English Edition
Dhivehi Edition

ރާއްޖޭގެ އިމާރާތްކުރުމުގެ ޞިނާޢަތުގައި ހުރި ކަންބޮޑުވުންތައް، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ޙިއްޞާ ކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މިބައްދަލުވުމުގައި މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ވަނީ، އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަން ފާހަގަ ކުރައްވައި، މަސީއިން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އިޤުތިޞާދަށް އަންނަމުންދާ ލޮޅުންތަކާއެކު ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އަދި ސަރަހައްދުގެ ޤައުމުތަކުންވެސް އެޤައުމުތަކުގައި އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން މަސީއިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަޢޫލޫމާތު ޙިއްޞާކުރައްވާފަ އެވެ.

މިގޮތުން މަސީން ފާހަގަކުރެއްވި މުހިއްމު ކަންކަމުގެ ތެރޭގައި، ކޯވިޑާއި އަދި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އިންފްލޭޝަން މަތިވެ، ދުނިޔޭގެ ބާޒާރުގައި އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން، ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުންތަކާއި، ޑޮލަރުގެ ދަތިކަމާއި، މަޝްރޫއުތައް ހިންގުމަށްފަހުގައި ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ މިހާރަށްވުރެވެސް އަވަހަށް ލިބޭނެ ގޮތެއް ހަމަޖެހުމާއި، ކުންފުނިތަކަށް ދިމާވާ މާލީދަތިތަކަށް ބޭންކިންގ ނިޒާމްގެ ތެރެއިން ލުޔެއް ހޯދުމާއި، ލޭބަރުން ލިބުމުގައި ހުރި ދަތިތަކާއި، ޖީއެސްޓީ ދެއްކުމުގައި މިހާރު ދިމާވާދަތިތައް ހައްލު ކުރުމާއި، ރިއަލްއެސްޓޭޓް ވިޔަފާރީގައި ހުރި ދަތިތައް ހިމެނެ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސީއިން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. މިގޮތުން މިހާރު ވެސް ކޮންޓްރެކްޓަރުންނަށް އަވަހަށް ފައިސާ ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިނިސްޓްރީތަކުން ކަންކަން ހައްލުކުރެއްވުމަށްޓަކައި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަންވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މިބައްދަލުވުމުގައި މަސީގެ ފަރާތުން މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ވަނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ 15އިން 19އަށް ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ބާއްވާ، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ޝަރަފްވެރިކޮށްދެއްވުމުގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ. އަދި ކޯވިޑާ ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވި ކަންކަމާ ގުޅޭ ރިޕޯޓަކާއި، ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާ ގުޅޭ ގޮތުން މަސީން ހަތްބަހަކުން ލިޔެފައިވާ ފޮތުގެ ތެރެއިން ދިވެހިބަސް އެކުލެވޭ ފޮތް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފަ އެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)އަކީ، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުންފުނިތައް ބައިވެރިވާ ޖަމިއްޔާއެކެވެ.