ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފ.ފީއަލީ ބަށިޓީމް ހޯދައިފިއެވެ. ބަށި ބޯޅަ އެސޯސިއޭޝަންއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފަސްޓްލޭޑީ ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފީއަލީ ހޯދީ ފައިނަލްގައި ކ.މާފުށި ޓީމާއި ބައްދަލުކޮށް އެންމެ ލަނޑެއްގެ ތަފާތަކުން މޮޅުވެގެންނެވެ.
ރޭ ކުޅުނު ފައިނަލް މެޗްގައި ފީއަލި ބަށި ޓީމް މުބާރާތް ކާމިޔާބުކޮށްފައިވަނީ 32 ލަނޑު 8 ފޯލިންނެވެ. މުބާރާތުގެ ރަނައަޕް ޓީމްގެ މަޤާމް ހޯދި ކ. މާފުށީ ބަށި ޓީމަށް ހެދިފައިވަނީ 31 ލަނޑު 11 ފޯއްޔެވެ. މާފުށިން ފުރަތަމަ އިނިންގްސްގައި 16 ލަނޑު ހެދިއިރު، ފީއަލީ ޓީމަށް ހެދުނީ 15 ލަނޑެވެ. ދެ ޓީމްގެ ފުރަތަމަ އިނިންގްސްއަށް ބަލާއިރު، މާފުށި އެއް ލަނޑުގެ ތަފާތުން ކުރީގައި އޮތްނަމަވެސް ފީއަލީ ޓީމުންވަނީ ދެވަނަ އިނިންގްސްގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ފައިނަލް މެޗަށްފަހު ފީއަލީ ބަށި ޓީމްގެ ކެޕްޓަން ޝިހާމާ އަބްދުއްރަޝީދު ބުނީ މި ކާމިޔާބަކީ ކުޅުންތެރިން އެންމެ ފަހު ވަގުތާއި ހަމައަށްވެސް ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި ކާމިޔާބީގެ ފަހަތުގައިވަނީ ސަޕޯޓަރުންގެ ތާއީދު ކަމަށެވެ. ފައިނަލުން ބަލިވި ކ.މާފުށި ޓީމްގެ ކެޕްޓަން ފަރީޝާ އަލީ ބުނީ ފައިނަލުން ބަލިވިކަމުގައިވިޔަސް މާޔޫސްކަމެއް ނެތްކަމަށެވެ.އަދި މިއީ މިކަހަލަ މުބާރާތެއްގައި މާފުށި ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި މިފަދަ މުބާރާތެއްގައި ވާދަކޮށް މިހައި ކުޑަ ތަފާތަކުން ބަލިވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މި މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި މުބާރާތުން އެކި ވަނަތަކަށް އައި ފަރާތްތަކަށް ހަދާނީ ލިޔުމާއި އިނާމް ވަނީ ހަވާލުކޮށްފައެވެ.މި މުބާރުތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ލ.ގަމު ބަށި ޓީމްގެ ފާތިމަތު ރަޒިއްޔާ، ހާއްވާ ލިއުޝާ، ކ. މާފުށި ޓީމްގެ ފަރީޝާ އަލީ، ނ.މާފަށު ބަށިޓީމްގެ ރުހުޝާނާ އާދަމް، އަމިނަތު މުމްތާޒް، އައިޝާތު އަބްދުﷲ އަދި ފ.ފީއަލީ ބަށި ޓީމްގެ އާމިނަތު ޒަމީލާ، ޝިހާމާ އަބްދުއްރަޝީދެގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ ގިނަ ބޯޅަ ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ލ.ގަމު ބަށި ޓީމްގެ އައިޝަތު ލުބުނާއެވެ. މުބާރާތުގެ 3 ވަނަ ޓީމަކަށް ލ. ގަމު ބަށި ޓީމު ހޮވިފައިވާއިރު މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ނ.މާފަރު ބަށި ޓީމެވެ. އެންމެ މޮޅު ސަޕޯޓެއްދިން ޓީމަކަށް ހޮވުނީ މ.ވޭވަށެވެ.
ފީއައްޔަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބަރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން 3 އަހަރު ހޯދައި ތަށި މިލްކުކޮށްފައިވާ ޓީމެކެވެ.