English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން މެންޗެސްޓަރ ސިޓީ އިން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 6-3ންނެވެ.

މެޗު ފެށިގެންވެސް ރަނގަޅަށް ކުޅުނު ސިޓީން ވަނީ މެޗުގެ ވަރަށް ކުރީކޮޅުގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ ފިލް ފޮޑެންއެވެ. އޭގެ ފަހުން ހާލަންޑު ވަނީ ކެވިން ޑިބްރައިނާގެ އެހީތެރިކަމާއެކު ތިން މިނެޓުގެ ތެރޭގައި ދެލަނޑު ޖަހައި ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސިޓީގެ ހަތަރުވަނަ ލަނޑު ޖެހީ މިއީ ހާލަންޑުގެ އެހީތެރިކަމާއެކު ފިލް ފޮޑެންއެވެ.

ދެވަނަ ހާފަސް ކުޅެން ނިކުމެ ޔުނައިޓެޑުން ލަނޑެއް ޖަހާ ފަރަގު ކުޑަކުރިއެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ކްރިސްޓަން އެރިކްސަންގެ އެހީތެރިކަމާއި އެކު އެންތަނީ ވަނީ ޔުނައިޓެޑަށް ލަނޑެއް ޖަހައިދީފައެވެ.

ނަމަވެސް މެޗުގެ 64 ވަނަ މިނެޓުގަ ސިޓީން ވަނީ އިތުރު ލަނޑެއްޖަހާ ފަރަގު ބޮޑުކޮށްފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި ސާޖިއޯ ގޮމޭޒްގެ އެހީތެރިކަމާއި އެކު ލަނޑު ޖަހައިދިނީ ހާލަންޑުއެވެ. މިއީ އޭނާ މި މެޗުގައި ޖެހި ތިންވަނަ ލަނޑެވެ. މި ލަނޑާއި އެކު ހާލަންޑް ހެޓްރިކް ފުރިހަމަ ކުރިއިރު، ހާލަންޑު ވަނީ މި ސީޒަންގެ ޕްރިމިއަރ ލީގުގައި ކުޅުނު އަށް މެޗުގައި 14 ލަނޑު ޖަހާފައެވެ.

ސިޓީގެ ހަވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ފޮޑެން ކާމިޔާބު ކޮށްދިންއިރު، އޭނާ ވެސް ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ.

ޔުނައިޓެޑުން ފަރަގުކުޑަ ކުރީ މެޗުގެ ފަހު ވަގުތުކޮޅުގައެވެ. ޔުނައިޓެޑްގެ ފަހު ދެލަނޑުވެސް ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެންތަނީ މާޝިއަލްއެވެ. ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ޖެހި ލަނޑެކެވެ.

މި ނަތީޖާއާއެކު 20 ޕޮއިންޓު ހޯދައިގެން ސިޓީ އޮތީ ތާވަލުގެ ދެވަނަ މަގާމުގައެވެ. 12 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ހަވަނަ މަގާމުގައެވެ.