English Edition
Dhivehi Edition

ލާމުއަތޮޅު ގަމުގައި، “ޕަރީފެންގަނޑު” ކިޔާ ތަނެއް އޮވެއޭ ކިޔާތި އަޑުއިވެއެވެ. ހަނދުވަރު ދޭރޭރޭތަކުގައި އެފެންގަނޑަށް އަލިގުޅަތަކެއް ތިރިކޮށް، ޕަރީން ފެންވަރާ ސަމާސާކޮށް، ކުޅެން އުޅޭ ވާހަކަ ބައެއް މީހުން ތުންތުންމަތިން، ޔޯލަޔޯލަކޮށް ކިޔާ އަޑު އަހަން ހެއްޔެވެ. ދުވަހަކުވެސް އެތަން ދުށިން ހެއްޔެވެ.
މިސުވާލުތަކަށް ޖަވާބުދޭން މަމްދޫހު އިބްރާހީމަށް ވުރެ ރަނގަޅަށް ‘ޕަރީފެންގަނޑު’ ސިފަކޮށްދެވޭނެ، އެތަނުގެ ހައިރާންވާފަދަ އަޖައިބު ކުރުވަނިވި ކަންތައްތަކުގެ ވާހަކަ އެހެން މީހަކަށް ކިޔައި ނުދެވޭނެކަން ޔަގީނެވެ. އެހެނީ ލާމު އަތޮޅުގެ ޖާދޫގެ ރީތި ކަންތައްތަކުގެ ތެރެއަށް ގޮވައިގެން ދިއުމަށް ތައްޔާރުވެ ނިމިފައިވާ ފޮތް، މަމްދޫހުގެ ވާހަކަ “ޕަރީފެންގަނޑު”ގެ ލިޔުންތެރިޔަކީ މަމްދޫހު އިބްރާހީމް ކަމަށްވާތީއެވެ.
“ވަރަށް ގިނަ ހުރަސްތަކެއް ގިރާ ކޮށްފަ މިހިސާބަށް އާދެވިފަ މިހިރީ. އޭރު އެހެން އެހެންވިޔަސް މިހާރު މިހިރީ ހުރިހާ ކަމެއްހެން ހިތްވަރާއެކު ނިންމާ، ސާބިތުކަމާއެކު ކިޔުންތެރިންނާ ހަމައަށް ވާހަކަ ގެނެސްދިނުމުގެ އަޒުމުގައި.”
ކޮންމެއަކަސް މަމްދޫހުގެ ވާހަކަ “ޕަރީފެންގަނޑާ” ބެހޭ ގޮތުން ވާހަކައިގެ އިންތިޒާރުގައި ތިއްބެވި ފަރާތްތަކަށް މިއީ އުފާވެރި ހަބަރެކެވެ. މިއަހަރުގެ ބާކީ މިއޮތް ތިންމަސް ތެރޭގައި، ވާހަކަ މާކެޓަށް ނެރެވޭނެއެވެ.
“މިއީ ޕަރިސްތާނުގެ ޝާހީރަސްދަރިކަނބަލަކާ ޖިންނީންގެ ސަހަރުގެ ބާރުގަދަ ޖިންނިއަކާ ދެމެދުގަ ހިނގާ ކަންތައްތަކެއްގެ ތެރެއިން، އިންސާނުންގެ ބައެއްގެ އަމިއްލަ އެދުންތަކާއި ދުނިޔޭގެ ޒީނަތާހެދި ކުރާ ކަންތައްތަކުން ކުރިމަތިލާން ޖެހޭ ބިރުވެރި ހާދިސާތަކެއްގެ ވާހަކަ. ޒަމާނުއްސުރެ ލާމުގައި އޮންނަ ޕަރީފެންގަނޑުގެ އަސްލަކީ ކޮބައިކަމެއް ނޭނގޭ. އެކަމަކު ހަމަ މިހެންވެސް ވެދާނެދޯ.”
މަމްދޫހު ހެމުންހެމުން “ޕަރީފެންގަނޑު” ކުޑަ ތައާރަފެއްދިނެވެ.
“ސިހުރު ހެދުމަކީ ކޮންކަހަލަ ކަމެއްކަމާއި އޭގެއިން ލިބިދާނެ ގެއްލުން، ޒަމާނުއްސުރެ ދެކެވޭ ވާހަކަތަކުގެ ސިއްރު، ޕަރީންނާއި ޖިންނީންގެ ވާހަކަ، ލާމު ގަމުގައި އެއޮންނަ ޕަރީން ފެންވަރާ ފެންގަނޑުގެ ފުންމިންނޭނގޭ ސިއްރު، މުޅިންވެސް އަމިއްލަ ހިޔާލު. އެއްވެސް ހަގީގީ ދިރިއުޅުމަކާ އެއްގޮތް ކަމެއް އޮތްނަމަ އެއީ ހަމަ ބޮޑު އިއްތިފާގެއް.”
