English Edition
Dhivehi Edition
ސެނެގާލް ގައުމީ ފުޓްބޯޅަ ޓީމް

ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ސެނެގާލް މިހާތަނަށް ވޯލްޑް ކަޕްގައި ވާދަކުރީ އެންމެ ދެފަހަރު އެވެ. އެއީ ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ގައި އޮތް ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ރަޝިއާގައި ކުޅެވުނު ވޯލްޑް ކަޕުގައެވެ. އެގައުމުން އެންމެ ފުރަތަމަ ވާދަކުރި 2002 ވަނަ އަހަރުގެ މުބާރާތުގައި ސެނެގާލް އިން ނެރުނީ ހައިރާންކުރުވި ނަތީޖާއެކެވެ. އެގޮތުން އޭރުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް ފުރަތަމަ މެޗުން ކުރި ހޯދި އެވެ. މިއީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ އެވެ. އެ މުބާރާތުގައި ސެނެގާލް ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. އެކަމަކު ކުއާޓާ ފައިނަލްގައި ތުރުކީ އަތުން ބަލިވެ، ކެޓީ އެވެ. މިއީ 2002 ވަނަ އަހަރުގެ މުބާރާތަށް ފަހުން ސެނެގާލް ވާދަކުރާ ދެވަނަ ވޯލްޑް ކަޕެވެ.

2002 ގެ ވޯލްޑް ކަޕުގެ ތެރެއިން

ސެނެގާލް މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޕްލޭއޮފް ކުޅެގެންނެވެ. ޕްލޭއޮފްގައި ސެނެގާލް ވާދަކުރީ މިސްރާއެވެ. ދެ މެޗުވެސް އެއްވަރުވެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީން މިސްރުގެ މައްޗަށް ސެނެގާލް ކުރި ހޯދިއެވެ. ޕްލޭއޮފްގައި މިސްރު ކަޓުވާލި ސެނެގާލް ޕްލޭއޮފަށް ދިޔަ ނަމަވެސް ކޮލިފައިންގައި އެޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބު ކުރިއެވެ. އަނެއް ތިން މެޗުން ވީ އެއްވަރެވެ.

ސެނެގާލް ކޯޗް އަލިއޫ ސީސޭ

ސެނެގާލްގެ ކޯޗަކީ އަލިއޫ ސީސޭއެވެ. އޭނާ އަކީ އެ ގައުމުގައި ކުޅުންތެރިއެއް ގޮތުގައިވެސް އަދި ޗޯޗެއްގެ ގޮތުގައި ވެސް މަގްބޫލު މީހެކެވެ. 2002ގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ސެނެގާލް ޖާގަ ހޯދައި، އެ ޓީމު ތާރީހުގެ ތެރެއަށް ވެއްދި ޓީމުގެ ކެޕްތަނަކީ ސީސޭ އެވެ. ސީސޭ ވަނީ ސެނެގާލްގެ ގައުމީ ޓީމަށް 35 މެޗު ކުޅެފަ އެވެ. ފްރާންސާއި އިނގިރޭސިވިލާތުގެ ކްލަބުތަކަށް އޭނާ ކުޅުނެވެ. ކޯޗިން ދާއިރާ އަށް ސީސޭ ނުކުތީ 2012 ވަނަ އަހަރެވެ. ކޯޗިންގައި ސީސޭގެ އެންމެ ފުރަތަމަ ތަޖުރިބާ އަކީ ސެނެގާލްގެ 23 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗުކަމެވެ. އެއަށް ފަހު 23 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން އޭނާ ކުރި އެވެ. ސެނެގާލްގެ ގައުމީ ޓީމާ އޭނާ ހަވާލުވީ 2015 ވަނަ އަހަރެވެ. ސީސޭ ވަނީ މިދިޔަ އަހަރު ކުޅެވުނު އެފްރިކަން ކަޕް އޮނޭޝަންސް ސެނެގާލް އަށް ކާމިޔާބު ކޮށްދީފައެވެ.

ސަދިއޯ މާނޭ

ކުޅުންތެރިންނަށް ބަލާއިރު ސެނެގާލް އަކީ ތަރިންތަކެއް ތިބި ޓީމެކެވެ. އޭގެތެރޭގައި ޗެލްސީއަށް ކުޅެމުން އަންނަ ގޯލް ކީޕަރު އެޑުއާޑް މެންޑީ އާއި ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ސަދިއޯ މާނޭގެ އިތުރުން ކަލިދޫ ކޮލިބަލީ އަދި އިދިރިސާ ގުއޭޔޭ ފާހަގަކޮށްލެވެއެވެ. މި ހުރިހާ ކުޅުންތެރިންނަކީ ވެސް މިވަގުތު ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިންނެވެ. މި ކުޅުންތެރިންނާއި އެކު މިފަހަރުގެ ވޯލްޑް ކަޕުގައި ސެނެގާލް ތަފާތު ދައްކާނެކަމަށް ބެލެވެއެވެ.

ގުރޫޕް ސްޓޭޖުގައި ސެނެގާލް ކުޅެން ހަމަޖެހިފައިވާ މެޗުތައް

21 ނޮވެމްބަރ 2022 | 21:00 ސެނެގާލް – ނެދަލެންޑްސް

25 ނޮވެމްބަރ 2022 | 18:00 ގަތަރު – ސެނެގާލް

29 ނޮވެމްބަރ 2022 | 20:00 އެކުއެޑޯ – ސެނެގާލް