English Edition
Dhivehi Edition

ސުވީތާގެ ކާވެނީގެ ތާރީޚު ކަނޑައަޅަން ގޭ މީހުން ވިސްނަމުންދާތާ ކިތަންމެ ދުވަހެކެވެ. “ދޮންކަނބުލޮ އެހެރީ ބޮޑުވެ ފުރާވަރަށް އަރާފަ.” މަރިޔަންފުޅު ރައްޓެހިން ގާތު ބުނެއެވެ.” އެކަމަކު އޭނާ އަދިވެސް އެ އުޅެނީ ކުޑަކުއްޖެއްހެން. އަބަދު ގައިސްއާ އެހާ ގައިގޯޅިކޮށް ނޫޅޭށޭވެސް އަހަރެން މިހާރު ބުނެފިން.” “ދެން ތި ދެމީހުން އަވަހަށް ދެވަންވީނު.” “އަލިމަނިކުވެސް މަގޭގާތު ތިހެން ބުނެފި.” މަރިޔަންފުޅު ބުންޏެވެ. “އެކަމަކު ރަންދޯދިގޭ ސަކީނާ އެބޭފުޅުންގެ ޝަރަތުއާ އޭނަޔާ ދެވަންވީނޫންހޭ ވިދާޅުވާވަރުން މިހުންނަނީ ތިކަމާ ދޭތެރޭ ގޮތެއް ނިންމަން ނޭނގިފަ. އަނެއްކޮޅުން ޝަރަތުގެ މާމަޔާ އަހަރެންގެ މާމަ އެއީ ދެބޭން.” “ތިއޮތީ މާރަނގަޅު ގޮތެއްނު.” އެހެން އަންހެނަކު ބުންޏެވެ. “ސަކީނާމެން ބޭފުޅުންނަކީ މާލޭގެ ގަދަރުވެރިން. ތަނަވަސްކަމުގެ އަހުލުވެރިން. އަނެއްކާ އާއިލީގޮތުން ގުޅިފަ. އަވަހަށް ތިޔަކަންތައް ކުރަން މަށަށް ފެންނަނީ. އޭރުން އަހަރެމެންނަށްވެސް ބައެއްފަހަރު ރިސޯޓަށް ޖައްސާލެވޭނެއެއްނު؟” އަަހަރެން މާލެ އައި އިރު އަހަރެންގެ އުމުރުން ވާނީ ދިހަވަރަކަށް އަހަރެވެ. އޭރު ސުވީތާގެ އުމުރުންވާނީ ފަސްވަރަކަށް އަހަރެވެ. އަހަރެން އައިތަނުން ސުވީތާއާ އަހަރެން ގުޅިއްޖެއެވެ. ކޮއްކޮ ބޭބެގެ ގުޅުމަކުންނެވެ. އެންމެ ގާތް އެކުވެރިއެއްގެ ގުޅުމުންނެވެ. ބައިވެރިޔެއްގެ ގުޅުމުންނެވެ. އަހަރެމެން ދެކުދިން އެކީގައި ކުޅެ ސަމާސާކޮށް ސަކަރާތް ޖަހަން ހުރިހާވަގުތަކު އެކު އެކީގައި ވަގުތު ހޭދަ ކުރަމުން ގެންދިޔައިމެވެ. ސުވީތާއަކީ އަލިމަނިކާއި މަރިޔަންފުޅުގެ ލޮލުގެ ކޮޔެވެ. ދަރިންތަކެއް ލިބި ދަރިން މަރުވެ ދިއުމަށްފަހު ހުރި ހަމަ އެކަނި ދަރިފުޅެވެ. ސުވީތާ ރޯލާތަން ދެކޭކަށް ނުވަތަ އޭނާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް އަންނަތަން ދެކޭކަށް ވެސް އެ ދެމަފިރިންނަކަށް ކުޅަދާނައެއް ނޫނެވެ. އޭނާ ހިނިތުންވެފައިވާ ތަން ފެނިއްޖެނަމަ އެދެމަފިރިން ތިބޭނީ އުފާވެފައެވެ. އެހެންކަމުން ސުވީތާގެ ރީތި ތުންފަތުން ހިނިތުންވުން ނޫން ސިފައެއް އެކަކަށްވެސް ފެނިފައެއް ނުވެއެވެ. ސުވީތާގެ ރީތި ކަމުގެ އިތުރުން އޭނާ ކިޔެވުމަށް ވެސް އެހާ މޮޅެވެ. ބޮޑުވަމުން އަންނަ ވަރަކަށް އޭނާ ދަނީ ރީތިވަމުންނެވެ. މޮޅުވަމުންނެވެ. ބަގީޗާއެއްގައި އުޅޭ ކޮކާލެއްހެން އޭނާ އުފަލާއެކު އުދުހެމުން ދެއެވެ. ފިކުރެއް ޚިޔާލެއް ނެތިއެވެ. ސުވީތާގެ ރައްޓެއްސަކީވެސް ބޭބެއަކީވެސް އަހަންނެވެ. އަހަރެން އައީއްސުރެން ސުވީތާ އުޅެމުންދާ އުފާވެރިކަން ފެނުމުން އޭނާގެ މައިންބަފައިންވެސް އަހަންނާ މެދު ޚާއްސަ ގާތްކަމެއް ބާއްވަން ފަށައިފިއެވެ. އަހަންނަކީ އެމީހުންގެ ހުރި ފިރިހެން ދަރިފުޅު ކަމަށް ބަލައި އަހަންނަށްވެސް ސުވީތާއަށް ދޭ ހުރިހާ ލޯތްބެއް އެމީހުން ދޭން ފަށައިފިއެވެ. ސުވީތާ ކިޔަވަނީ އަމީނިއްޔާއިންނެވެ. އަހަރެން އީޕީއެސް އިންނެވެ. ސްކޫލް ނިންމާފައި ފިލާވަޅު ދަސްކުރުމަށާއި އެހެނިހެން ކަންކަމުގައި ދެމީހުން މޭޒުދޮށުގައި އެތައް އިރަކު ތިބެމެވެ. ނިދަން ވަންދެން އެކުގައި ތިބެމެވެ. އަހަރެމެންގެ މި ގުޅުމާއި ލޯބިވެތިކަން ފެނުމުމުން އަލިމަނިކާއި މަރިޔަންފުޅުގެ ދިރިއުޅުމުގެ ހުރިހާ އުފަލެއް ފުރިހަމަވެފައި ވާހެން ހީވެއެވެ. އެ ދެމަފިރީންގެ ހުރިހާވެސް އުފަލަކީ އަހަރެމެން ދެކުދިން ހިތް އެދޭހާ ކަމެއް ފަހިކޮށް ދިނުމެވެ. އަހަރެމެންގެ ހުރިހާވެސް ކަމަކީ ކިޔެވުމެވެ. ކިޔަވައިގެން މޮޅު ވުމެވެ. އެނޫން އެދުމެއް އެދެމަފިރިންގެ ނެތެވެ. އެކުއެކީގައި އުފާވެރި ވެއްޓެއްގައި އަހަރެމެން ދެކުދިން ބޮޑުވަމުން ބުއްދިޖެހި ދުނިޔެއަށް ލޯހުޅުވި ހޭވެރިކަން ވަމުން އައެވެ. ވިޔަސް އަހަރެމެން ދެކުދިންގެ މި ގުޅުމަކަށް މައިންބަފައިންގެ އެއްވެސް ހުރަހެއް ނޯވެއެވެ. ސުވީތާ ކިތަންމެ ގިނަ އިރަކު އަހަރެންގެ ކޮޓަރީގައި އިނަސް، އަދި އަހަރެން ސުވީތާގެ ކޮޓަރީގައި އިނަސް އެއްވެސް މަސްއަލައެއް ނުޖެހެއެވެ. އެއްޗެއް ނުބުނެއެވެ. އަހަރެމެން ދެކުދިންގެ ގްރޭޑް މަތިވަމުން ދިއުމާއި މައުލޫމާތު އިތުރުވަމުން ދިއުމާއި ތަފާތު ފޮތްތައް ކިޔުމުގެ ސަބަބުން ކުރީގައި ނޭނގޭ ކިތަންމެ ކަންތަކެއް އެނގެމުން ދިޔައެވެ. އެހެނަސް އަހަރެމެން ދެކުދިންގެ ދެމެދުގައި އޮންނަނީ ސާފުތާހިރު ގާތްކަމެކެވެ. އެއީ އެންމެ ފަހު އިމްތިހާނުގެ ފަހުން ލިބުނު ޗުއްޓީގެ ފުރަތަމަ ދުވަހެވެ. އެތައް އަހަރެއް ވަންދެން ހުއްޓާނުލައި ކިޔެވުމުގެ ކަންތަކުގައި އުޅެ އެކަންތަކުން މިނިވަންވި ދުވަހެވެ. އަހަރެން އޮތީ އަވަހަށް ތެދުވާ ގޮތަކަށް ނޫނެވެ. ފިނި ދުވަހެއް ވީމާ ވެސް ބޭނުންވީ އޮވެލާށެވެ. މުޅި ދުވަސް އެއްކޮށް އެހެން ހޭދަކޮށްލާށެވެ. ހިނދުކޮޅަކަށް އަހަންނަށް ނިދުނީކަން އެނގުނީ ސުވީތާ އައިސް އަހަރެންނާ ޖެހިގެން އޮށޯތް ކަން ނޭނގުނީމައެވެ. އޭނާ އޮތީ އަހަރެންނާ ޖެހި ފިތިގެންނެވެ. އަހަރެން މީ އޭނާގެ ކަންނެޔޮ ކަމަށް ހަދައިގެން އަހަރެންގެ ކޮނޑުމަތީ ބޯ ބާއްވައިގެންނެވެ. އަހަންނަށް މީގެ ކުރީގައި ސުވީތާގެ ގައިގޯޅިކަމުން ކޮށްފައި ނުވާ ކަހަލަ އިހްސާސްތަކެއް ކުރަން ފެށިއެވެ. އަހަރެންގެ ނަފްސުގެ ތެރޭގައި ނިދާފައިވާ އާ ބާވަތެއްގެ ޖަޒްބާއެއް ހޭލައިފިއެވެ. ހީޓަރެއް ކަހަލަ އެހޫނު މަޑު ހަށިގަނޑު އަހަންނާ އެއްކޮށް ބޮނޑިކޮށްލަން ހިތަށް އެރިއެވެ. ނުފޮޅޭ މަލެއްގެ ފިޔަތަކެއް ފަދަ ނާޒުކް ތުނި އެތުންފަތުން އަޅަމުންދާ ހަނާ އެޅުމަށް