މަމްދޫހުގެ “ޕަރީ ފެންގަނޑު”ގެ އެންމެ ޚާއްސަކަމަކީ، ފަހަކަށް އައިސް ބަހުގެ ގަވާއިދާއި ހަމަތަކުން ނެއްޓި، ލިޔުންތަކުގައި އެއްވެސް ރިވެތި ދިވެހިވަންތަ ގޮތެއް ނުހުންނަ ވާހަކަތަކާއި ހިލާފަށް ބަހުގެ ހަމަތަކާއި ގަވާއިދުތަކަށް ފެތިފައިވާ ދިވެހިވަންތަ ވާހަކައަކަށް ވާކަމެވެ. ބަހުގެ އެންމެމާތް ގޮތާއި އެންމެ އާދައިގެ ގޮތް މިހާރުގެ ހެދިބޮޑުވަމުން އަންނަ ކުދިންނަށް ނޭނގުމާއި، ސުކޫލު ނިންމާފައި ވަޒީފާގެ ބާޒާރަށް ނުވަތަ ދިރިއުޅުމުގެ މައިދާނަށް ނުކުންނަ ކުދިންގެ ބަސްމަގާއި ވާހަކަދެއްކުމާއި ލިޔެކިޔުމުގައިވެސް ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ނެތިގެންދާ މިފަދަ ދުވަސްވަރެއްގައި، މަމްދޫހުގެ “ޕަރީ ފެންގަނޑަކީ” ދިވެހި އަދަބިއްޔާތަށް ހާއްސަ ކުރެވިފައިވާ ބޮޑު ހަދިޔާއެކޭ ބުނުމުގައި ގޯހެއް ނެތެވެ. މިވާހަކައިގައި ލިޔެފައިވަނީ ބޮޑެތި ގަނޑުވަރުތަކުގެ ރަސްރަސްކަލުންނާއި ރަނިންގެ ދިރިއުޅުމާއި ބާނދީންނާއި ހާދިމުންގެ ދައުރާއި މިހެން ގޮސް މުޅިންވެސް ގަނޑުވަރުތެރޭގެ ވާހަކަތަކެވެ. ބަސްތައް ބޭނުންކޮށްފައިވަނީ ދަރަޖަ ތަފާތުކޮށެވެ. ހުރިހާ ބަހެއްވެސް ސާފުސީދާ ދިވެހި ބަހުންނެވެ.
އަދިވެސް ވާހަކައިގެ ހާއްސަ ތަފާތުކަމެއް މަމްދޫހުގެ ވާހަކަ މާކެޓަށް ނެރުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވާ ފަރާތުން ފާހަގަކުރިއެވެ. “މިފަހަކަށް އައިސް ދިވެހިވަންތަ ބަސްމަގު ދިވެހި ވާހަކައެއް ނުފެނޭ. ރަސްކަމާއި ގަނޑުވަރުތަކުގެ ވާހަކައެއް ނުފެނޭ. މިވާހަކައިގެ ހުލާސާ މަމްދު ކިޔައިދޭއިރު، ކޮންމެ ކުރެހުމަކަށް މަންޒަރެއް ސިފަކޮށްދޭއިރު، އަލިފުލައިލާ ހިތަށް އަރަނީ. މިއީ ދިވެހިވާހަކަތަކުގެ ތެރެއަށް އިތުރުވާ ވަރަށް ހާއްސަބޮޅެއް. އިޓްވިލް މޭކް ހިސްޓްރީ، ސަބަބަކީ މިއީ ދިވެހި އަލިފުލައިލާއަށް ވާތީ.” މިއީ މަމްދޫހުގެވެސް ބުނުމެކެވެ. މިވާހަކަ މާކެޓަށް ނެރެވި، ކިޔުންތެރިންގެ ފަރާތުން ލިބޭނޭ ތަރުހީބަކަށް މަމްދޫހާއި އޭނާގެ އާއިލާއާއިވެސް ދަނީ ނުހަނު ބޮޑަށް އިންތިޒާރުކުރަމުންނެވެ.
“މަންމައާއި ބޭބެ އަންނަނީ ކެޑިނޭޅި ހިތްވަރުދެމުން. މިކަމުގައި ހަމަ ހުރިހާވެސް އެއްބާރުލުމެއް ދިނީ މަންމައާއި ބޭބެ، ދެން ބައެއް ގާތް ހެޔޮއެދޭ ރަހުމަތްތެރިން. ވަރަށް ދެރަ، ހިތްދަތި އެތައް ކަމެއް ދިމާވި، ވެއްޓުނު ވަޅުގަނޑުން އަރައިނުގަނެވޭވަރަށް އުއްމީދު ގެއްލި، ހަދާނެގޮތް ހުސްވެފަ ހުއްޓާ ލިބުނު އާއެކުވެރިޔަކުގެ ހިތްވަރާއި އެހީތެރިކަމުން އަނެއްކާވެސް އާއުއްމީދަކާއެކު ހިންދެމިލެވުނީ. މިހާރުދެން ފޮތް މާކެޓަށް ނެރުމަށް އިވެންޓެއް ބޭއްވުން އޮތީ. އެކަން ލަސްވަނީ އަސްލު ގެންނަން ބޭނުންވަނީ ވަރަށްވަރަށް ހާއްސަ ފަރާތެއް. އެހެންވެ ލަސްވަނީ. އެކަން ހަމަޖެހި އިވެންޓު ބޭއްވުނުހާ އަވަހަށް ފޮތް ލިބޭ ގޮތަށް ހަމަޖެހިފަ އޮތީ. ރާއްޖޭގެ ކޮންމެ ހިސާބަކުން އޯޑަރު ދިނަސް، ވަރަށް އަވަހަށް، އެހިސާބަކަށް އޮތް އެންމެ އަވަސް މަގަކުން ފޮތް ހަވާލު ކުރެވޭނެ. ރާއްޖެއިން ބޭރުން އޯޑަރު ދިނަސް އެހިސާބަކަށްވެސް ފޮނުވަދޭނަން.”
