English Edition
Dhivehi Edition

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ފަންޑް ރެއިޒިންގ ގާލާ ޑިނަރގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފި އެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ “އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަން އެވޯޑްސް” 3 ބޭފުޅަކަށް ޙަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުންވެސް ވަނީ މި އެވޯޑް އިތުރު 3 ފަރާތަކަށް ޙަވާލުކޮށްދެއްވާފަ އެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ “އެވެއަރނަސް ކެމްޕެއިން” އިފްޠިތާޙްކޮށްދެއްވައި، މި ޙަފްލާގައި ކުރިއަށްދިޔަ “ލެޓްސް ގެޓް އެކްޓިވް” ގެ ނަމުގައި ހިންގި ޙަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބާއްވާ ފަންޑްރައިސިންގ ގާލާ ޑިނަރ އަކީ ކޮންމެ އަހަރަކުވެސް އެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ ޙަރަކާތެކެވެ. އަދި މި ޙަރަކާތުން އެއްކުރާ ފައިސާ ބޭނުންކުރަނީ ކެންސަރ ސްކްރީނިންގ ހެދުމަށާއި، ކުރިޔާލާ ކެންސަރު ބަލި ދެނެގަނެވޭނެ ޢަލާމާތްތަކާގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށާއި، ޑައިގްނޯސްކޮށް އަދި ސްކްރީނިންގ އަށް ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ވަކާލާތުކުރުމަށެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އަމާޒަކީ ކެންސަރާ ދެކޮޅަށް ހަނގުރާމަކުރާ މީހުންގެ ތަޖުރިބާތައް މީހުންނާ ޙިއްޞާކުރުމާއި، މުޖުތަމަޢުގައި ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކޮށް، ކެންސަރު ބަލި ތަޙައްމަލް ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، މަޢުލޫމާތާއި ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދީ، މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރުމެވެ. އަދި މި ޖަމުޢިއްޔާއިން އެންމެ އިސްކަންދޭ އެއްކަމަކީ ކެންސަރު ބަލީގެ ދިރާސާތައް ހެދުމާއި، ކެންސަރު ބަލީގެ ރެޖިސްޓަރޑް ޑޭޓާ ބޭސްއެއް ރާއްޖޭގައި އުފެއްދުމެވެ.