އިޖާބަ ދޭން ހިތް ގަދައަޅަން ފަށައިފިއެވެ. އެއާއެކު ކުރިން ނޭނގޭ ބާވަތެއްގެ އިހްސާސްތަކަކުން އަހަރެންގެ ހިތް ތެޅިގެންފިއެވެ. އަހަރެން ފިނިވެއްޖެއެވެ. ހިއްސުތަކުގައި ހުޅު ރޯވެއްޖެއެވެ. ސުވީތާއަކީ އަހަރެންގެ އަސްލު ކޮއްކޮއެއް ނޫނަސް އޭނާގެ ކިބައިން އެފަދަ އަރާމެއް، މީރުކަމެއް ލިބިގަތުމުގެ ހައްގެއް އަހަންނަށް ނެތްކަން އަބަދުވެސް އަހަންނަށް ވިސްނެއެވެ. އަހަންނަކީ އެކަމަށް އެކަށޭނެ ވަރުގެ މީހެއް ނޫނެވެ. އަހަރެން މީ ބީރައްޓެއްސެކެވެ. މައިންބަފައިންނެއް ނެތެވެ. ތިމާގެ މީހަކު ހުއްޓަކަސް އެއިން މީހެއްގެ ގުޅުމެއްނެތި އުޅޭތާ މިވީ އެތައް އަހަރެކެވެ. އަހަރެންގެ މައިންބަފައިންނަކީ ސުވީތާގެ މައިންބަފައިންނެވެ. އެހެން ކަމުން މިނާޒުކު ވަގުތުކޮޅު އައިސް އަހަރެންގެ ހިތުގައި ހިފައި ތަޅުވައިގަތެވެ. އަހަންނަށް ވިސްނާ ނުލައި އެޅޭ ކަތި އެންމެ ފިޔަވަޅަކުން އަހަރެންގެ ދުނިޔެ ފުނޑުވެ ބުރައިގެން ހިނގައިދާނެކަން އަހަންނަށް އެނގެއެވެ. އެކަހަލަ ކަމެއް ދިމާވެއްޖެނަމަ ސުވީތާގެ މައިންބަފައިން ސައްޕުޖަހައި އަހަރެން ގޭން ނެރެލާނެވެ. ދާނެތަނެއް ނެތި ބިކަވެދާނެއެވެ. އެއަށްވުރެންވެސް ބޮޑު ވާނީ ސުވީތާގެ ގާތްކަންވެސް އަހަންނަށް ގެއްލިގެން ދިއުމެވެ. އެއީ އަހަންނަށް ކެތް ކުރެވޭ ވަރުގެ ވޭނަކަށް ނުވާނެއެވެ. އެހެނީ އަހަރެންގެ ހުރިހާވެސް މީހަކީ ސުވީތާއެވެ. އެހެނަސް….. ފަންކާގެ ވަޔާއެކުވެގެން ސުވީތާގެ މަޑު އިސްތަށިގަނޑު އަހަރެންގެ މޫނުމަތީގައި ވިހުރެން ފަށައިފިއެވެ. އަހަރެންގެ ގައިން ހީބިހި ނަގައި ކެތްތެރިކަމަށް ބާރު ނުފޯރައި ބެހިގެން ދާން ފަށައިފިއެވެ. އަހަރެންނަށް ތެޅިފޮޅިގަނެވުނެވެ. އަހަރެން މަޑުމަޑުން ތެދުވެއްޖެއީމެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލީމެވެ. އަހަރެން ހިތާ ހިތުން ދުއާ ކުރީމެވެ. ސުވީތާއާ މެދު ނުސިޔާނު ގުޅުމެއް ބޭއްވުމަށް އަހަރެންގެ ހިތް ނުލެނބޭނެ ގޮތް ވުން އެދިއެވެ. މައިންބަފައިންގެ ދުލުކުރިޔަށް ކާވެނީގެ ލަފުޒުތައް އަތުވެއްޖެވެ. އަހަންނާ ސުވީތާއާ ކާވެނި ކުރެވުމުގެ ޚިޔާލެއް އެމީހުން ގެންގުޅޭ ކަމެއް ނުވަތަ ނޫންކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އެޚިޔާލު އަހަރެންގެ ހިތަށް ވަދެގެންފިއެވެ. ހިމޭން އަދި ސިއްރުގައި އަހަރެންގެ ހިތުގެ ފުންމިނުގައި ސުވީތާގެ ނަން އެހެން ކުލަޔަކުން ލިޔެވެން ފަށައިފިއެވެ. ކޮއްކޮވަންތަ ލޯބީގެ ފާރު ފޫވައްޓައިލާފައެވެ. މިއީ އަހަރެން އިތުރަށް ސަމާލުވާންވީ ވަގުތު ކަން އަހަންނަށް ވިސްނުނެވެ. އިންސާނާ ފަރުވާތެރިވާން ޖެހެނީ ވަސްވާސްތައް އައިސް ވަށާލީމައެއް ނޫނެވެ. ވަސްވާސްތަކުގެ ވަސް ދުވަން ނުފަށަނީހެވެ. އަހަރެން އަވަސް އަވަހަށް ހެދުން އަޅައިގެން އެ ކޮޓަރީން ނުކުމެގެން ބޭރަށް ހިނގައްޖެއީމެވެ. ސުވީތާ އެކަނި ބާއްވާފައެވެ. އެ ޚިޔާލުތަކާ ދުރަށް ދިއުމަށެވެ. ދެވުނު އެންމެ ދުރަކަށެވެ.   