English Edition
Dhivehi Edition

ޖަރުމަނު ލީގުގައި ރޭ ހާތާ ބާލިން ބަލިކޮށް ޗެމްޕިއަން ބަޔާން މިއުނިކް ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

ހާތާ ބާލިންގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން ބަޔާނަށް ލީޑު ނަގައިދިނީ ޖަމާލް މުސިއާލާއެވެ. ބަޔާންގެ އަނެއް ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ޗުޕޯ-މޯޓިންއެވެ. އޭނާގެ ފުރަތަމަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ޖެހިއިރު، ދެވަނަ ލަނޑު ޖެހީ 38 ވަނަ މިނެޓުގައެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިނަ ހާތާ ބާލިން އިން ވަނީ ފުލުފުލު ދެ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި ހާތާ ބާލިންގެ ފުރަތަމަ ލަނޑު ޖެހީ ޑޯޑީ ލުކެބޭކިއޯއެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 45 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީއަކުން ޑޭވިޑް ސެލްކޭއެވެ.

މެޗުގެ ދެ ވަނަ ހާފަށް ނުކުމެ ނަތީޖާ ބަދަލުކޮށްލުމަށް ހާތާ ބާލިންއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ބަޔާންގެ ވަރުގަދަ ޑިފެންސުން ވަނީ ހާތާ ބާލިންއިން ކުރި މަސައްކަތައް ހުރަސް އަޅާފައެވެ.

މެޗު ނިމުނީ ފުރަތަމަ ހާފުގެ ނަތީޖާއަށް ބަދަލެއް ނައިސް ބަޔާން ކުރީގައި އޮވެގެންނެވެ.

މެޗުން މޮޅުވެ ބަޔާން އެއް ވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓާ އެކުއެވެ. ބަޔާނަށްވުރެ އެއް މެޗު މަދުން ކުޅެ ދެ ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް ލިބެނީ 26 ޕޮއިންޓެވެ. ލީގުގައި އާދިއްތަ ދުވަހުގެ ރޭ ބަޔާ ލެވަކޫސަން ބަލިކޮށްގެން ޔޫނިއަން ބާލިން އަށް އަލުން އެއް ވަނަ އަށް އެރޭނެއެވެ.