English Edition
Dhivehi Edition

މިދިޔައަހަރުގެ ދިރާސީ އަހަރު ފެށުނު ދުވަހު، ތަޢުލީމީދާއިރާއަށް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ކަންތައްތަކުގެ ތެރެއިން ގިނަކަންތައްތަކެއް މިއަހަރުގެ ދިރާސީ އަހަރު ފެށުނު އިރު ވަނީ ފުރިހަމަކުރެވިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން މަޖީދިއްޔާ ސްކޫލުގެ މެންދުރުފަހުގެ ދަންފަޅީގައި ބޭއްވި، ޚާއްޞަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ސަމާލުކަމެއް ދެއްވައި، ތަޢުލީމީ ދާއިރާގެ ކަންކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

މިގޮތުން މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ޢާލަމީ ބަލިމަޑުކަމާއި އިޤްތިޞާދީ ދަތިކަމުގެ ތެރޭގައިވެސް ސަރުކާރުންކޮށްފައިވާ ކަންކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވައި ލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިޔަށް ގެންދަވައި އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން ދުނިޔޭގެ ޤައުމުތަކަށް ކުރިމަތިވެފައިނުވާ ފަދަ ދަތި އުނދަގޫތަކާއި ގޮންޖެހުންތަކެއް ރާއްޖެއަށްވެސް އޮތީ ކުރިމަތިވެފައި ކަމަށެވެ.

އެހެންނަމަވެސް މިހުރިހާ ކަންތައްތަކެއްގެ ތެރެއިންވެސް ކެތްތެރިކަމާއި އެކު، ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވައި، ތަޢުލީމީދާއިރާއަށް، ޚާއްޞަކޮށް މުދައްރިސުންނަށް ރަނގަޅު މަސައްކަތު މާޙައުލެއް ހޯއްދަވައި ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ ރަނގަޅު ދަރިންތަކެއް ލިބޭނެ ހަމައެކަނި ގޮތްކަން މިސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާތީ، ސްކޫލުތަކަށް ބޭނުންވާ ކަންކަން ފުރިހަަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ކުރެވެމުންދާ ކަންކަމުގައި މުދައްރިސުންނަށްވެސް އިތުރު ކުރިއެރުން ލިބި، ސްކޫލްތަކުގެ ކަންތައްތައް ފުރިހަމަވެ، 21 ވަނަ ޤަރުނަށް ބޭނުންވާފަދަ ދަރިންތަކެއް ތައްޔާރުކުރުމަށްޓަކައި، ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަވެ، އިތުރު ހިތްވަރާއި ހިންމަތާ އެކު މަސައްކަތްކޮށް މިހާރު މިދުނިޔޭގައި މިއޮތް އޮއެވަރާއިއެކު ރަނގަޅު ޖީލެއް ބިނާކުރުމުގެ ކަންތައްތައް އެންމެ އެކުގައި ކުރާ މަސައްކަތްތަކުން ކާމިޔާބުވެގެން ދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއެސްމެބްލީގަިއ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ އެހުރިހާ ފަރާތްތަކަކަށް ދިރާސީ އައުއަހަރުގެ ހެޔޮއެދުމާއި ތަޙްނިޔާ ފޮނުއްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، އިންސާނަކަށް އެންމެ މުހިއްމު އެއްޗަކީ ތަޢުލީމު ކަމަށާއި، ތަޢުލީމު އުނގެނުމަށް އެންމެ ރަނގަޅު ދުވަސްވަރަކީ، ޅަފަތުގެ ދުވަސްވަރުކަމަށެވެ. އަދި ޅަފަތުގައި ދަސްކުރާކަންކަން މުޅި އުމުރަށް ދެމިހުންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ތަޢުލީމު އުނގެނުމަށް ލިބިފައިމިވާ ފުރުޞަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، ފަހިވިސްނުމާއި އެކު އައު އަޒުމެއް ކަނޑައަޅައިގެން ދަރިވަރުން ކިޔެވުމުގައި ކުރިޔަށް ދިޔުމަށް އެދިވަޑައިގެންފައެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދޭނެއެވެ. އަދި އެ ސްކޫލް މަދަރުސާތަކުގައި 92 ހާހަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލުކުރާއިރު އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76 ހާހަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާނެއެވެ. އަދި 8300 އަށް ވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ހަރަކާތްތެރިވަމުންދާނެއެވެ.