English Edition
Dhivehi Edition
މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ - ފޮޓޯ: ގޫގުލް މެޕްސް (ޙުސައިން ޢާޒިމް)

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 31 ޑިސެމްބަރު 2019 ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ބީ.ޕީ.ޓީ ގެ ފައިސާ ނުދައްކައިވާ ފަރާތްތަކާއި 2020 އަދި 2021 ވަނަ އަހަރުގެ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ އިންކަމް ޓެކްސްގެ ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކައިވާ ފަރާތްތަކުގެ ނަން މީރާއިން މިއަދު ހާމަކޮށްފިއެވެ.

މިގޮތުން، މީރާއިން ޝާޢިއުކޮށްފައިވާ ލިސްޓުގައި ޖުމްލަ 393 ފަރާތެއްގެ ނަން ހާމަކޮށްފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ހިމަނައިފައިވާ ފަރާތްތަކުގެގެ ތެރެއިން ބަޔާން ހުށަހަޅައި ފައިސާ ދައްކާ ފަރާތްތައް މި ލިސްޓުން އުނިކުރެވޭނެ ވާހަކަ ވެސް މީރާއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، މި މުއްދަތުގައި ޓެކްސް ދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު އެއްފަހަރާ ދައްކާ ޚަލާސްކުރުމަށް އުޒުރުވެރިވާނަމަ، އިންސްޓޯލްމަންޓް ޕްލޭން ގެ ދަށުން މި އަދަދު ބައި ބަޔަށް ބަހައިލައިގެން ދެއްކޭގޮތަށް ހަމަޖެއްސޭނެ ވާހަކަވެސް މީރާއިން ވަނީ ބަޔާންކޮށްފައެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާކަމަށް މީރާއިން ނެރެފައިވާ އިޢުލާނެއްގައި ހާމަކޮށްފައިވެއެވެ.

މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.