މަމްދޫހުގެ މިވާހަކައިގެ އަދިވެސް އެހެން ހާއްސަ ކަމެއް ފާހަގަ ކުރަމުން މަމްދޫހު ދައްކާލީ ފޮތުގެ ބޭރު ކަވަރާއި ބުކްމާކުގެ އިތުރުން ލާމުގެ ޗާޓަކާއި މަމްދޫހުގެ ހާއްސަ ލޯގޯއާއެކުގަ އޮތް އޮޓޯގްރާފެކެވެ. ފޮތުގެ ބޭރުކަވަރު ހީވަނީ ހަމަ ފޮތުގެ ބޭރުގަނޑުހެނެވެ. ވާހަކަ ކިޔަމުންދާއިރު އެތަން ފާހަގަ ކުރުމަށް ގަނޑުގެކަނުން ލަނބާލުމުގެ ބަދަލުގައި އެތަން ފާހަގަކުރުމަށް ލާނެ ބުކްމާކެއް ފޮތާއެކު ލިބޭނެއެވެ.
ވަރަށްގިނަ ދަތިއުނދަގޫ ދުވަސްތަކަކަށްފަހު މަމްދޫހުގެ ފުރަތަމަ ވާހަކަ، “ޕަރީފެންގަނޑު” ކިޔުންތެރިންނާ ހަމައަށް އައުމަށް މިވަނީ ތައްޔާރުވެފައެވެ. މިހާރުދެން އޮތް ހަމައެކަނި ކަމަކީ ފޮތް ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި ހާއްސަ އިއްޒަތްތެރި ފަރާތުން ވަގުތުކޮޅެއް ލިބުމެވެ. އެނޫން ހުރިހާ ކަމެއްވަނީ ނިމިފައިކަމަށް މަމްދޫހު ބުންޏެވެ.
“އެމަނިކުފާނުގެ ޖަވާބެއް ލިބުމާއެކު ތާރީހާއި ގަޑި އިއުލާންކުރާނަން.”
މިއީ މަމްދޫހުގެ ލޯބިވާ މަންމައާއި މަރުހޫމު ބައްޕައަށް ހާއްސަކޮށްފައިވާ ފޮތެއްކަމަށް ފޮތުގެ ފުރަތަމަގަނޑުގައި ހާމަކޮށްފައިވެސްވެއެވެ. “މިއީ މަމްދުގެ ފުރަތަމަވާހަކަ…18+ ވާހަކައަކަށްވިޔަސް އެއަށްވުރެ ހަގު ކުއްޖަކަށްވެސް މިވާހަކަ ކިޔިދާނެ. ހުރިހާ އުމުރަކާވެސް ގުޅޭ ގޮތަށް ލިޔުނީ…މިވާހަކަ ޑެޑިކޭޓް ކުރަނީ މަންމައާއި މަރްހޫމު ބައްޕައަށް.” މިއީ ފެށުންކަމަށާއި މަމްދޫހުގެ ވާހަކަތައް ކިޔުންތެރިންނާ ހަމައަށް ދިގުދެމިގެން ނުގޮސް ވަރަށް އަވަހަށް އަންނާނެކަމަށާއި މިގޮތަށް ދިގުލައިގެން ނުދާނެކަމުގެ ޔަގީންކަންވެސް މަމްދޫހު ދިނެވެ. މިވާހަކަފޮތް ޗާޕް ކޮށްފައިވާ ކަރުދާހަކީވެސް ފެންވަރު ރަނގަޅު މޮޅު ކަރުދާހަކަށް ވެފައި 500އެއްހާ ސޮފްހާގެ ފޮތެކޭ ބުނާވަރަށްވުރެ މާބޮޑަށްވެސް ބަރުދަން ލުއިކަން ފާހަގަކޮށްލެވެއެވެ.
މަމްދޫހުގެ ވާހަކަ ‘ޕަރީފެންގަނޑު’ގެ ޖާދޫގަ، ލާމު ގަމުގެ “ޕަރީފެންގަނޑަކީ” ފުލޯކުތޯ އަސްލުތޯ ފަހަރެއްގައި މިވާހަކަ ކިޔާލުމުންވެސް ކޮންމެވެސް ނަތީޖާއެއް ފެނިދާނެކަންނޭނގެއެވެ. (ނޫހުން\) އެދެނީ މަމްދޫހުގެ ވާހަކައަށް ކާމިޔާބާއި ނަފާވެރިކަން ލިބުމެވެ