English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ކައުންސިލް

ކައުންސިލްތަކަށް ގެސްޓްހައުސް ހިންގުމާއި އަސާސީ ތަކެތި ވިއްކާ ފިހާރަތައް ހުޅުވުމަށް ހުއްދަ ދީފިއެވެ.

ކައުންސިލްތަކުން، ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހު އިކޮނޮމިކް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

މި ގޮތުން މިނިސްޓްރީން އާންމުކޮށްފައިވާ ގަވައިދުގައިވާ ގޮތުން ކުންފުނިން ފައިސާ ބަލައިގަނެ، ފައިސާ ޚަރަދުކުރަންވާނީ، ކުންފުނީގެ މުޢާމަލާތުތަކަށް ހުޅުވާފައިވާ ބޭންކު އެކައުންޓު މެދުވެރިކޮށެވެ. މި ގަވައިދުގައިވާ ގޮތުން ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ހިންގާ ވިޔަފާރި ހަރަކާތްތައް ބެހިގެންދާނީ ދެބަޔަކަށެވެ.

  • އެގޮތުން ސިޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިނުކުރާ ދާއިރާތައް ހިމެނޭހެން ޖުމްލަ 15 ހަރަކާތެއް އެކުލެވޭނެއެވެ. ކައުންސިލްތަކަށް ހުއްދަ ވިޔަފާރި ހަރަކާތްތަކުގެ ތެރޭގައި ތައުލީމު ދޭ ތަންތަން، ހޮސްޕިޓަލު، ކްލިނިކް، ގެސްޓްހައުސް ނުވަތަ ޓޫރިސްޓު ހޮޓެލް، އެއާޕޯޓު ހިންގުން، ފާމަސީ ހިންގުން އަދި އަސާސީ ތަކެތި ވިއްކާ ފިހާރަ ހިންގުން ހިމެނެއެވެ.
  • ވިޔަފާރި ހަރަކާތަކީ އެ ސިޓީއެއް، ރަށެއް އަދި އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރި ކުރި ނަމަވެސް، އެކަށީގެންވާ މިންވަރަށް މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްނުދެވޭ ދާއިރާތަކުން ވިޔަފާރި ހިންގޭނެއެވެ. މީގެ ތެރޭގައި ތައުލީމު ދޭ ތަންތަން، ކުނި މެނޭޖް ކުރުން، ހޮސްޕިޓަލް އަދި ކްލިނިކް ހިންގުން ހިމެނެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމަށްޓަކައި ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާއެކު ވިޔަފާރި ކުރުމުގެ ބާރު ލިބިގެންވާއިރު، ވިޔަފާރި ހަރަކާތްތައް ހިންގަން އުފައްދާ ކުންފުންޏެއްގައި ވެސް ކައުންސިލުތަކުގެ %100 ހިއްސާވެވޭނެއެވެ.