English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފުވައްމުލައް ސިޓީގެ އިބަމަ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި އިބަމަ މެންބަރުން ވަނީ ފުވައްމުލައް ސިޓީގެ އިބަމައިން ކުރަމުންއަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ހިއްސާކުރައްވާފަ އެވެ. އަދި އިބަމައިގެ މަސައްކަތްތައް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް ހުރި ދަތިތަކުގެ މައްޗަށް މެންބަރުންގެ ވާހަކައިގައި އަލިއަޅުވާލައްވާފައި ވެއެވެ.

މެންބަރުންގެ ވާހަކައިގައި، އިބަމައިގައި ހިމެނޭ އެންމެހާ މުއައްސަސާތަކުގެ އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވާފައި ވެއެވެ. އަދި އިބަމަ އުފެއްދުމާއެކު މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ކުރިން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލުލިބި، އެފަދަ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ލިބި، މުއައްސަސާތައް ގުޅިގެން އަވަސް ޙައްލު ގެނައުމަށް މަގުފަހިވެފައިވާ ކަން އެބޭފުޅުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި އިބަމައިގެ މަސައްކަތްތަކުން އުންމީދެއް ލިބިއްޖެ ކަމަށާއި ވަކިވަކި އިދާރާތަކުން މީގެ ކުރިން ކުރަން ބޭނުންވެ ނުކުރެވި ހުރި އެތައް ކަމެއް އިބަމައިގެ ތެރެއިން އިދާރާތަކުގެ ގުޅުމުގެ ތެރެއިން ކުރެވިގެންދާތަން ފެނިވަޑައިގަަތުމުން އުފާކުރައްވާކަމުގައި ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުހައްމަދު ދީދީގެ އިތުރުން އެ މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް މެންބަރުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އިބަމައަކީ ދިވެހި މުޖުތަމަޢުގައި އިޖުތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެންމެހާ ހިއްސާވާ ފަރާތްތައް ގުޅިގެން ވަށާޖެހޭގޮތެއްގައި، މާލެ ސިޓީ ފިޔަވައި، ދިވެހިރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައްޔާއި ސިޓީތަކުގައި އެކުލަވާލާ މަދަދުވެރިންގެ ޓީމުތަކެކެވެ.