ސ.ގަން އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ބައިނަލް އަޤުވާމީ ވައިގެ ބަނދަރުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ހަރަކާތްތެރިވާނެ ގޮތް ވަޒަން ކުރުމަށް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ.
ހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ ފަރާތްތައް ހަރަކާތްތެރިވާންޖެހޭ ގޮތް އަންގައިދޭ “އެއާޕޯޓް އިމަޖެންސީ ޕްލޭން” ޓެސްޓް ކުރުމާއި، އެފަދަ ހާދިސާއެއްގައި ހަރަކާތްތެރިވާ ގޮތް ވަޒަންކުރުމުގެ ފުލްސްކޭލް އިމަޖެންސީ އެކްސަސައިޒް ބާއްވާފައިވަނީ ގަން އެއަރޕޯޓް ކޮމްޕެނީގެ އިތުރުން، އެމްއެންޑީއެފް ސަދަން އޭރިއާއި އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި މި ހަރަކާތާއި ގުޅުންހުރި މުއަސްސަސާތައް ގުޅިގެންނެވެ.
“އެކްސަސައިޒް މާރަނގަ 22″ ގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތް ފެށުނީ ބުދަ ދުވަހުގެ 0900 ގައެވެ. މި ތަމްރީނު ނިންމާލީ އެދުވަހު މެންދުރުފަހު 3 ޖެހިއިރެވެ.
މި އިމަޖެންސީ އެކްސައިސައިޒް ކުރިއަށް ގެންދިއުމަށް ކަމާބެހޭ ތަޖްރިބާހުރި ބައެއް ފަރާތްތަކުން ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން މި ޙަރަކާތް އޮބްޒާވް ކުރުމަށްވެސް ގިނަ އިދާރާ ތަކަކުން ބައިވެރިވި ކަމަށް އެއަރޕޯޓް ކޮންޕެނީން މަޢުލޫމާތު ދެއްވައެވެ.
މިތަމްރީނުގައި ވަނީ އެއާބަސް މަރުކާގެ ބޯޓެއް ލޭންޑްކުރުމުގެ ތެރޭގައި ވެއްޓުމުން ޢަމަލުކުރާނެ ގޮތް ދައްކުވައިދީފައެވެ. އެގޮތުން މި ޙާދިސާގައި ޒަޚަމްވެފައިވާކަމަށް ބެލެވޭ ފަސިންޖަރުން ވައިގެ ބަނދަރުން ސިއްހީ އިދާރާތަކަށް ގެންދިއުމުގެ ހަރަކާތްތައް ހިނގަމުންދާ މަންޒަރު އަސްލާ އެއްގޮތަށް ކުރިއަށް ގެންގޮސްފައިވެއެވެ.
މިއީ އެއަރޕޯޓް އިމަރޖެންސީ އެއް ދިމާވެއްޖެ ޙާލަތެއްގައި އެއަރޕޯޓާއި، ކަމާއިބެހޭ މުއައްސަސާތައް އެކަމަށް ތައްޔާރުވެފައިވާ މިންގަނޑާއި އެއަރޕޯޓުން ޚިދުމަތް ހޯއްދަވާ އެންމެހާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދެމެހެއްޓެނޭކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ބޭއްވި ތަމްރީނެކެވެ.
ގަން އެއަރޕޯޓުގައި ދޭތެރެ ދޭތެރެއިން މިފަދަ ފުލް ސްކޭލް އެމަޖެންސީ ތަމްރީނުތައް ހިންގަމުން ދެއެވެ. މި އެކްސަސައިޒް ހިނގަމުންދިޔަ ވަގުތު، ހިތަދޫ ހޮސްޕިޓަލުން ފެށިގެން ގަން އެއަރޕޯޓާއި ދެމެދު އިމަރޖެންސީ ވެހިކަލްތަކާއި މީހުން ޙަރަކާތްތެރިވިއިރު އެގަޑީގައިވަނީ އެސަރަޙައްދު ޢާންމުންނަށް ބަންދުކޮށްފައެވެ.
އެއަރޕޯޓު ކޮންޕެނީން ބުނީ އެކްސަސައިޒް ނިންމާލައި އާދައިގެ ހާލަތަށް މިހާރު ގަން ގެނެސް ނޮވެމްބަރު މަހުގެ 2ވަނަ ދުވަހުގެ ގެ މެންދުރު ފަހު 3:00 ގެ ފަހުން އެއާޕޯޓްގެ އޮޕަރޭޝަން ކުރިއެކޭ އެއްގޮތަށް ހިނގަމުން އަންނަ ކަމަށެވެ