English Edition
Dhivehi Edition

ރިސޯޓު ތަރައްޤީކުރުމަށް އެންމެ ފަހުން ހުޅުވާލި ރަށްތަކުގެތެރެއިން، ގދ. ކަނޑަހަލަގަލާގައި ރިސޯޓު ތަރައްގީކުރުމަށް ބަޔަކާއި ހަވާލުކޮށް، އެއްބަސްވުމުގައި، މިހާރު ސޮއިކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

10 އަތޮޅަކުން ކަނޑައަޅާފައިވާ 18 ރަށަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ މިދިޔަ އަހަރުތެރޭއެވެ. މި ރަށްތަކުގެ ތެރެއިން، މިދިޔަ އޭޕްރީލް މަހުގެތެރޭ ބީލަން އެވޯޑުކޮށްފައިވަނީ ފ. އެނބުލިފުށި، ފ. ޖިންނަތުގައު، ގދ. ކަނޑަހަލަގަލާ، މ. ސީދީ ހުރާގެ އިތުރުން ހއ. އަލިދުއްފަރުފިނޮޅެވެ.

ބީލަން އެވޯޑުކުރެވިފައިވާ ފަރާތްތަކުން ލީސް އެކުއިޒިޝަން ކޮސްޓާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ %50 ދެއްކުމުގެ އިތުރުން އިނީޝަލް އެންވަޔަރަންމަންޓު އެސެސްމެންޓެއް ހެދުމަށް 60 ދުވަހުގެ މުއްދަތެއް ޓޫރިޒަމް މިނިސްޓްރީން ދެއްވިއެވެ. މި މުއްދަތު ހަމަވިއިރު، ފައިސާ ދެއްކީ ހަތަރު ކުންފުންޏަކުންނެވެ. ފައިސާ ދައްކާފައިވާ ރަށްތަކަކީ، ފ. އެނބުލިފުށި، ފ .ޖިންނަތުގައު، ގދ. ކަނޑަހަލަގަލާ އަދި މ. ސީދީ ހުރާއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިހަތަރު ރަށުގެ ތެރެއިން 03 ރަށެއްގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަަމަށެވެ. އެއީ ފ. އެނބުލިފުށި، ފ. ޖިންނަތުގައު އަދި ގދ. ކަނޑަހަލަގަލާއެވެ. އަދި މ. ސީދީ ހުރާގެ އެއްބަސްވުމުގައި މިމަހުގެ މެދުތެރޭގައި ސޮއިކުރެވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން ގދ. ކަނޑަހަލަގަލާގައި ރިސޯޓު ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ ޕަޔަނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.