ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މަރާލާފައިވާ ރ.މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސްގެ މަރާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވީ ނަމަވެސް، އަނަސް އަށް އިންސާފް ލިބުނުކަމަށް މީދޫގެ ރައްޔިތުން ގަބޫލުނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއާ ވާހަކަދައްކަވަމުން އަމީތު ވިދާޅުވީ މީދޫ ރައްޔަތުން އަނަސް މަރާލި މީހުން އިންސާފްގެ ކުރިމައްޗަށް ގެނެއުމަށްެ ސަރުކާރަށް އެދެމުންދާކަމަށާއި އެ ރަށުން ރައީސް އަބްދުﷲ ޔާމީން ވޯޓް ބޭނުންނަމަ އަނަސްގެ ގާތިލުން އިންސާފްގެ ކުރިމައްޗަށް ގެންނަންޖެހޭނެކަމަށެވެ. މީގެ އިތުރުން އަމީތު ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ދީދީ މީދޫއަށް ވަޑައިގެންނެވި ދުވަހު އެ ރަށުގައި އިންސާފު ހޯދުމަށް އެދި ކުރި އިޙްތިޖާޖްކުރުމާ ގުޅިގެން، ބަޔަކު ހައްޔަރުކޮށްފައިވީ ނަަމަވެސް މި މައްސަލާގައި މީދޫގެ ރައްޔިތުން އެދޭ އިންސާފަކީ މަރަށް މަރު ހިފުން ކަމުގައެވެ.
ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، މ. ދިމިޝްގް އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި، ލ. ގަން، ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހުފޫޒްގެ އިތުރުން މާލޭ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ މައްޗަށެވެ.