English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި ލިވަޕޫލް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން މި ފަހަރުގެ ސީޒަނުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑު މޮޅުވީ ލިވަޕޫލާއި ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

މިފަހަރުގެ ސީޒަނުގައި އެންމެ ފުރަތަމަ ކުޅުނު ދެމެޗުން ބަލިވި ނަމަވެސް، އެކަން ހަނދާން ނައްތާލާ ޔުނައިޓެޑުން މި ވަނީ މޮޅު ކުޅުމެއް ދައްކާ ލިވަޕޫލުގެ މައްވަށް ކުރި ހޯދާފައެވެ. މިއީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ޔުނައިޓެޑުން ލިވަޕޫލް ބަލިކުރި ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑުން މިރޭގެ މެޗު ފެށީ ކެޕްޓަން، ހެރީ މެގުއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނުލައެވެ. މެޗު ދެށިގެން ވެސް ރަނގަޅަށް ކުޅެމުން އައީ ޔުނައިޓެޑުންނެވެ. އެގޮތުން ލިވަޕޫލުގެ ފަހަތަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދޭތޯ އެ ޓީމުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ލަނޑު ޖަހާ ލީޑުނަގާފައެވެ. ޔުނައިޓެޑަށް ލީޑުނަގައިދިނީ މެޗުގެ 16 ވަނަ މިނިޓްގައި އެލަންގާ ދިން ބޯޅައަކުން ޖޭޑަން ސަންޗޯ އެވެ.

މެޗުގެ ފުރަތަމަ ހާފު ޔުނައިޓެޑުން ލީޑުގައި އޮވެ ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ ފަހުހާފު ފެށިގެން ގިނަ އިރުތަކެއް ނުވެއެވެ. މެޗުގެ 53 ވަނަ މިނެޓުގައި މާޝިއަލް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ރަޝްފޯޑް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލިވަޕޫލުން އެޓީމުގެ ހަމަ އެކަނި ލަނޑު ޖެހީ މެޗުގެ 81 ވަނަ މިނިޓްގައި މުހައްމަދު ސަލާހު އެވެ. ބަދަލަކަށް ކުޅެން އެރި ލިވަޕޫލްގެ ފަބިއޯ ކަވާލިއޯ ޖެހި ބޯޅައެއް ޑެހެއާ އަތުގައި ޖެހިފައި ނުކުތް ވަގުތު ސަލާހު ވަނީ ބޮލުން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.

ރޭގެ މި ނަތީޖާއާ އެކު ޔުނައިޓެޑް 14 ވަނައިގައި ތިން ޕޮއިންޓާ އެކު ޖެހިލިއިރު، ލިވަޕޫލް ވަނީ 16 ވަނައަށް ވެއްޓިފައެވެ. އެޓީމު 16 ވަނާގައި އޮތީ ދެ ޕޮއިންޓް ހޯދައިގެންނެވެ.