ރ. ދުވާފަރު ކައުންސިލުން ވަޒީފާ އަށް ނުކުތަސް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަންނަ ހަފްތާ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ހުށަހަޅާނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާކަމަށް އެލްޖީއޭއިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ހާމަވުމާއި ގުޅިގެން އެލްޖީއޭ އިން ވަނީ އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފަ އެވެ. އަދި އެ އޮތޯރިޓީން ވެސް އެ މައްސަލައިގެ ހާއްސަ އިންކުއަރީއެއް އަންނަނީ ހަދަމުންނެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އެލްޖީއޭ އިން ހެދި މޮނިޓަރިން ރިޕޯޓަކުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެތައް ލައްކަ ރުފިޔާއެއް އެ މެމްބަރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފަ އެވެ. އަދި މާލިއްޔަތު ގާނޫނުތަކާއި ސިވިލް ސާވިސް ގާނޫނާ ހިލާފަށް އެތައް ކަމެއް ކޮށް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް އެ ރިޕޯޓުން ހާމަވި އެވެ.
އެލްޖީއޭ އިން ވަނީ އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފަ އެވެ. އަދި އެ އޮތޯރިޓީން ވެސް އެ މައްސަލައިގެ ހާއްސަ އިންކުއަރީއެއް އަންނަނީ ހަދަމުންނެވެ.
އެކަމާއި ގުޅޭގޮތުން މީޑިއާ އަކަށް މައުލޫމާތު ދެއްވަވަމުން އޭސީސީން ވިދާޅުވީ މޮނިޓަރިން ރިޕޯޓު ހެދި އިރު އިންކުއަރީ އަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ބަޔާނެއް ނަގާފައިވާ ކަމަށާއި އިތުރު މައުލޫމާތެއް ހޯދަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން އެ މެމްބަރުން މަގާމުގައި ތިބެ ވަޒީފާ އަށް ނުކުތަސް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށް އަފްޝަން ވިދާޅުވި އެވެ. އަދި ބޯޑުން ފާސް ކޮށްފައި އޮތީ އަންނަ ހަފްތާގައި ބާއްވާ ބޯޑް މީޓިންއަށް އެމަސައްލައަށް ގޮތެއް ނިންމުމަށް އެޖެންޑާ ކޮއްފައި ވާކަމަށެވެ.
އެލްޖީއޭގެ ރިޕޯޓުގައި ވަނީ ލާމަރުކަޒީ ގާނޫނާއި، އެގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެ ކައުންސިލުން އަމަލު ނުކުރާކަމަށެވެ. އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަން ފާހަގަކޮށްފައިވެއެވެ.
އެލްޖީއޭގެ ރިޕޯޓުން އެނގުނު ގޮތުގައި ކައުންސިލްގެ ދެ މިލިއަނެއްހާ ރުފިޔާ ވަނީ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން އަދި ކައުންސިލްގެ ބައެއް މުއައްޒަފުންގެ އެކައުންޓަށް ޖަމާކޮށްފަ އެވެ. އަދި އެއްވެސް ލިޔެކިޔުމެއް ރަނގަޅަށް ނުބަލަހައްޓާއިރު ތަކެތި ހޯދުމާއި އެހެނިހެން މަސައްކަތްތައް ވެސް ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށެވެ.
އޭގެ އިތުރުން އެއް މެމްބަރަކު ކައުންސިލްގެ ވަޒީފާގައި ހުރެ ދިޔައީ ފުލްޓައިމް ކޮށް އެހެން ރިސޯޓެއްގައި މަސައްކަތް ކުރަމުންނެވެ. އަދި އެކަށީގެންވާ ސަބަބެއް ނެތި ވިދިވިދިގެން ހަތް ދުވަހު މެމްބަރުން ކައުންސިލަށް ހާޒިރު ނުވެއްޖެ ނަމަ މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ބުނި ނަމަވެސް ބައެއް މެމްބަރުން 50 އަށް ވުރެ ގިނަ ދުވަހު ނާދެ އެވެ. އެކަމަކު އެއްވެސް ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅައިފައެއް ނުވެ އެވެ.