English Edition
Dhivehi Edition

އިންގްލެންޑް އަދި ޗެލްސީގެ ވިންގް ބެކް ރީސް ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އިޓްލީގެ އޭސީ މިލާނާއި ދެކޮޅަށް ކުޅުނު މެޗުގައި ރީސް ޖޭމްސްގެ ކަކުލަށް އަނިޔާވެ، އޭނާ ބަދަލުކޮށްފައިވާއިރު، ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޭމްސްގެ އަނިޔާ ސީރިއަސް ކަމަށާއި އޭނާ މަދުވެގެން އަށް ހަފުތާ، ނުވަތަ ދެމަސް ދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ޗެލްސީގެ ބަޔާނެއްގައި ބުނެފައި ވަނީ ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާ އާއި ގުޅިގެން އިތުރު މެޑިކަލް ޓެސްޓުތަކެއް ވެސް ހަދާފައިވާ ކަމަށެވެ. އަދި ހާއްސަ ޑޮކްޓަރުގެ ލަފަޔާއެކު ޖޭމްސް އަނިޔާއިން ރަނގަޅުވުމަށް މިހާރު ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ޗެލްސީގެ ބަޔާނުގައި ވާ ގޮތުން ޖޭމްސް ކުޅުމާއި ދުރުގައި އަށް ހަފްތާގެ މުއްދަތެއް ހޭދަކުރަން ޖެހޭނަމަ އޭނާއަށް އަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ނުކުޅެވޭނެއެވެ. ވޯލްޑް ކަޕް ފެށެން މިހާރު 35 ދުވަހަށް ވެފައިވާއިރު، އެއީ ފަސް ހަފުތާގެ މުއްދަތެކެވެ. އެހެން ކަމުން އަށް ހަފްތާއަށް ކުޅުމާއި ދުރައް ދާން ޖެހުނު ކުޅުންތެރިއަކަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެއެވެ. ޖޭމްސްގެ އިތުރުން އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯކާވެސް ވަނީ ލިބުނު އަނިޔާއެއްގެ ސަބަބުން ސާޖަރީއެއް ހަދާފައެވެ. މި ސާޖަރީގެ ސަބަބުން އޭނާއަށް ވެސް ވަނީ ވޯލްޑް ކަޕުގައި ނުކުޅެވޭނޭ ކަން ޔަގީންވެފައެވެ.