English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޭ ލެއްޗޭއާ ދެކޮޅަށް ކުޅުނު މެޗުގައި ރޯމާގެ އާޖެންޓީނާގެ މިޑްފީލްޑަރު ޕައޮލޯ ޑިބާލާ އަށް އަނިޔާވެއްޖެއެވެ.

ޑިބާލާ އަށް އަނިޔާވީ މެޗުގެ 48 ވަނަ މިނެޓުގެ ތެރޭގައި ރޯމާއަށް ލިބުނު ޕެނަލްޓީއެއް ޖެހުމުގެ ތެރޭގަ އެވެ. ޕެނަލްޓީ ކާމިޔާބުކުރުމަށް ފަހު، ޑިބާލާ އުފާފާޅެއް ނުކުރެ އެވެ. އެކަމަކު ފެނުނީ ފަޔަށް ތަދެއް އަރައި، ކޮރު ޖެހި މަންޒަރެވެ. ޕެނަލްޓީ ޖެހުމުގެ ތެރޭގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ޑިބާލާ ވަނީ ބާލައިފަ އެވެ.

ރޭގެ މެޗަށް ފަހު ވާހަދައްކަމުން ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޑިބާލާއަށް ލިބުނު މި އަނިޔާއާ އަކީ ވަރަށް ސީރިއަސް އަނިޔާއެއް ކަމަށެވެ. އަނި މި އަނިޔާގެ ސަބަބުން މި އަހަރުގެ ތެރޭގައި ޑިބާލާ އަށް ކުޅެވުމަކީ “ނާދިރު ކަމެއް” ކަމަށެވެ.

ޑިބާލާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އެނގޭނީ އިތުރު ޓެސްޓްތައް ހެދުމަށް ފަހު އެވެ. އެކަމަކު ވޯލްޑް ކަޕް ފެށުމަށް ހަ ހަފުތާގެ މުއްދަތެއް އޮތްއިރު، ޑިބާލާ އަށް ވޯލްޑްކަޕަ ވެސް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ލެއްޗޭ އަތުން ރޯމާ މޮޅުވީ 2-1 އިންނެވެ. މެޗުގެ ހަ ވަނަ މިނިޓުގައި ރޯމާ އިން ލީޑު ނެގީ ޑިފެންޑަރު ކްރިސް ސްމޯލިން ޖެހި ލަނޑުންނެވެ. ލެއްޗޭގެ ގެބްރިއަލް ސްޓްރެފެޒާ ޖެހި ލަނޑާއެކު މެޗުގެ 39 ވަނަ މިނިޓުގައި އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުރީކޮޅު ރޯމާ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ޑިބާލާ އެވެ.