English Edition
Dhivehi Edition

ޗައިނާގެ 73 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޝީ ޖިންޕިންގއަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަޙުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފި އެވެ.

‏ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ފޮނުއްވި މެސެޖުގައި، ޗައިނާގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، ޤައުމުގެ ކުރިމަގު އިތުރަށް ތަރައްޤީކުރުމަށް އާ އަޒުމެއްގައި ޗައިނާގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް، ކުރިއެކޭވެސް އެއްގޮތަށް ހީނަރުކަން ނައިސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައި ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ޕްރެމިއަރ ލީ ކީކްޔާންގަށް ވަކިން ފޮނުއްވި މެސެޖުގައި، ދެޤައުމުން ވެސް ޝައުޤުވެރިކަން ހުންނަ ދާއިރާތަކުން ކުރިއަށްދިއުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެން ނެވެ.