މަރިޔަން ފުޅުގެ ރައްޓެހި އަންހެނުންތަކެއް އައިސް ސުވީތާގެ ކާވެނީގެ ވާހަކަ ފަށައިފިއެވެ. އަދި ގެޔަށް އަތްބަލައި ފާލުބަލާ މީހަކު ވެސް ގެނަސްފިއެވެ. އެމީހާ އެ އަންހެންވެރިންގެ އަތް ބަލައި ކަންހިނގި ގޮތާއި ހިނގާނެ ގޮތް ކިޔައިދެއެވެ. ބައެއް ވާހަކަތައް ދިމާވާ ވަރުން އެކަކު ކަންބޮޑުވިއެވެ. އެއީ އެމީހާ ކިޔައިދިން ގޮތަށް ކަންތައް ހިނގާފައި ވާތީއެވެ. އަނެކަކަށް ވީ މަޖަލަކަށެވެ. އޭނާ ބުނި އެކައްޗެއްވެސް ދިމާ ނުވީމައެވެ. މި މަޖާގަނޑުގެ ތެރޭގައި ސުވީތާގެ އަތްވެސް ބެލިއްޖެއެވެ. އޭނާ ބުނިގޮތުގައި ސުވީތާއަށް އިނދެވޭނީ ކުޅިވަރު ކުޅުންތެރިޔަކާއެވެ. އޭނާ މިބުނި ބަހުގައި ބުރަދަނެއް ނެތް ކަމުގައިވިޔަސް މިވާހަކަ އެންމެންގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ސުވީތާއާ އިނދެވޭނެކަމަށް އެބުނާ ކުޅުންތެރިޔަކީ ކާކު ބާއެވެ! އެމީހުން ސުވާލު އުފައްދައިފިއެވެ. އެއީ ކޮންމެ މީހެއް ނަމަވެސް ޔަގީނުންވެސް އެއީ އަހަންނެއް ނޫނެވެ. އަހަރެން މީ އެއްވެސް ބާވަތެއްގެ ކުޅިވަރެއް ކުޅެ އުޅުނު މީހެއް ނޫންކަން އެންމެންވެސް ދަނެއެވެ. އެ ދުވަހު މަރިޔަންފުޅާއި ރައްޓެހިވެރިން ސުވީތާއާ ލައްކަ އިރު ވާހަކަ ދައްކަން ތިއްބެވެ. އޭނާއަށް ކަންކަން ވިސްނައިދިނެވެ. އޭނާގެ ބޮލަށް ސަވާރުވިއެވެ. މި ދެކެވުނު ދިގުވާހަކަތަކުގެ ނަތީޖާ އަކަށްވީ އަހަރެންގެ ވަށައިގެން އެކަނިވެރިކަން ފެތުރުމެވެ. އަހަރެން ބާކީވުމެވެ. އަހަރެންގެ ނިކަމެތިކަން އިތުރަށް އިހުސާސްވެގެން ދިއުމެވެ. ސުވީތާ އެ ދުވަހުގެ ފަހުން އަހަރެންގެ ކޮޓަރިއަކަށް ނުވަދެއެވެ. އަހަރެން ވަގުތު ހޭދަކުރަނީ އެކަނިމާއެކަނި ކޮޓަރީގައެވެ. ފޫހިވެގެން ހަލާކުވާވަރު ވެއެވެ. ވާހަކަ ފޮތެއް ކިޔަން ފެށިޔަކަސް އޭގައި އޮންނަ އެއްޗެއް ހިތަކަށް ނުވަދެއެވެ. އޭގައި ލިޔެވިފައިވަނީ މުޅީންވެސް ސުވީތާގެ ނަމެވެ. ކާވެންޏެވެ. ކުޅުންތެރިއެކެވެ. މިއަދު އަހަރެން ފޮތް ކިޔަން ފެށީމާ އުނދަގޫ ކުރާކަށް މީހަކު ނައެވެ. ކީބޯޑް ކުޅެން ފެށީމާ ކޯޑް އަޅައި އާރާގެއް އުފައްދާނެ މީހަކު ނައެވެ. ޖިގްސޯގެ ގޮޅިތައް ފުރަން އެހީވާނެ މީހަކު ނައެވެ. ސިއްރު ފިޔަވަޅުތަކުގައި ފުރަގަހުން އައިސް އަހަރެންގެ ކަނދުރާގެ މައްޗަށް ހޫނުު ނޭވާއަޅާނެ މީހަކު ނެތެވެ. އަހަރެންގެ ކަންފަތްދޮށުން އަބަދު އެއިވޭ މަޑުމަޑު ހުނުމުގެ އަޑު މުޅީން ކެނޑިގެން ދިޔައެވެ. އެއާއެކު އަހަރެންގެ ދުނިޔެ ބަނަ ވެއްޖެއެވެ. ކަނު އަނދިރިވެއްޖެއެވެ. އަހަންނަކީ މިއަދު ބާކީވެ ބިކަވެފައިވާ މީހަކީމެވެ. މިގެޔަކު އަހަރެން މީ އުޅޭ މީހަކު ކަން ދަންނަ މީހަކުވެސް މިހާރު ނެތްކަހަލައެވެ. އަހަރެންނަށް ކާން ގޮވާކަށް މީހަކު ނާދެއެވެ. އަހަރެން ނިދާ ހޭލާކަން އެނގޭ މީހަކު ނެތެވެ. އަހަރެން ދިރިހުރިތޯ ވެސް މީހަކު ބަލައެއް ނުލައެވެ. އެއީ ގޭ އެންމެން ރިސޯޓަކަށް ދިޔަ ދުވަހެކެވެ. ގޭގައި އުޅެނީ ބަންގާޅީ މީހާ އެކަންޏެވެ. ކާން ހަދާފައެއް ނެތެވެ. ބަދިގެއަކު އެއްޗެއް ނެތެވެ. މީގެ ކުރީގައި ގައިސް ނުކާނަމަ ނުކާން މީހަކު ބޮޑާ ހޭކިއެވެ. ގައިސް ނުގެންދާނަމަ ދަތުރު ނުދާން މީހަކު ރޮއިހެދިއެވެ. ގައިސްއާ ނުލައި ގޭން ބޭރަށް ނުނިކުންނަށް މީހަކު ގަދަހެދިއެވެ. އެކަމަކު މިއަދު އެމީހާ ކޮބައިހެއްޔެވެ؟ ވީ ކޮންތާނކު ހެއްޔެވެ؟ “ސްވީޓް ގައިސްއަކާ ދުވަހަކުވެސް ވައްކެތް ނުވާނަން.” އެތައް ފަހަރަކު ސުވީތާ އަހަރެންގެ ގާތު އެހެން ބުނެފައިވެއެވެ. “ގައިސް ވެސް ސްވީޓްއާ ވަކިވެގެން ނުވާނެ.” ގައިސް އަދިވެސް މިހިރީ އެގޮތުގައެވެ. ހިތުގައިވަނީ ސްވީޓްއެވެ. އެހެން ނަމެއް އެހެން ޚިޔާލެއް ނެތެވެ. އެކަމަކު މިއަދަކު ސުވީޓެއް ނެތެވެ. އެ ފޮނިރަހައެއް ގައިސްއަކަށް ނުލިއެވެ. ގައިސްގެ އަރުތެރޭގައިވަނީ ހިތި ރަހައެވެ. ހިތުގައިވަނީ ޒަހަރެވެ. އަހަރެން އެތައް އިރަކު ވިސްނީމެވެ. ފާރުގައި ބޯ ތަޅައި ރޮއިހެދީމެވެ. ހިތަށްވާ ތަދަށް ލުޔެއް ލިބޭތޯއެވެ. މުޅި ދުވަސް އެގޮތުގައި ހޭދަ ކުރީމެވެ. އެދުވަހު ބަންގާޅު މީހާ ބުންޏެވެ. “މަރިޔަންފުޅު ބުނީ ގައިސް ބޭނުންނެތީ. ކިޔަވާ ނިމުނީ. ގައިސް ދަނީ. ރަށަށް ދަނީ.” އޭނާ އެބުނި އެއްޗެއް އަހަންނަށް ވަރަށް ރަނގަޅަށް ދޭހަވިއެވެ. މިހާރު ގައިސް ދެން މިގޭން ދާންވީއެވެ. ދާނެތަނަކަށެވެ. މިގެޔަކު ގައިސްއަކަށް ދެން ޖާގައެއް ނެތެވެ. އެރޭ އިރުއޮއްސި އަނދިރިވުމުން އަހަރެންގެ ހެދުންކޮޅާއި ބައެއް ފޮތްތައް ކުޑަ ސޫޓްކޭހަކަށް ލައިގެން ނުކުމެއްޖެއީމެވެ. ކޮޓަރީގައި ހުރި އެއްޗެހި ހުރިގޮތަށް ބަހަށްޓާފައެވެ. އަހަރެން ދަމުން އެންމެފަހު ފަހަރު އެނބުރި ބަލައިލީމެވެ. މޭޒުމަތީގައި އަހަރެމެން ރާވަން ފަށާފައިވާ ޖިގްސޯ އޮތީ ނުނިމިއޮތީ ހަތަރުފަސް އެތިކޮޅެކެވެ. އެއީ ރީތި މަންޒަރެކެވެ. ހަމަހިމޭން ކޯރެކެވެ. ދެލޯބިވެރިޔަކު ތިބި ކިޝްތީއެކެވެ. ނުނިމި އޮތީ އެ ދެމީހުން ގުޅޭ ބަޔެކެވެ. އެއީ ސުވީތާ ނިންމަންވީ ބަޔެވެ. އެ ޕަޒަލަށް އަހަރެން ބަލަން ހުރީމެވެ. ފަނޑުވަމުންގޮސް ގެއްލެންދެންނެވެ. އެމަންޒަރު ފުސްވަންދެންނެވެ. ނުފެންނަން ދެންނެވެ. ލޮލަށް ގިނަވެގަތް ކަރުނައިގެ ރާޅުބާނިތަކުގެ ތެރެއަށް ގެނބިގެން ދަންދެނެވެ. އަހަރެން ދިޔައީ ސުވީތާ ދުވަހަކުވެސް ނުފެންނާނެ ތަނަކަށް ދިއުމަށް ގަސްތުކޮށްގެންނެވެ. އެނަންވެސް އެ ސޫރަވެސް ހިތަށް