English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފިއެވެ.

‎ދެ ދުވަހުގެ މުއްދަތަށް އެ މަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި 3 ޖޫން 2022 ވީ ހުކުރު ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ބައިސްކަލު ދުވަހުގެ ހަރަކާތެއްގެ ގޮތުން އެ ސިޓީގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ “ނޯ ވެހިކަލް އަވަރ” ބައިސްކަލު ބުރުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސިޓީގައި ބާއްވާ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ފުވައްމުލައް ސިޓީގައި ޤާއިމުކުރެވިފައިވާ ޓޭބަލް ޓެނިސް ހޯލުގެ ޢިމާރާތް ހުޅުވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

‎އެ މަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.