English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރު ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ހުރި ތޯމަސް ޓުޗެލް އެ މަގާމުން ވަކިކޮށްފިއެވެ.

ޗެލްސީން ޓުޗެލް މަގާމުން ވަކިކޮށްފައިވަނީ މި ސީޒަނުގައި ނެރެމުން އަންނަ ދައް ނަތީޖާތަކުގެ ސަބަބުންނެވެ. ޓުޗެލް މަޤާމުން ވަކިކުރުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ރޭ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ކްރޮއޭޝިއާގެ ޗެމްޕިއަން ޑައިނަމޯ ޒަގްރަބް އަތުން ބަލިވުމެވެ.

އުމުރުން 49 އަހަރުގެ ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކިކުރިއިރު، އޭނާ ޗެލްސީގެ ކޯޗުކަމާއި ހަވާލުވީ 2020 ވަނަ އަހަރުގައެވެ. ދެ ސީޒަނެއް ޗެލްސީގައި ހޭދަކުރި އިރު، ޓުޗެލް ވަނީ ޗެލްސީއާއި އެކު ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑްކަޕްގެ އިތުރުން ޔޫއެފާ ސުޕަ ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އެހެން ނަމަވެސް މިފަހަރުގެ ސީޒަނާއި ކުރިމަތި ލައިގެން މިހާތަނަށް އައި އިރު، ނެރެމުން އައީ ދައް ނަތީޖާތަކެކެވެ.

އެހެން ކަމުން ޗެލްސީގެ ބޯޑުން މަޝްވަރާކުރުމަށް ފަހު އެންމެ ރަނގަޅު ގޮތަކީ އައު ކޯޗެއް ހޯދުންކަމަށް ބުނެ ޓުޗެލް ވަނީ ވަކިކޮށްފައެވެ. ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކުކުރުމުން ދެން ޗެލްސީއަށް އިރުޝާދު ޗެމުން ގެންދާނީ އެ ކުލަބުގައި ތިބި ޓުޗެލްގެ އެސިސްޓެންޓް ކޯޗުންނެވެ.

ޗެލްސީގެ ބޯޑުން ރަސްމީކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓުޗެލްގެ މަސައްކަތަށް ކްލަބުން ޝުކުރުވެރިވާ ކަމަށާއި، ޓުޗެލްއަކީ ޗެލްސީގެ ތާރީހުގައި މުހިއްމު ސަފުހާއެއް ލިޔެލައިދިން ކޯޗެއް ކަމަށެވެ.

ޗެލްސީން މިހާރުވެސް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންއަންނައިރު، އެ ކުލަބުން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ރެއާލް މެޑްރިޑާއެކު ތާރީހީ ކާމިޔާބީތަކެއް ހޯދާފައިވާ ޒައިނުއްދީން ޒިދާން ގެނައުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.