English Edition
Dhivehi Edition

“ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ ވިމަންސް ޗެމްޕިއަންޝިޕް 2022” ގައި ވާދަކުރާ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްދަލުކުރައްވައި ޓީމަށް ހިތްވަރު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ޤައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމާ ބައްދަލުކުރެއްވީ ސޯސަލްސެންޓަރުގަ އެވެ.

މި ޓީމާ ބައްދަލުކުރައްވައި އެކަމަނާ ވަނީ ކުޅިވަރުގެ މައިދާނުގައި އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާއިން ބައެއް ވާހަކަފުޅުތައް ޙިއްޞާކުރައްވައި ޓީމުގެ މެންބަރުން މުބާރާތުގައި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ގަދަ އަޅައި މަސައްކަތްކުރުމަށް ހިތްވަރުދެއްވައި މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ. އަދި މި މުބާރާތަކީ ޓީމަށް ލިބިގެންދާނެ ރަނގަޅު ތަޖުރިބާއަކަށް ވާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ޓީމުގެ ފަރިތަކުރުންތައް ސޯސަލްސެންޓަރުގައި ކުރިޔަށްދިޔަގޮތް ބައްލަވާލައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޓީމުގެ ފަރާތުން ވަނީ އެޓީމުން މި މުބާރާތުގައި ބޭނުންކުރާ ޖާޒީއެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވެދުމަށް އަރުވާފަ އެވެ.

ސާބާގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތް 2022 ކުރިޔަށްދާނީ ސެޕްޓެންބަރު 25–30 އަށް ސޯސަލްސެންޓަރުގަ އެވެ. މިއީ ބައިނަލްއަޤްވާމީ އަންހެން ބާސްކެޓް ބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.