ނުވެއްދުމަށް އަޒުމު ކަނޑައަޅައިގެންނެވެ. ސުވީތާ ހިޔަނިވެސް ނޭޅޭނެ ތަނަކަށެވެ. ފަސް އަހަރަކީ ދިގު މުއްދަތެކެވެ. އެ ދުވަސްތައް ހޭދަވެގެން ދިޔައީ ވޭން ހުރި ގޮތެއްގައެވެ. ކޮންމެ ގަޑިއެއް ކޮންމެ ހިނދުކޮޅެއް ވޭތިވީ ކެތްކުރަން ދަތި ރިހުންގަދަ ވޭންތަކާއެކުގައެވެ. އަރަކުން ފެނެއް ނުދިރެއެވެ. ހަށްޓަކަށް ނޭވައެއް ނުފެތެއެވެ. އެތައް އަހަރެއްގެ ގާތްކަމާއި ގުޅުން އެއީ އެހާ ފުނަށް މޫލާފައި ހުރި ލޯތްބެއް ކަމެއް ކުރިޔަކުން ހިތަކަށް ނާރައެވެ. ހީވީ ދިރިހުއްޓާ ވަޅުލެވުނީހެންނެވެ. އެތައް ދުވަހަކު މިހެން ބިކަވެފައި ހުރީމެވެ. އެހެނަސް ދުނިޔެއަށް ފޮނުއްވި ފަރާތުން އިސާހިތަކު މަގެއް ދައްކަވައިފިއެވެ. ސައިހޮޓަލެއްގައި ދުވަސްކޮޅަކު އުޅުނުތަނާ ރިސޯޓް މާލޭ އޮފީހަކުން ވަޒީފާއެއް ލިބިއްޖެއެވެ. އެއަށް ފަހު ރިސޯޓަކަށް ދެވިއްޖެއެވެ. ލިބުނީ ރަނގަޅު ވަޒީފާއެކެވެ. މެއިންޓަނަންސް ބަޔަށެވ. ދެތިން މަހަކުން ރަށަށް ހޭނި ވަޒީފާ ކުރިއަރައިފިއެވެ. އެބައިގެ އިސް މީހަކަށެވެ. އާ ރައްޓެހިން ލިބި އާ މިސްރާބަކަށް ދަތުރު ކުރެވެން ފެށުމުން މާޒީގެ ހިތިރަހަ ކުޑަދުލުން ފިލަން ފަށައިފިއެވެ. ހިތުގައި ހުރި ފުން ޒަޚަމްތައް ތިލަވެ ފަސޭހަ ރިހުން ކުޑަވާން ފަށައިފިއެވެ. އެހެންނަމަވެސް ހަނދާންތަކުގެ ތޫނު ކަށިތަކެއް ހިތަކުން ހުހެއް ނުވިއެވެ. އެއީ ބަންދު ދުވަސްތަކެކެވެ. އެހެންކަމުން ރަށަށް މެހުމާނުންތަކެއް އަންނަން ހަމަ ޖެހިފައި އޮތެވެ. އޭގެ ތެރޭގައި އޯނަރުގެ އާއިލާވެސް ހިމެނެއެވެ. އަހަރެންވެސް އޯނަރު ވަޑައިގަންނަވާ އިރަށް ފާލަމަށް ވެހިފައި ހުރި ވާރޭފެން ހިއްކުވައި ފާލަން ރީތި ކުރުމުގެ މަސައްކަތުގައި އެދުވަހު އުޅުނީމެވެ. އަހަރެން ހުރީ ތަންކޮޅެއް ދުރުގައި އެކަމަކު ފެންނަ ހިސާބެއްގައެވެ. ލޯންޗު މަޑުކޮށްލުމާއެކު ފުރަތަމަ ފޭބީ އިއްޒަތްތެރި ސިފައަކަށް ހުރި މީހެކެވެ. އެއީ އޯނަރ ކަން އަހަންނަށް ވިސްނުނެވެ. އޭނާގެ ފަހަތުން ދެމަފިރިއަކާއި ކުޑަ ކުއްޖަކާއި އަދިވެސް ބުރުގާ އަޅައިގެން ތިބި ދެތިން އަންހެނުންނާއި އެހީތެރިން ފައިބައިގެން އައެވެ. އަހަރެން ހުރި ހިސާބުން އެމީހުން ފެނުނީ ފުރަގަހުންނެވެ. ކުޑަކުއްޖާއަށް މޫދު ފެނުނީ އަލަށް ހެންހީވެއެވެ. އެހެންކަމުން އޭނާ އުފަލުން ފުމެއަރަމުން ދިޔައެވެ. މޫދާއި މަސްފެންގަނޑުގައި ހުރި މަސްތައް ބަލަން އޭނާ ފާލަންމަތީ ކައިރިފަށުގައި ދުވަންފަށައިފިއެވެ. “ފިޝް .. ފިޝް” އެކުއްޖާ ބައްޕައަށް ދައްކަން އުޅުނެވެ. އޭނާ އުފަލުން އަތްތިލަ ޖަހަމުން ދުވެއެވެ. އަހަރެންވެސް އެމީހުންގެ ފަހަތުން މަޑުމަޑުން އައީމެވެ. “މާކައިރިއަށް ނުދޭ. ވެއްޓިދާނެ ބަބްލޫ.” އެތަނުން އަންހެނަކު ގޮވާލި އަޑު އިވުނެވެ. “އާދޭ، ބަބްލޫ، މަންމަ ގާތަށް.” މިހެން ބުނިއަޑު އިވުމުން އޭނާ މަންމައާ ދިމާއަށް ދުއްވައިގަތެވެ. އެކަމަކު އޭނާ އަނބުރާލީ ފާލަމުގެ މަގަތާ ދިމާއަށެވެ. އެވަގުތު އެކުއްޖާގެ ބެލެންސް ގެއްލިގެން ކުއްލިއަކަށް އަރިއަޅާލައިފައި ފާލަމުން ބޭރަށް މަސްފެންގަނޑުގެ ތެރެއަށް ވެއްޓިއްޖެއެވެ. އެންމެން ހަޅޭއްލަވައިގެންފައި އެ ދިމާއަށް ދުއްވައިގަތެވެ. އެއިން މީހެއްގެ އަތުޖެހުމުގެ ކުރީގައި އޭނާ މަސްފެންގަނޑު ފެންގަނޑުގެ ތެރެއަށް ވެއްޓި ގެނބިގެން ދިޔައެވެ. އަހަރެންނަށް ފުންމައި ލެވުނު ގޮތްވެސް ނޭނގުނެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި އަހަރެން އޭނާ މައްޗަށް އުފުލައިފީމެވެ. އަދި ފާލަމުގެ ކައިރިއަށް އައިސް ތިބި މީހުންގެ ތެރޭން މީހެއްގެ އަތަށް އޭނާ ދިއްކޮށްލީމެވެ. އެމީހުން ކުއްޖާ ބޮނޑިކޮށްލައިގެން ލޮއްސަމުން ހިނގައިގެންފިއެވެ. އަހަރެންވެސް މޫދުން އަރައިގެން ހެދުން ބަދަލުކުރުމަށް ކޮޓަރިއަށް ހިނގައްޖެއީމެވެ. އެ ދުވަހު މެންދުރުގެ ކެއުން ނިމުނުތަނާ ޖެނެރަލް މެނޭޖަރު އަހަރެން ބަލާ ފޮނުވައިފިއެވެ. މިއަދު އެ ހިނގިކަންތަކާ މެދު އަހަރެންވެސް ހުރީ ކަންބޮޑުވެފައެވެ. ފާލަމުގައި ކައްސައިލާ ކަހަލަތަ ތަނެއް ހުއްޓަސް އެތަނެއް މަރާމާތު ކުރުވުމަކީ އަހަރެންގެ ޒިންމާއެކެވެ. އެހެންކަމުން މި ދިމާވިކަންތަކުގެ ޒިންމާ ކޮންމެވެސް ގޮތަކުން އަހަރެންގެ ބޮލުގައި އެޅިދާނެތީ އަހަރެން ހުރީ ވަރަށް ފިނިވެފައެވެ. “ގައިސްގެ ނަސީބު ރަނގަޅު.” ޖީއެމް ބުނުއްވިއެވެ. “އޯނަރު ގައިސްއަށް ޝުކުރުވެރިވޭ. އެހާ އަވަހަށް އެކުއްޖާ ސަލާމަތް ކުރެވުނީ ގައިސްގެ ހުޝިޔާރު ކަމުންނޭ ބުނުއްވީ. އެހެންވެ ގައިސްއަށް އެކަމުގެ ރަނގަޅު އިނާމެއް ދޭށޭ ބުނުއްވީ. މިއަށްފަހު ތިއީ މި ރިސޯޓްގެ އެސިސްޓެންޓް މެނޭޖަރު.” އަހަރެން ވެސް ޝުކުރު އަދާ ކުރީމެވެ. އަދި އަހަރެންގެ ޝުކުރު އޯނަރަށް ރައްދު ކޮށްދޭށޭވެސް ޖީއެމް ގާތު ބުނީމެވެ. އެއީ ހިތްގައިމު ހަވީރެކެވެ. ރިސޯޓުގެ އެންމެ ރީތި ބީޗުން ހިނގާފައި ދިވެހި ޖޯޑެއް އަންނާތީ ފެނުނެވެ. އެ ދެމީހުންގެ ކުރިމަތިން ކުޑަ އަންހެން ކުއްޖަކު ބޮލިހޮވަމުން އާދެއެވެ. އެއީ މިއަދު އަހަރެން ސަލާމަތް ކޮށްދިން ކުއްޖާކަށް އެނގޭކަށް މާ ގިނައިރެއް ނުނަގައެވެ. އޭރު އަހަރެން ހުރީ ބީޗުގައި އެހެލާފައި ހުރި ކެޓަމެރަން އަކަށް ލެނގިލައިގެން މި ހިތްގައިމު ހަވީރުގެ ވަގުތުކޮޅުން ހިތަށް ހަމަޖެހުމެއް ލިބިގަތުމަށެވެ. މިކަހަލަ ކޮންމެ ހިނދުކޮޅެއްގައި ސުވީތާގެ މަތީން އަހަރެންގެ ހަނދާން އާވަނީ ކީއްވެ ބާވައެވެ. އެހަނދާންތަކުން އަހަރެންގެ ހިތް އުފަލުން ހެއްވާލައެވެ. ދެން ރޮއްވާލައެވެ. ބަބްލޫ ޚިޔާލެއް ނެތި ދުވެދުވެ ހުއްޓެވެ. އެއީ އަހަރެންގެ ބަބްލޫ ނަމައޭ ކުއްލިއަކަށް ހިތަށް އެރީ ކީއްވެ ހެއްޔެވެ. މައިންބަފައިން ތިބީ އޭނާ ދުވަން ދޫކޮށްލައިގެންނެވެ. ބީޗެއް ކަމުން ނުރައްކަލެއް ނެތީމައެވެ. އެ ވަގުތު ފިރިމީހާއަށް އަހަރެން ފެނިއްޖެއެވެ. އޭނާ އަހަރެން ކާކުކަން ދެނެގެންފިއެވެ. “އަހަރެން މީ ބަބްލޫގެ ބައްޕަ ޝަރަތު.” އޭނާ އައިސް ސަލާން ކޮށްލިއެވެ. “އަޅުގަނޑު ވަރަށް ދެރަވި އެހެން ދިމާވީމަ. އަޅުގަނޑުގެ ނަމަކީ ގައިސް.” “ވަރަށް އަޑުއަހާ ނަމެއް.” އޭނާ ހީނލިއެވެ. “ކީއްވެ ދެރަވާންވީ؟ އޭނާ ސަލާމަތްވީ ގައިސްގެ ސަބަބުން ނޫންތަ؟ އަދި އޭނާއަށް އެއްވެސް ގެއްލުމެއް ނުވީ ގައިސްގެ ހަރަކާތް އަވަސްކަމާއި ހުޝިޔާރު ކަމުން ނޫންތަ؟ ބަބްލޫއަށް ލޮނުފޮދެއް ވެސް ބޮވިފައެއް ނެތް.” ޝަރަތު ވަރަށް ހިތްހެޔޮކަމާއެކު އަހަރެންގެ ގާތު ވާހަކަ ދައްކަން ހުއްޓެވެ. ” އެއީ އަބަދުވެސް އެހެން ހަލަނިކޮށް އުޅޭ ކުއްޖެއް. ގޭގައިވެސް ހަމަ އިރުކޮޅަކަށް އަތުން ދޫކޮށްލިޔަސް ތަނަކަށް އަރާނެ، ފުންމާލާނެ.” ޝަރަތު އެނބުރިލާފައި ދަރިފުޅުގެ ފަހަތުގައި ހުރި އޭނާގެ އަންހެނުންނަށް ގޮވާލިއެވެެ. “ސުވީޓީ! ” ބަބްލޫ ސަލާމަތްކޮށް ދިންމީހާއަށް ޝުކުރު އަދާ ކުރަންވާނެ ނު؟ އޭނާ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުމާއެކު ހީވީ އަހަރެންގެ ވިންދު ހުއްޓުނު ހެންނެވެ. ފައިގެ ދަށުން ބިންގަނޑު ކެހިގެން ދިޔަހެންނެވެ. އަހަރެން އެ ސޫރައެއްގެ ހަނދާންތަކާ ވަކި ނުވެވިގެން އެމީހަކަށްޓަކައި މިއޮތްހާ ދުވަހު ތެޅިފޮޅުނު ސޫރަ މިވަނީ އަހަރެންގެ ކުރިމަތީގައެވެ. އަހަރެންގެ ހަޔާތުގެ ބަގީޗާގައި ފޮޅުނު ހަމަ އެކަނި މާ މިހިރީ އޭގެ ތާޒާކަން މަތީ ފަރިވެ ފޮޅިފައެވެ. އެހެންމީހެއްގެ ބަގީޗާއެއްގައެވެ. ސަލާން ކުރަން އަހަރެން ދިއްކޮށްލި އަތް ހަރަކާތެއް ނުކުރިއެވެ. އޭނާ އަތްދިއްކުރަން އުޅެފައިމެ އެހިސާބުން ގަނޑުވީއެވެ. “މިއީ ގައިސް.” ޝަރަތު ބުންޏެވެ. “މިއީ އަހަރެންގެ އަންހެނުން ސުވީޓީ.” މި އަޑު ކަންފަތަށް އިވުނެވެ. އެކަމަކު ސިކުނޑިއަކާ ހަމަޔަށް ނުފޯރިއެވެ. އެހާ ހިސާބުން އަހަރެންގެ ވިސްނުން ފަނޑުވެގެން ދިޔައެވެ. އަހަރެންގެ ހިއްސުތައް ގަނޑުވެގެން ދިޔައެވެ. އަހަރެންގެ ލޯ ފުސްވެގެން ދިޔައެވެ. އެއަށްފަހު ދެން ކަންތައް ހިނގި ގޮތެއް ނޭނގުނެވެ. އެއީ އަހަރެންގެ ފުރާނަ ފޭދިގެން ދިޔައިމައެވެ. އަހަރެންގެ ދުނިޔެ ބަނަވެގެން ދިޔައިމައެވެ. ލޮލުން އޮހިގަތް ކަރުނަ ގިނަވެގަތުމުންނެވެ. އޭގެ އަނެއް ދުވަހު އެ ވަޒީފާއިން އިސްތިއުފާ ދީފައި އަހަރެން ހިނގައްޖެއީމެވެ. ސުވީތާ ދުވަހަކުވެސް ނުފެންނާ ތަނަކަށް އަނެއްކާވެސް ދިޔުމަށެވެ. އަހަރެންގެ ހިތަށް ވުރެން ނަފްސަށް ވުރެން ދުރަށެވެ. ލޯތްބާ ދުރަށެވެ. ދެވުނުހާ ދުރަކަށެވެ.