ރާއްޖޭގެ ކުނިމެނޭޖް ކުރުމާބެހޭ ގަވާއިދުގެ ސަބަބުން ކުނި މެނޭޖުކުރުމަށް ހުރި ގޮންޖެހުންތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެމްކޯ އިން ބުނެފިއެވެ.
ވެމްކޯ އިން މިހެން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގޭބިސީތަކުން ހުރިހާ ބާވަތެއް މަސްހުނިކޮށްގެން ނެރެމުން އަންނަ ކުނި ވަކިކޮށްގެން ނެރުމަށް ވެންކޯ އިން އަންގާފައިވާތީ، ނަގަމުން އަންނަ ފީ އަށް ބަދަލު އަންނާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނާތީ، އެކަން އޮޅުން ފިލުވައިދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައެވެ.
ވެމްކޯ އާއި އެންވަޔަރްމެންޓް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ އެކުންފުނިން ކުނި ނަގަމުންދާ ގަޑިއަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އަންނަ މަހުން ފެށިގެން އުކާލުމަށް ތައްޔާރުކުރާ ކުނި ހުންނަން ވާނީ ވަކިކޮށްފައި ކަމަށެވެ.
އެގޮތުން މާލޭ ސަރަހައްދު ގޭބިސީތަކުން އުކާލުމަށް ނެރޭ ކުނިތަކުގެ ތެރޭގައި ހިމެނޭ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތްތަކުގެ ކުނި ހުންނަން ވާނީ ވަކިކޮށްފައި ކަމަށް ވެމްކޯ އިން ވަނީ އަންގާފައެވެ. އަދި މާލޭ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކަށް އަދި ރިސޯޓުތަކުން ވެސް އުކާލުމަށް ނެރޭ ކުނިތައް ހުންނަން ވާނީ ވަކިކޮށްފައި ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުނި ވަކިކޮށްފައި ހުންނަން ވާނީ އެއްކުނީގެ ބާވަތް އަނެއްކުންޏާ އެއް ނުވާނޭހެން ވަކި ކޮތަޅުތަކުގައި ކަމަށް ވެސް ވެމްކޯ އިން ބުނެފައިވެއެވެ.