English Edition
Dhivehi Edition

ރާއްޖެއަށް ކުރި ވިއްސާރައާއި އުދައެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވިއްސާރާގައި، ގޭބިސީ ފެންވަރުގައި ބޯހިޔާވަހިކަމަށާއި، ޒަރޫރޫ ބޭނުންތަކަށް ބުރޫ އަރާ މިންވަރަށް 10 ރަށަކަށް ވަނީ ގެއްލުންވެފައެވެ. އަދި ދަނޑު ބިންތަކަށާއި، އާންމު ހިދުމަތްދޭ އިމާރާތް އަދި އޮޑިހަރުގެ ދަފަ ތަންތަނަށް ގެއްލުންވެގެން 08 ރަށަކުން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ގޭބިސީ ފެންވަރުގައި ގެންލުންތައް ކުރިމަތިވި ރަށްތަކުން ޖުމްލަ 277 ގެއެއްގައި އެސެސްމެންޓް ހަދާފައިވާއިރު، ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށާއި، ގޭގެ އިމާރާތަށް ގެއްލުންވެފައިވަނީ 131 ގެއަކަށްކަމަށް އެންޑީއެމްއޭއިން ވަނީ މައުލޫމާތުދީފައެވެ.

އެންޑީއެމްއޭއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ގެއްލުންވެގެން އެ އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދީފައިވަނީ، ނ ފުބަދޫ، ގދ ހޯނޑެއްދޫ، ފިޔޯރީ، މަޑަވެލި، އަދި އެއަތޮޅު ރަތަފަންދޫގެ އިތުރުން ހދ ވައިކަރަދޫ، ތ. ތިމަރަފުށީ، ށ ބިލެއްފަހި، ސ. މަރަދޫފޭދޫ އަދި ސ މަރަދޫއަށެވެ.

ޖުލައި މަހު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައާއި އުދައެރުމުގެ ސަބަބުން ގެއްލުން ލިބުނު 10 ރަށުގެ ތެރެއިން 09 ރަށަކަށް މިހާތަނަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވެއެވެ. ގެއްލުންތަކުން އަރައިގަތުމަށް ފައިސާގެ އެހީގެ ގޮތުގައި ޖުމްލަ 1،256،287.60 ރުފިޔާ (އެއް މިލިއަން ދެއްލައްކަ ފަންސާސް ހަ ހާސް ދުއިސައްތަ އައްޑިހަ ހަތް ރުފިޔާ ފަސްދޮޅަސް ލާރި) ވަނީ ފޯރުކޮށްދީފައެވެ.

އެގޮތުން ޒަރޫރީ ހިފާ ގެންގުނު ތަކެއްޗަށް ވެފައިވާ ގެއްލުމުން އަރައިގަތުމަށް 294،562.60 ރުފިޔާ (ދެލައްކަ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ ފަސްދޮޅަސް ލާރި) ފޯރުކޮށްދީފައިވެއެވެ. އަދި އިންފްރާސްޓްރަކްޗަަރަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 961،725 ރުފިޔާ (ނުވަ ލައްކަ ފަސްދޮޅަސް އެއް ހާސް ހަތްސަތޭކަ ފަންސަވީސް ރުުފިޔާ) ވަނީ ފޯރުކޮށްދީފައެވެ.

މީގެއިތުރުން ދަނޑުބިންތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ވިޔަފާރީގެ ގޮތުގައި ވިއްކުމަށް ހައްދާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މިރުސް، ފަޅޯ، ބިލެތް، ދޮންކެޔޮ ފަދަ ގަސްގަހަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.

މި ހާދިސާގައި 06 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އަލުން އާރާސްތުކުރަންޖެހޭ ފަދަ ހާލަތަކަށް ގޮސްފައިވެއެވެ.