުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އޭގެ ފަހުން މި މުބާރާތުގެ ފައިނަލާއި ހަމައަށް ވެސް އިންގްލެންޑަށް ދަތުރު ކުރެވިފައެއް ނުވެއެވެ. އެންމެ ދުރައްވެސް ދެވިފައިވަނީ 2018 ވަނަ އހަރު ރަޝިއާގައި ބޭއްވުނު ވޯލްޑް ކަޕުގެ ސެމީފައިނަލަށެވެ. މިއީ 1966 ވަނަ އަހަރު މި މުބާރާތުގެ ތަށި ނެގިފަހުން އިންގްލެންޑަށް އެންމެ ދުރައްވެސް ދެވުނު ފަހަރެވެ.

އިންގްލެންޑުން ވޯލްޑް ކަޕުގައި ހޯދި އެންމެ ބޮޑުކާމިޔާ، 1966 ވަނަ އަހަރުގެ މުބާރާތު ތަށި އުފުލާލުން

އިންގްލެންޑް މިފަހަރުގެ މުބާރާތަށް ކޮލިފައިވީ ޔޫރަޕް ސަރަހައްދުގެ އެޓީމް ހިމެނުނު ގްރޫޕް އައިގެ އެއްވަނަ މަޤާމް ހޯދައިގެންނެވެ. “ތްރީ ލަޔަންސް” ގެ ނަމުން މަޝްހޫރުވެފައިވާ އިންގްލެންޑް ވޯލްޑްކަޕްގައި ތަމްސީލުކުރާ މިއީ، 15 ވަނަ ފަހަރެވެ. 1872 ވަނަ އަހަރު ސްކޮޓްލެންޑާއި ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗަކީ ދުނިޔޭގެ ތާރީޚުގައި ކުޅުން ފުރަތަމަ ބައިނަލްއަޤްވާމީ މެޗެވެ.

ވަރުގަދަ ލީގެއް އޮންނަ އިންގްލެންޑް ބައިނަލްއަޤްވާމީ މުބާރާތްތަކާއި ކުރިމަތިލަނީ މޮޅެތި ކުޅުންތެރިންނާއި އެކުއެވެ. ނަމަވެސް ރަނގަޅު ކާމިޔާބެއް ހޯދިފައިނުވާތީ އެޓިމް ވެފައިވަނީ އެންމެ ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވާ ޤައުމަށެވެ.

މިފަހަރުގެ މުބާރާތުގައި އެމެރިކާ އާއި އީރާންގެ އިތުރުން ވޭލްސްއާއި ކުރިމަތިލާން ޖެހޭއިރު ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަކީވެސް އެޤައުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ.

އިންގްލެންޑު ޓީމުގެ ކޯޗު ގަރެތް ސައުތްގޭޓް

2016 ވަނަ އަހަރުން ފެށިގެން އިނގިރޭސީންގެ ކޯޗުގެ މަޤާމް ފުރަމުން އަންނަ އެޤައުމަށް އުފަން އުމުރުން 52 އަހަރުގެ ގަރެތް ސައުތްގޭޓް އަކީ ތަޖުރިބާކާރު ކޯޗެކެވެ. އިންގްލެންޑް ޤައުމީ ޓީމާއިއެކު މިހާތަނަށް ސައުތްގޭޓް ކޮށްފައިވާ ތަޖުރިބާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2020 ވަނަ އަހަރުގެ ޔުރޯ ފުޓްބޯޅަ މުބާރާތާއި އަދި 2019 ވަނަ އަހަރުގެ ނޭޝަންސް ލީގެވެ. އެމުބާރާތްތަކުގެ ތެރެއިން 2018 ގެ ވޯލްޑް ކަޕުގެ ހަތަރުވަނަ އިންގްލެންޑުން ހޯދިއެވެ. އަދި 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލް ކުޅުނެވެ. އަދި 2019 ގެ ނޭޝަންސް ލީގުގެ ތިންވަނަ ހޯދިއެވެ.

ދުނިޔެގޭ ޗެޕްޕިއަންކަން ދެވަނަ ފަހަރު ހޯދުމުގެ އުއްމީދުގައި މިފަހަރުގެ މުބާރާތާއި ކުރިމަތިލާ އިންގްލެންޑަކީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ނޫންކަމަށް ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ބުނެއެވެ.

ފޯޑޭން އަދި ޖޫޑް ބެލިންގަމް

އިންގްލެންޑަކީ އަބަދުވެސް ތަރިން ގިނަ ޓީމެކެވެ. ކޮންމެ މުބާރަތަކަށްވެސް އެޓީމުން ދަނީ ދުނިޔޭގެ މޮޅެތި ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމަނައިގެންނެވެ. ގިނަ މުބާރާތްތަކުގައި އެންމެ މަގުބޫލު އެއް ޓީމަކަށްވެސް ވެފައި އޮންނަނީ އިންގްލެންޑެވެ. މިއަހަރުގެ ވޯލްޑް ކަޕަށް ދާ އިންގްލެންޑް ޓީމުންވެސް ތަރިންތަކެއް ފެންނާނެއެވެ. ފަހަތުން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ފެނިގެންދާއިރު، މެދު ތެރެއިން މެންޗެސްޓާ ސިޓީގެ ޒުވާން ތަރި ފިލް ފޮޑެންއާއި ބޮރޫޝިއާ ޑޯޓްމުންޑްގެ ޒުވާން މިޑްފީލްދަރ ޖޫޑް ބެލިންގަމް އަދި ޗެލްސީގެ ތަރި މޭސަން މައުންޓް ފަދަ ކުޅުންތެރިން ފެނިގެންދާނެއެވެ. އިންގްލެންޑްގެ ފޯވަޑްލައިން ލީޑް ކުރާނީ ހެރީ ކޭންއެވެ. އަރިމަތިން މާކަސް ރަޝްފޯޑާއި ރަހީމް ސްޓޭލިން ފެނިގެންދާނެކަމަށް ބެލެވެއެވެ. އިންގެލްންޑުން ގިނަ ޒުވާން ކުޅުންތެރިން ޓީމުގައި ހިމެނުމަކީ އެޓީމުގެ ނަތީޖާ ފެނިގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އިންގްލެންޑް ގުރޫޕް ސްޓޭޖުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް

21 ނޮވެމްބަރ 2022 | އިންގްލެންޑް – އިރާން | 18:00

26 ނޮވެމްބަރ 2022 | އިންގްލެންޑް – ޔޫއެސްއޭ | 00:00

30 ނޮވެމްބަރ 2022 | ވޭލްސް – އިންގްލެންޑް | 00:00