English Edition
Dhivehi Edition

ތިރީގައި މިވަނީ އަނިޔާގެ ސަބަބުން އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކުޅުންތެރިންގެ ނަންނަތެކެވެ.

އެންގޯލޯ ކާންޓޭ ( ފްރާންސް)

ޗެލްސީގެ މިޑްފީލްޑަރ އެންގޯލޯ ކާންޓޭއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި އިޓަލީގެ އޭސީ މިލާނާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ފަލަމަސްގަނޑަށެވެ. މި އަނިޔާއާއި ގުޅިގެން ކާންޓޭއަށް ވަނީ ހަތަރު މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިފައެވެ. އެހެން ކަމުން މިފަހަރުގެ ވޯލްޑް ކަޕް ކާންޓޭއަށް ގެއްލޭނެއެވެ.

ރީސް ޖޭމްސް (އިންގްލެންޑް)

ރީސް ޖޭމްސްއަށް ވެސް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި އޭސީ މިލާނާއި ދެކޮޅަށް ކުޅުނުމެޗުގައި އޭނާގެ ކަނާތު ފައިގެ ކަކުލަށެވެ. ޖޭމް އަށް ވެސް ވަނީ މި އަނިޔާގެ ސަބަބުން ދެ މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ވަނީ ޖެހިފައެވެ. މި އަނިޔާއާއި ގުޅިގެން ޖޭމްސް މިހާރުވަނީ އޮޕަރޭޗަނެއް ވެސް ކޮށްފައެވެ.

ޑިއޭގޯ ޖޮޓާ (ޕޯޗުގަލް)

ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅެ ލިވަޕޫލް މޮޅުވި މެޗުގައި ޖޮޓާއަށް އަނިޔާވެފައިވަނީ އޭނާ ކަނާތު ފައިގެ ކަކުލަށެވެ. މި އަނިޔާއަކާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާްޖެހިފައިވާއިރު، ޖޮޓާއަށް މިހާރުވަނީ މިފަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަން ޔަގީންވެއެވެ.

އެލެގްޒެންޑަރ އިސާކް (ސްވިޑެން)

މި ސީސަނުގައި ރެކޯޑް ފީއަކަށް ނިއުކާސަލް ޔުނައިޓެޑަށް ބަދަލުވި ސްވިޑެން ފޯވާޑް އިސާކަށް ވެސް ވަނީ ފައިގެ ފަލަންސްގަނޑަށް ލިބުު އަނިޔާ އަކާއި ގުޅިގެން ތިން މަހަށް ކުޅުމާއި ދުރަށް ދާން ޖެހިފައެވެ. އެހެން ކަމުން އިސާކް އަށް ވެސް މިފަހަރުގެ ވޯލްޑް ކަޕް ނުކުޅެވޭނެ ކަން ވަނީ ޔަގީންވެފައެވެ.

ޕެޑްރޯ ނެޓޯ (ޕޯޗުގަލް)

ވޮލްވަހެމްޕްޓަން ވަންޑަރާސްއަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ޕޯޗުގަލް ވިންގާ ނެޓޯ އަށް ވެސް މިފަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެވޭނެއެވެ. އޭނާއަށް ވޯލްޑް ކަޕް ގެއްލުނީ ޕްރިމިއާ ލީގުގައި ވެންސްޓްހަމްއާއި ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހުމުންނެވެ. މި އަނިޔާއާއި ގުޅިގެން އޮޕަރޭޝަނެއް ވެސް ކޮށްފައިވާއިރު، އަނިޔާއިން ރަނގަޅު ކުޅުމުގެ ތެރެއަށް ނެޓޯއަށް އާދެވޭވަރުވާނީ ވޯލްޑް ކަޕް ފަހުންނެވެ.

އަބޫބަކާރ ކަމާރާ (ފްރާންސް)

އެސްޓަން ވިލާގެ މިޑްފީލްޑަރު ކަމާރާ އަށް މިދިޔަ ސެޕްޓެމްބަރު މަހު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާއި ދުރުގައި ހުންނަން ޖެހުނުއިރު، މިފަހަރުގެ ވޯލްޑް ކަޕު އޭނާއަށް ވެސް ގެއްލޭނެއެވެ. ކަމާރާއަށް ވެސް ދެން ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ވޯލްޑް ކަޕުގެ ފަހުގައެވެ.

