English Edition
Dhivehi Edition

ސްޕެއިންގެ ސެވިއްޔާގެ ކޯޗުކަމުން ހުލެން ލޮޕެޓެގީ ވަކިކޮށްފިއެވެ.

ލޮޕެޓެގީ މަގާމުން ވަކިކުރީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑު އަތުން އަމިއްލަ ދަނޑުގައި ސެވިއްޔާ ބަލިވި މެޗަށްފަހުއެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ސެވިއްޔާ އިން ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން އެ ޓީމު މޮޅު ވެފައިނުވާއިރު، އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، ދެ މެޗުން ބަލިވެފައެވެ.

ސެވިއްޔާގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެއްނައިރު، ސްޕެނިޝް ލީގުގައި ވެސް މި ސީޒަންގައި ސެވިއްޔާގެ ފަރާތުން ފެންނަނީ ވަރަށް އާއިދައިގެ ދަށް ކުޅުމެކެވެ. މިހާތަނަށް ލީގުގައި އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ދެ މެޗުން އެއްވަރުވެފައިވާއިރު، ހަތަރު މެޗުން ވަނީ ބަލިވެފައެވެ. ސެވިއްޔާ އޮތީ ވެސް ލީގު ތާވަލްގެ 17 ވަނަ މަގާމުގައެވެ. އެ ޓީމަށް ރެލިގޭޝަންގެ ބިރު ވެސް އެބަ އޮތެވެ. ސެވިއްޔާގެ ދަށް ނަތީޖާގެ ސަބަބުން މީގެ ކުރިން ވެސް ވަނީ ލޮޕެޓެގީ އަށް ޕްރެޝަރު ބޮޑުވެފައެވެ.

އުމުރުން 56 އަހަރުގެ ލޮޕެޓެގީ ސެވިއްޔާގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ މިހާތަނަށް 169 މެޗު ކުޅެފައެވެ. އޭގެ ތެރެއިން ސެވިއްޔާ ވަނީ 90 މެޗުން މޮޅުވެ، 44 މެޗުން އެއްވަރުވެފައެވެ. އެ ޓީމު ވަނީ 35 މެޗުން ބަލިވެފައެވެ.

ސެވިއްޔާ އިން މިހާރު އަންނަނީ ކޯޗުކަމުގެ މަގާމަށް ހަމަޖައްސާނެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯތުތައް ބުނެއެވެ.