އެމްޕީއެލްގެ ދަތުރުފަތުރުގެ ނިޒާމުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ހިދުމަތްދޭން އެ ކުންފުނިން ނިންމައިފިއެވެ.
މިރޭ އެމްޕީއެލް އިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ އެމްޕީއެލް އަކީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އަހަމިއްޔަތުކަމެއް ދޭ ކުންފުންޏެއެއްކަމަށާއި އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ގިނަ ފަރާތްތަކަށް މިހާރުވެސް އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ހޯދަދީފައިވާ ކަމަށެވެ.
އެމްޕީއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ހިދުމަތް ލިބިގެން ދާނީ ރަޖިސްޓްރީ ކޮށްގެން އެމްޕީއެލް އިން ދޫކުރާ ދަތުރު ކާޑު ބޭނުންކޮށްގެން ކަމަށެވެ.އަދި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ނޮވެމްބަރ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެމްޕީއެލް އިންވަނީ ބުނެފައެވެ.
މިކާޑު ބޭނުންކޮށްގެން އެމްޕީއެލް އިން ދަތުރުފަތުރުގެ ޚިދުމަތް ދެމުގެންދާ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހައްދުންމަތީގެ ގުޅިފައިވާ ރަށްތަކުގައި ހިލޭ ދަތުރުފަތުރު ކުރެވޭނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ..