English Edition
Dhivehi Edition

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު، އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާ ކަމަށާއި ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

އެކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު ޕްރޮޕޯސަލް ހުށަހަޅަން ވާނީ ސިޓީ އުރައެއްގައި ބަންދުކޮށް، އޭގެ ބޭރުގައި “އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި” ލިޔުމަށް ފަހު ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ބަލައިގަންނާނީ އޮގަސްޓް ނުވަ ވަނަ ދުވަހުން ފެށިގެން 16 ގެ ނިޔަލަށް 9:00 އިން މެންދުރު 1:30 އާ ހަމައަށް މިނިސްޓްރީގެ ކައުންޓަރުންކަމަށެވެ.