English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޒްރޭލްގެ މެކަބީ ހައިފާ އަތުން މޮޅުވެ މުބާރާތުގެ ދެވަނަ ބުރަށް ޕީއެސްޖީން ދަތުރުކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި މެކާބީ އާއި ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 7-2 އިންއެވެ.

ޕީއެސްޖީން މޮޅުކުޅުމެއް ދެއްކި މި މެޗުގައި އެތީމުން ލީޑު ނެގީ މެޗު ފަށައިގެން 19 ވަނަ މިނެޓުގައިއެވެ. ޕީއެސްޖީން ލީޑު ނެގީ ލިއޮނެލް މެސީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ޖެހީ އެމްބާޕޭއެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ނޭމާ ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގަައި 35 ވަނަ މިނެޓުގައެވެ. އޭގެ ތިން މިނެޓު ފަހުން މެކަބީ ހައިފާގެ ސެކް ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް މެސީ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު 44 ވަނަ މިނެޓުގައި ޖަހައިދީ ފަރަގު ބޮޑުކޮށްފައެވެ.

ދެ ވަނަ ހާފު ފަށައިގެން ގިނައިރުތަކެއް ނުވެ ސެކް މެކަބީ ހައިފާ ދެ ވަނަ ލަނޑު ޖަހިއި ދެވަނަ ފަހަރަށް ފަރަގު ކުޑަކުރިއެވެ. ނަމަވެސް މެޗުގެ 64 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޕީއެސްޖީގެ ފަސްވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީގެ ހަ ވަނަ ލަނޑަކީ މެކަބީ ހައިފާގެ ސީން ގޯލްޑްބާގްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޕީއެސްޖީގެ ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖެހީ ކާލޮސް ސޮލާއެވެ.

ރޭގެ މެޗު ކާމިޔާބު ކޮށް ޕީއެސްޖީ ދެ ވަނަ ބުރަށް ދަތުރުކުރީ ފަސްމެޗުން ހޯދި 11 ޕޮއިންޓާއި އެކު ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ ދެ ވަނައިގެ ހަމަ މި އަދަދަށް ޕޮއިންޓް ހޯދައިގެން ދެ ވަަނަ ބުރަށް ދިޔައީ ބެންފީކާއެވެ. ޕީއެސްޖީ އަށް ގުރޫޕުގެ އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ.