English Edition
Dhivehi Edition

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި 2015 އަހަރުގެ މާޗް މަހު މުޒާހަރާ ކުރި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

2015ވަނަ އަހަރު ކުޜިގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމާ ގުޅިގެން ނަޝީދު ދޫކޮށްލަން ގޮވާލައި އެއާޕޯޓުގައި މުޒާހަރާކުރި މައްސަލައިގައި ދައުލަތުން ދައުވާ ކުރި 14 މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2016ވަނަ އަހަރު މާޗް މަހުގެ 31 ވަނަ ދުވަހު ގައެވެ. ކްރިމިނަލް ކޯޓުން ދައުވާކޮށްފައިވާ 14 މީހުންނަށް ހުކުމްކޮށްފައިވަނީ ތިން މަހަށް ޖަލަށް ލުމަށް، ނަމަވެސް މި ހުކުމް ތަންފީޒު ކުރާނީ ތިން އަހަރު ފަހުން ކަމަށް އެ ހުކުމުގައިވަނީ ބަޔާންކޮށްފައެވެ އަދި ހުކުމް ކުރާ ދުވަހުން ފެށިގެން މި ހިނގާ ތިން އަހަރުގެ ތެރޭގައި މި މީހުން އިތުރު ކުށެއް ނުކުރާނަމަ ތިން އަހަރު ފަހުން ވެސް ޖަލަށް ދާން ނުޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ

މި މައްސަލައިގައި ދައުވާ އުފުލިފައިވާ މީހުންނަކީ މާލޭގޭ މޭޔަރު ޝިފާ މުހައްމަދު ގެ އިތުރުން ސ. ހުޅުދޫ ކަޅުމަގިގޭ މަރިޔަމް ޒުބައިރި، ސ. ހިތަދޫ ޝެޑިއުލަސް ހަދީޖާ ޝާދިޔާ،މ. ފެހިފަތްގެ ޔުމްނާ ، ޏ. ފުވައްމުލައް މިސްކިތްމަގު ދޯނާޑު ޒަހުރާ މޫސާ، މ. ނިއުހިލްމަން ޝަމީމާ އާދަމްފުޅު، ހ. ވެޔޮވިލާ ޝަފިއްޔާ ޒުބައިރު، މއ. ނާރިނގުގޭ މުހައްމަދު އިބްރާހީމް މަނިކު، މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދު، ހ. ޓިވެގާލައިޓް ފަރީޝާ އަހްމަދު، މ. ތަންތާރަ އާމިނަތު ޒިމްނާ ، ގ. އާކާޝްވިލާ އާމިނަތު ޒާހިރާ، މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދު، ގ. ދުވާފަރު އާއިޝަތު މަމްދޫހާގެ އިތުރުން މއ. ބީޗްހައުސް އާމިނަތު ދުމައިނާ އިރުޝާދު އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން މިމައްސަލަ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ޒަހުރާ މޫސާ އާއި، އާމިނަތު ޒާހިރާ އާއި، މަރިޔަމް ޒުބައިރާއި، ފާތިމަތު ރަޝީދާގެ އިތުރުން މުހައްމަދު އިބްރާހީމް މަނިކު އެވެ.ހައިކޯޓުގައި މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ މިފަސް މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އެއްވެ އުޅުން މަނާ ސަރަހައްދެއްގައި މުޒާހަރާ ކުރުމުން ކަމަށް ދައުލަތުން ހުށަހެޅި ހެކިތަކުން އެނގޭ ކަމަށާއި އަދި އެ ހެކިތައް ނަފީ ކުރެވޭ ވަރުގެ ހެކި ދައުވާ ލިބޭ މީހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ.