English Edition
Dhivehi Edition

ރާއްޖޭގެ ދެކުނުގައި 31 ގޭންގުގައި 100 ވުރެ ގިނަ ކުޑަކުދީން އުޅޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ ލ. ގަމުގައި ކުރިއަށްދާ “ވިޔަވަތި ރާއްޖެ” ކޮންފަރެންސްގައެވެ.

ފުލުހުން ހުށައެޅި ޕްރެޒެންޓޭޝަނުގައިވާގޮތުން ދ، ތ. ލ. ގއ. ގދ. އަދި ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލަކާއި އައްޑު ސިޓީގައި 31 ގޭންގުގައި 100 ވުރެ ގިނަ ކުޑަކުދީން އުޅެއެވެ. އަދި އެ 31 ގޭންގުގެ ތެރެއިން 13 ގޭންގެއް ނިސްބަތް ވަނީ އައްޑޫ ސިޓީއަށް ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުވައްމުލަކުގައި އަށް ގޭންގޭއް އޮންނަ ކަމަށާއި ގދ. ތިނަދޫގައި ދެ ގޭންގެއް ގއ. ވިލިނގިލީގައި އެއް ގޭންގު އަދި ތ. ތިމަރަފުށީގައި ދެ ގޭންގު ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ލ. ގަމުގައި ފަސް ގޭންގެއް ހަރަކާތްތެރިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީއަށް ނިސްބަތްވާ 250 ގޭންގް ސްޓާރުން އުޅޭއިރު ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ 160 ގޭންގް ސްޓާރުން އުޅޭ ކަމަށެވެ. އަދި ގދ އަތޮޅުގައި 223 ގޭންގް ސްޓާރަކާއި ގއ، އަތޮޅުގައި 112 ގޭންގް ސްޓާރަކާއި ދ. އަތޮޅުގަ 15 ގޭންގް ސްޓާރެއް އަދި ތ. އަތޮޅުގައި 103 ގޭންގް ސްޓާރެއް އުޅޭ ކަަމަށެވެ.

އއ. އުކުޅަހުގައި ބޭއްވި ވިއަވަތި ކޮންފަރެންސްގައި ފުލުހުން ބުނީ 1990 އިން ފެށިގެން މިހާތަނަށް މާލޭގައި އެކަނި 44 ގޭންގެއް އުފެދި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރޭގައި ބިރުވެރި، ނުރައްކާ ބޮޑު 10 ގޭންގެއް ހިމެނޭ ކަމަށެވެ.

އެ ގޭންގުތަކަށް ނިސްބަތްވާ 2،800 އަށް ވުރެ ގިނަ މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި އެކި ގްރޫޕުތަކަށް ނިސްބަތްވާ 60 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން އޭރުވަނީ ބުނެފައެވެ.