English Edition
Dhivehi Edition

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ހަންގޭރީން ސެމީފައިނަލާއި ގާތަށް ޖެހިލައިފިއެވެ.

ހަންގޭރީން ޖަރުމަނު ދަނޑުގައި ޖަރުމަން އަތުން މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ.

ލައިޕްޒިގުގެ ރެޑްބުލް އެރީނާގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން މެޗުގެ 17 ވަނަ މިނިޓްގައި ހަންގޭރީން ލަނޑު ޖަހާ ލީޑު ނެގިއިރު، މި ލަނޑު ހަންގޭރީއަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން، އެޑަމް ސަލާއި އެވެ. މިއީ ޑޮމިނިކް ސޮބޯސްލާއީ ނެގި ކޯނަރަކަށް އަރައި ސަލާއި ބެކްހީލުން ޖެހި ރީތި ލަނޑެކެވެ.

މި ލަނޑަށް ފަހު ޖަރުމަނުން ރަނގަޅަށް ކުޅުނުއިރު، އެޓީމަށް ވެސް ވަނީ ނަތީޖާ އެއްވަރުކުރަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ 26 ވަނަ މިނިޓްގައި ބަޔާންގެ ލެރޯއި ސާނޭ އޭރިއާބޭރުން ފޮނުވާލި ބާރު ހަމަލާ ހުރަސްދަނޑިމަތިން ދިޔައިރު، ތޯމަސް މުލާ ފޮނުވާލި ހަމަލާ އަމާޒުވީ ހަންގޭރީގެ ކީޕަރު ޕީޓަ ގުލާޝީ އަތަށެވެ. ދެ ވަނަ ހާފުގައި ސާނޭ އާއި ޓިމޯ ވާނާ އޭރިއާތެރެއިން ފޮނުވާލި ހަމަލާތައް ވެސް ކީޕަރު ގުލާޝީ ވަނީ މަތަކޮށްފަ އެވެ.

ރޭގައި ހޯދި މޮޅާއި އެކު ހަންގޭރީއަށް ވަނީ ސެމީއަށް ދިއުމުގެ ފުރުސަތު ތަނަވަސްވެފައެވެ. އެގޮތުން އަންނަ އަންގާރަ ދުވަހުގެރޭ ހަންގޭރީން އަމިއްލަ ދަނޑުގައި އިޓަލީއާއި ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީ އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ގްރޫޕްގެ އެއް ވަނައިގައި ހަންގޭރީ އޮތީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިޓަލީ އަށް ފަސް މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޖަރުމަނަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފަސް މެޗު ކުޅުނުއިރު، އިންގްލެންޑް އޮތީ ގުރޫޕުގެ ފުލުގައި ދެ ޕޮއިންޓާ އެކު އެވެ.