English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ކައުންސިލު އިދާރާ ފޭސްބުކް

އައްޑޫ ސިޓީގައި ބާއްވާ ފަންނާނުންގެ މިއުޒިކީ ޢީދުގެ ފުރަތަމަ ޝޯވ މިރޭ އޮންނާނެއެވެ.

މި ޝޯވ މިރެއާއި މާދަމާ ރޭ އައްޑޫ ސިޓީގައި އޮންނާނީ އައްޑޫ ސިޓީ ހިތަދޫ ސްޓޭޖުގައެވެ. މިރޭގެ ޝޯވ ފަށާނީ 20:30 ގައެވެ.

ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ބާއްވަމުން އަންނަ ފަންނާންގެ ދިވެހި މިއުޒިކީ ޢީދު ޝޯވ މިއީ މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސް (އެންސީއޭ) އިން ބުނެފައިވަނީ “ދިވެހި ފަންނާނުގެ މިއުޒިކީ ޢީދު” ޝޯވ މިއަހަރު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމީ އަތޮޅުތަކުގައި ތިބި ފަންނާނުންނަށް މިފަދަ ހަރަކާތްތަކުގެ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށެވެ.

މިރޭގެ ޝޯވ ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި ޝޯވގައި މާލެއިން ޕަރފޯމްކުރާ އާޓިސްޓުން ވެސް އައްޑޫ ސިޓީއަށް ގޮސްފައިވާއިރު، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން، އެ ފަރާތްތަކަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ފޮޓޯ: އައްޑޫ ކައުންސިލު އިދާރާ ފޭސްބުކް

މިފަހަރުގެ ފަންނާނުންގެ މިއުޒިކީ ޢީދުގައި އައްޑޫގެ ދެ މިއުޒިކް ބޭންޑަކާއި، ބައެއް އާޓިސްޓުން ބައިވެރިވާނެއެވެ. އަދި މާލޭގައި މަސައްކަތް ކުރާ އެކި ބޭންޑުތަކާ ފަންނާނުން ވެސް ބައިވެރިވާނެއެވެ.

އެގޮތުން ޓްރެފިކް ޖޭމް، އިކުއިޓިކް ވައިބް އަދި ބައެއް އަމިއްލަ ލަވަކިޔުންތެރިންވެސް ބައިވެރިވާނެއެވެ. މީގެއިތުރުން ނެށުމުގެ ފަންނުވެރިކަމުގައި މަސައްކަތް ކުރާ ބައެއް ފަންނާނުން ބައިވެރިވާނެކަމަށްވެސް އެން.ސީ.އޭއިން ވިދާޅުވެއެވެ.

މިއީ ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ފަންނާނުންތަކެއް އެއް ޝޯވއަކުން ފެންނަ އެންމެ ބޮޑު ހަރަކާތެވެ. މިފަހަރުގެ ޝޯވ މި ބާއްވަނީ ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސްއާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެންނެވެ. މިފަހަރުގެ ފަންނާނުގެ މިއުޒިކް ޢީދުގެ މެއިން ސްޕޮންސަރުންނަކީ އެމް.ޓީ.ސީ.ސީ، އެސް.ޓީ.އޯ، ފެނަކަ ކޯރޕަރޭޝަން އަދި އުރީދޫ މޯލްޑިވްސްއެވެ.