English Edition
Dhivehi Edition

އައްޑޫސިޓީގައި ހިންގަމުންދާ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަވާ އަންހެނުންގެ ޚާއްޞަ ޑޮކްޓަރ ، ޑރ ޕްރަދަނިޔާ ޗުއްޓީން ނިންމަވާލެއްވުމަށްފަހު އެނބުރި އައްޑޫއަށް އަތުވެއްޖެއެވެ. ވިހެއުމުގެ ޗުއްޓީގައި 6 މަސް ދުވަހު އަމިއްލަ ގައުމުގައި ހުންނެވުމަށްފަހު ޑރ ވަނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އައިއެމްޑީސީގައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ. ޑޮކްޓަރ ޕްރަދަނިޔާ ހޮސްޕިޓަލްގައި ބަލިމީހުން ބައްލަވާނީ ހެނދުނު 9:30 އިން މެންދުރު 13:00 އަށެވެ. އަދި ރޭގަނޑު :30 19 އިން 22:00 އަށެވެ. އައިއެމްޑީސީ ހޮސްޕިޓަލަކީ އައްޑޫގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުން ތަފާތު އެކިބަލިތަކަށް ފަރުވާ ދެމުން އަންނައިރު މި އަންނަ ޖުލައި މަހުގައި އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތް ވެސް ފެށިގެން ދާނެ ކަމަށް އައިއެމްޑީސީން ބުނެއެވެ. އެގޮތުން ސިޒޭރިއަން ކަހަލަ އޮޕަރޭޝަން ތައް އެ ހޮސްޕިޓަލުގައި ކުރެވޭނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. ސިމްޑީކޮމްޕެނީގެ ހިއްސާއޮންނަ އައިއެމްޑީސީ ހޮސްޕިޓަލުންމީގެ ކުރިން ބުނެފައިވަނީ އެހޮސްޕިޓަލަކީ އައްޑޫ ސަރަހައްދުގައި ލީޑްކުރާނެ ހޮސްޕިޓަލަކަށް ވަރަށް އަވަހަށް ވެގެންދާނެކަމަށެވެ. އައިއެމްޑީސީން އެވްރެޖްކޮށް ދުވާލަކު 150 އަށްވުރެ ގިނަ ބަލިމީހުން ބަލާ ފަރުވާދެމުންދާއިރު، އޭގެ ތެރޭގައި ގިނައީ މާބަނޑު އަންހެނުންކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ. އައިއެމްޑީސީ ހޮސްޕިޓަލުގެ ހިދުމަތް 2008 ވަނަ އަހަރު ފުރަތަމަ ފަށާފައިވަނީ ކްލިނިކެއްގެ ގޮތުގައި ނަމަވެސް ހިދުމަތުގެ ފެންވަރު ރަގަޅުކޮށް މިއަދު އެތަނަކީ 30 އެނދުގެ ހޮސްޕިޓަލަކަށް ވަނީ ހަދާފައެވެ.