މަންޓާ އެއަރއިން އައްޑޫސިޓީއަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި ކަމަށް އެ އާލައިނުން ބުނެފިއެވެ.
މަންޓާ އެއަރއިން ބުނީ އައްޑޫ ސިޓީއަށް ކުރަމުން އައި ޝެޑިއުލް ދަތުރު މެދުކަނޑާލީ އެ ކުންފުނީގެ ކެޕޭސިޓީ ހުރިގޮތުން ކޮންމެވެސް އެއް ސަރަހައްދަކަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުމުގެ ސަބަބުންކަމަށެވެ.
” އައްޑޫސިޓީއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ކުންފުނީގެ ފްލީޓްގައި ބޭނުންކުރަމުންދާ އޭޓީއާރު ބޯޓުތަކުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަންޖެހުމުން. އެހެންކަމުން ރާއްޖެއިން ބޭރަށް، ފަހަރަކު ބޯޓެއް މަރާމާތައް ފޮނުވަމުން މިދަނީ ” މަންޓާއިން ބުނެއެވެ.
،މި އަހަރުގެ ފެބްރުއަރީ މަހު މަންޓާއިން އައްޑޫއަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ ސްރީލަންކަން އެއާލައިނުން އައްޑޫއަށް ކުރާ ދަތުރުތަކަށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުން ކަނެކްޝަންސް ވެސް ދެވޭ ގޮތަށެވެ.
އައްޑޫއަށް ރަސްމީކޮށް ދަތުރު ފެށި ދުވަހު މަންޓާ އެއަރގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވެފައިވަނީ މަންޓާ އެއަރއިން ޤަބޫލު ކުރާގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދަތުރުތައް ފަހި ކުރެވެން ޖެހޭނެކަމަށާއި އެގޮތުން އުތުރުންވެސް އަދި ދެކުނުންވެސް ކަނެކްޝަން ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ކަނެކްޝަންތަކަކީ ގެސްޓް ހައުސް ސިނާޢަތަށް ލިބޭނެ ރަނގަޅު ކުރިއެރުމެއް ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.
މަންޓާއިން މިހާރު ޝެޑިއުލް ދަތުރުކުރަމުން އަންނަނީ ދަރަވަންދޫ އެއަރޕޯޓާއި ކުޑަހުވަދޫ އެއަރޕޯޓަށެވެ. މީގެއިތުރުން ޖޭއޭ މަނަފަރު ރިސޯޓާއި ގުޅިގެން ހޯރަފުށީ އެއަރޕޯޓަށްވެސް އެ އެއަރލައިނުން އަންނަނީ ޗާޓަރ ދަތުރުކުރަމުންނެވެ.