English Edition
Dhivehi Edition

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް މިހާރު ދިމާވެފައިވާ ބައެއް މައްސަލަތައް ހައްލުކުރުމަށް އެސްޓީއޯއާއި ސަރުކާރާ ދެމެދު 46.3 މިލިއަން ރުފިޔާގެ ލޯން އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މަސްވެރިންގެ އަތުން މިހާރަށްވުރެ ގިނައިން މަސްގަނެ ރައްކާކުރުމުގެ ޖާގައިތުރު ކުރާނެއެވެ. އަދި މަހުގެ ފެންވަރު ރަނގަޅު ކުރުމާއި، މިހާރަށްވުރެ ޚަރަދު ކުޑަކޮށް މިފްކޯގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ސާމާނުގަތުން ހިމެނޭކަމަށް ފިނޭންސުން ވިދާޅުވިއެވެ.

އޭގެ އިތުރަށް މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި މަސްވެރިކަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށްވެސް މިފައިސާއިން ޚަރަދު ކުރާނެއެވެ.

މިފައިސާއިން ކުރަން ނިންމައިފައިވާ އެހެނިހެން ކަންކަމުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްސްޓްރަކްޗަރ މަރާމާތުކުރުންވެސް ހިމެނެއެވެ.

މި ލޯން އެއްބަސްވުމުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ މިފްކޯއިންނެވެ.