English Edition
Dhivehi Edition

ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވި އައްޑޫ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ (21އ) މަރާލީ ބަދަލު ހިފުމުގެ މާރާމާރީއެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބޭއްވި ޕްރެސްއެއްގައި ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ މި ހަމަލާ ދީފައިވަނީ ދުރާލާ ރާވައިގެން ކަމަށާއި އެ މާރާމާރީއަކީ އައްޑޫ ސިޓީގެ ފޭދޫގައި ޖަމާއަތް ހަދައިގެން ކުށް ކުރަމުން އަންނަ ދެ ބައެއްގެ ތެރޭގައި ހިންގި ސިލްސިލާ މާރާމާރީއެއް ކަމަށެވެ.

ތަހުގީގަށް ހޯދުނު ހެކިތަކަށް ބަލާއިރު ހަމަލާދިނުމަށް ބޭނުންކުރި ބައެއް ތަކެތި ނައްތާލުމަށް އަލިފާން ހުޅުގަނޑެއް ޖަހައި މަސައްކަތް ކޮށްފައިވާ ކަމަށާއި ސީންއިން ހޯދުނު ބައެއް ހެކިތައް އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއްގެ ޑީއެންއޭއާ ދިމާވާ ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ހަމަލާ ދިނުމުގަޔާއި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައި ވަނީ ހަ މީހެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ތެރޭގައި 15 އަހަރާއި 19 އަހަރާ ދެމެދުގެ މީހުން ހިމެނޭއިރު، އެ މައްސަލައިގެ ތުހުމަތަށް ހަތަރު ކުޑަ ކުދިން ހިމެނޭހެން ޖުމުލަ 11 މީހުން ވަނީ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.