English Edition
Dhivehi Edition

ރިސޯޓު ތަރައްޤީކުރަން މިދިޔަ އަހަރުގެތެރޭ ހުޅުވާލި ގދ. ކަނޑަހަލަގަލާގެ ބީލަން ކާމިޔާބުކޮށްފައިވާ ކުންފުނިން، ކަނޑައެޅި މުއްދަތުގައި ފައިސާ ދައްކާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެގޮތުން ޕަޔަނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 2800000 (ދެ މިލިއަން އަށް ލައްކަ) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 150000 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވެއެވެ.

ގދ. ކަނޑަހަލަދަލާ އަކީ 2015 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަން ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި ހަވާލުކޮށްފައިވާ 7.4 ހެކްޓަރުގެ ބިން އޮންނަ ރަށެކެވެ. އެރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިދިޔަ އޭޕްރީލް މަހުގެތެރޭ ބީލަން އެވޯޑުކުރެވިފައިވަނީ ގދ. ކަނޑަހަލަގަލަގެ އިތުރުން ފ.އެނބުލިފުށި، ފ.ޖިންނަތުގައު، މ. ސީދީ ހުރާ އަދި ހއ. އަލިދުއްފަރުފިނޮޅެވެ. ބީލަން އެވޯޑުކުރެވިފައިވާ ފަރާތްތަކުން ލީސް އެކުއިޒިޝަން ކޮސްޓާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ %50 ދެއްކުމުގެ އިތުރުން އިނީޝަލް އެންވަޔަރަމެންޓު އެސެސްމެންޓެއް ހެދުމަށް 60 ދުވަހުގެ މުއްދަތެއް ޓޫރިޒަމް މިނިސްޓްރީން ދެއްވިއެވެ. މި މުއްދަތު ހަމަވިއިރު، ފައިސާ ދެއްކީ ހަތަރު ކުންފުންޏަކުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މުއްދަތު ހަމަވިއިރު ހއ. އަލިދުއްފަރުފިނޮޅުގެ ބީލަން ކާމިޔާބުކުރި ފަރާތުން އެވޯޑް ލެޓަރގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކޮށްފައިނުވާކަމަށެވެ. މިގޮތުން، ހއ. އަލިދުއްފަރުފިނޮޅުގެ ބީލަން ކާމިޔާބުކުރި ފަރާތުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ “ފޯފީޓް” ކުރުމާއި ފ. އެނބުލުފުށި، ފ. ޖިންނަތުގައު، ގދ. ކަނޑަހަލަދަލަ އަދި މ. ސީދީހުރާ (މ. ސީދީހުރާ ވެލިގަނޑާއެކު) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.