English Edition
Dhivehi Edition

ޕޮލިޓެކްނިކް ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ 2022 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކްގެ އޮރިއެންޓޭޝަންގައި ބައިވެރިވެރިވި ހުރިހާ ދަރިވަރުންނަށް މަރުހަބާ ދަންނަވާ ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ވޯލްޑްބޭންކުގެ އެހީގައި މިހާރު އާ ޚިދުމަތްތަކެއް ޕޮލިޓެކްނިކަށް ފޯރުކޮށްދެމުން ގެންދާ ކަމަށާއި އެގޮތުން ލައިބްރަރީގެ ޚިދުމަތަކީ ވެސް އޭގެރެއިން އެއް ޕްރޮޖެކްޓް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިތަނުގައި ލެބެއްވެސް ގާއިމް ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންނަ އަހަރު ބަޖެޓުގައި ލިފްޓެއްވެސް ލާގޮތަށް މިހާރު އަޅުގަނޑުމެން އެކަން ގަސްތުކޮށް ނިންމާފައި ވާނީ. އަޅުގަނޑުމެން މިތަނުގައި އާ ފެސިލިޓީސް ގާއިމް ކުރަން ބޭނުން” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އާ ފެސިލިޓީސް ޕޮލިޓެކްނިކްގައި ގާއިމްކުރެއްވުމަށް ބޭނުންވެލައްވަނީ އެތަނުން ދެވޭ ތައުލީމުގެ ފުރުސަތުތައް ފުޅާވުމަށް ފަހިވުމާއި ތަނުން ހިންގޭ އެކްސެސް މިހާރަށްވުރެ ރަނގަޅުކުރުމާއި އާންމުން ޕޮލިޓެކްނިކާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުމުގެ ގޮތުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީމިއަދު މިފެށުނު ސެމިސްޓަރ އަކީ ހުރިހާ ދަރިވަރުން ވެސް ދިރިއުޅުމުގައި ގިރާކުރާނެ އާ ހަރުފަތެއްގެ ފެށުންކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ސެމިސްޓަރއަކީ ދަރިވަރުންގެ ހުނަރާއި އުއްމީދާއި އެކު އިލްމު ހޯދާ ހުނަރު ދަސްކޮށް ހިއްމަތާއިއެކު މަސައްކަތްކޮށް ކާމީޔާބާއި ހަމައަށް ވާސިލުވުމަށްޓަކައި ފަށާ ފެށުމެއްގެ ފެށުންކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ޕޮލިޓެކްނިކުން ދަރިވަރުން ކިޔަވައިގެން ނިކުންނައިރު މަސައްކަތުގެ އަޚުލާގު ހުންނަ ގޮތާއި ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތާއި ވަޒީފާއަށް ގޮސް މަސައްކަތުގައި ހޭދަކުރާ ވަގުތާއި ނަތީޖާ ނެރޭ ގޮތާއި ދިރިއުޅުމުގައި މީހާގެ ޑިސިޕްލިން ގެންގުޅޭގޮތް އެއީ ވަރަށް މުހިއްމު ކަމަށް ވިދާޅުވިއެވެ.
އަދި ޕޮލިޓެކްނިކުން ކިޔަވައިގެން ނިކުންނަށް ދަރިވަރުން ޓްވެޓް ނިޒާމަށް އާންމުން ދެކޭގޮތް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރ އެދިލެއްވިއެވެ.