English Edition
Dhivehi Edition

ކުވެއިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާގެ ޔޫތު އެތުލެޓިކްސް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން އެތުލެޓިކްސް ޓީމުގައި ގދ. ތިނަދޫއަށް އުފަން އިބްރާހިމް ނާހިލް ނިޒާރް ހިމެނިއްޖެއެވެ.

އޭޝިއާގެ ޔޫތު މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމު އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިއުލާންކުރިއިރު، އެ ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މަރިޔަމް ރޫޔާ އަލީ އާއި، އިބްރާހީމް ނާހިލް ނިޒާރާއި، ޒީކް ސުއާދާއި، ޔޫސުފް އާއިޝް މުޙައްމަދު އަދި މުޙައްމަދު މިންހާލް ޝާމިންއެވެ. މިއީ ގދ. އަތޮޅު ތައުލީމީގެ މަރުކަޒާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި އިސްކަންދަރު ސްކޫލުގެ އެތުލީޓުންނެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުވެއިތުގައި މި މަހުގެ 13-16 ގެ ނިޔަލަށެވެ.

މި އެތުލީޓުންގެ ތެރެއިން އާއިޝް ފިޔަވައި ދެން ތިބި ހަތަރު ދުވުންތެރިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި މި އަހަރު ވާދަކޮށްފައެވެ. އެގޮތުން ޒީކް އާއި ނާހިލް އަދި މިންހާ ވަނީ ތުރުކީގައި މި އަހަރު ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށްފައެވެ.

ދެން ޓީމުގައި ހިމެނޭ ރޫޔާ ވާދަކުރީ އިނގިރޭސިވިލާތުގެ ބާމިންހަމުގައި މި އަހަރު ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައެވެ.

އޭޝިއާ ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި މީގެ ކުރިންވެސް ރާއްޖޭގެ އެތުލީޓުން ވާދަކޮށްފައިވާއިރު، މި ފަހަރުގެ މުބާރާތަށް އެތުލީޓުން ދާނީ މިދިޔަ ފަސް މަހު ގިނަ މުބާރާތްތަކެއްގައި ވާދަކުރުމަށްފަހުގައެވެ.

ނާހިލް ވަނީ މިއަހަރު ތެރޭ ލޯންގް ޖަމްޕްގެ ގައުމީ ޖޫނިއަރ ރެކޯޑާއި ގައުމީ ސީނިއާ ރިކޯޑްވެސް މުގުރާލާފައެވެ. ނާހިލް އަކީ ރާއްޖޭގައި އެތުލެޓިކްސްގައި މިހާރު އަރަމުން އަންނަ ތަރި އެކެވެ.