އާތޫރް މެލޯ (ބްރެޒިލް)

ލޯނެއްގެ ދަށުން ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފީލްޑަރު މެލޯގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރަށް ދާން ޖެހުނީ މި އޮކްޓޯބަރު މަހު ޗެމްޕިއަންސް ލީގުގައި ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗަށް ވަމުން ދިޔަ ތައްޔާރީތަކުގައެވެ. މި އަނިޔާއާއި ގުޅިގެން އޭނާއަށް ވެސް ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާއިރު، ވޯލްޑް ކަޕްގައި ނުކުޅެވޭނެއެވެ.

ތިރީގައި މިދަންނަވާ ކުޅުންތެރިންނަކީ އަނިޔާގައި ތިބި ނަމަވެސް އަނިޔާއިން ރަނގަޅުވެ މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅެވިދާނެ ކަމަށް ބެލެވޭ ކުޅުންތެރިންނެވެ.

ޕައުލޯ ޑިބާލާ (އާޖެންޓީނާ)

ޑިބާލާއަށް އަނިޔާވެފައިވަނީ އިޓަލީ ލީގުގައި ލެއްޗޭއާއި ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީއެއް ޖަހަން އުޅުމުގެ ތެރޭގައެވެ. މި އަނިޔާ އެހާ ސީރިއަ ކަމަށް ނުބެލެވޭއިރު، ވޯލްޑް ކަޕުގައި ޑިބާލާއަށް ކުޅެވޭނެ ކަމުގެ އުންމީދު ބޮޑެވެ.

ކައިލީ ވޯކަރ (އިންގްލެންޑް)

މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ވޯކަރ އަށް އަނިޔާވީ މި އޮކްޓޯބަރު މަހުގެ ކުރީކޮޅުގައެވެ. ވޯކަރގެ ފައިގެ އުކުލުވަޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިހާރު ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. ވޯލްޑް ކަޕްގެ ކުރިން އޭނާ އަނިޔާއިން ރަނގަޅުވެ އިންގްލެންޑް ޓީމާއި ގުޅޭނެ ކަމަށް ބެލެވެއެވެ.

ކަލްވިން ފިލިޕްސް (އިންގްލެންޑް)

މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލިޕްސްގެ ކޮނޑު ހުޅަށް ވަނީ އަނިޔާވެފައެވެ. މި އަނިޔާއާއި ގުޅިގެން މިވަގުތު ކުޅުމާއި ދުރުގައި ހުރިނަމަވެސް ވޯލްޑް ކަޕްގެ ކުރިން ފިޓުވެ އެނބުރި އިންގްލެންޑް ސްކޯދާއި ގުޅޭނެ ކަމަށް ބެލެވެއެވެ.

ޕޯލް ޕޮގްބާ (ފްރާންސް)

ޕޮގްބާއަށް އަނިޔާވެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ޔުވެންޓަސްއާއި އެކު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކެއްގައި ޕޮގްބާގެ ކަކުލަށް އަނިޔާވިއިރު، އޭނާވަނީ މި އަނިޔާއާއި ގުޅިގެން ކަކުލުގެ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. މި އޮޕަރޭޝަނަށް ފަހު ވޯލްޑް ކަޕްގެ ކުރިން ފްރާންސްގެ ޓީމާއި ޕޮގްބާ ގުޅިދާނެ ކަމުގެ ފެހި ސުގުނަލް ވަނީ ލިބިފައެވެ.

ރޮނާލްޑް އަރޫޖޯ (އުރުގުއޭ)

ބާސެލޯނާގެ ސެންޓަރ ބެކް އަރޫހޯއަށް މި ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި އުނަގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. މި އޮޕަރޭޝަން ކާމިޔާބު ކަމާއި އެކު ނިންމާލިއިރު، ވޯލްޑް ކަޕަށް އޭނާ ފިޓްވެ ޓީމާއި ގުޅޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އެންޖެލް ޑިމާރިއާ (އާޖެންޓީނާ)

ޔުވެންޓަސްގެ ވިންގާ ޑިމާރިއާއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި މެކާބީ ހައިފާއާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފަލަމަސްގަނޑަށެވެ. މި އަނިޔާއާއި ގުޅިގެން މިވަގުތު ހަފްތާއެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރިނަމަވެސް ޑިމަރިއާގެ އަނިޔާ މާ ސީރިއަސް ނޫން ކަމުން އޭނާއަށް މިފަހަރުގެ ވޯލްޑް ކަޕަށް އެނބުރި އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.