English Edition
Dhivehi Edition

އައްޑޫގައި “ވެލިއު ބޭސްޑް” ޒަމާނީ ތަޢުލީމު ފޯރުކޮށްދެމުންދާ ޙިރާ ސްކޫލްގެ ޢިމާރާތް އެޅުމަށްޓަކައި، ފައިސާ ހޯދުމުގެ ކެމްޕޭނެއް އެސްކޫލުން ފަށައިފިއެވެ. “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ހިރާ ސްކޫލްގެ ޕްރިންސިޕަލް، މަރިޔަމް ސިތާރާ ވިދާޅުވީ، ފެށުނީއްސުރެ މިއަދާހަމައަށް ޙިރާ ސްކޫލް ހިންގަމުން އަންނަނީ ދީލަތިފަރާތެއްގެ ގޯތީގައި އަމިއްލަ ވިޔަފާރިވެރިއެއްގެ ދާއިމީ ދީލަތި އެހީގައި ބިނާކޮށްފައިވާ އިމާރާތެއްގައިކަމަށެވެ. “2010 ގައި ނާސަރީލެވެލްއިން ފެށި ސްކޫލް ތަރައްގީވަމުން އައިސް ކޮންމެ އަހަރަކު އާގްރޭޑެއް އުފައްދައި ގްރޭޑް 6 އާ ހަމަޔަށް މިހާރު ދަރިވަރުން ކިޔަވަމުންދޭ. ކޮންމެ އަހަރަކު އާގްރޭޑެއް އުފައްދަން ޖެހިފައިވުމާއެކު އެކި ހިސާބުތަކުން އަލަށް ސްކޫލަށް ކުދިން ވައްދަން އެދޭ އެތަކެއް ފަރާތްތަކަށް ޖާގައިގެ ދަތިކަމާހުރެ އެފުރުސަތު ވަނީ ނުދެވި. ޕްރައިމަރީގެ ދަރިވަރުން 2 ސެޝަނަށް ގެނައުމާއެކު ޕްރީސްކޫލް ދަރިވަރުން ދުވަހުގެ އެކިގަޑިތަކުގައި ވަރަށް ދަތިގޮތަކަށް ގެނެސްގެން މިހާރު ކުރިޔަށް ގެންދާގޮތަށްވެސް އަންނަ އަހަރު ގެންދެވެން ނެތުމަކީ ސްކޫލްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް” ސިތާރާ ވިދާޅުވިއެވެ. އެއްދުވަހުން އަނެއްދުވަހަށް އެސްކޫލަށް ޖާގައިގެ ދަތިކަން ބޮޑުވަމުން އަންނައިރު ސްކޫލުގެ އަނެއް ކަންބޮޑުވުމަކީ ފޯރުކޮށްދޭން ބޭނުންވާ ތައުލީމު، ސްކޫލުން ބޭނުންވާ ގޮތަށް ރާވައި ހިންގަން ދަތިވުމެވެ. އިތުރު ހަރަކާތްތަކުގެ ތެރެއިން ތަފާތު ހުނަރުތަކާއި ގާބިލިއްޔަތު އިތުރުކުރުމަކީ ޙިރާސްކޫލުން ބޮޑު އަހައްމިއްޔަތެއް ދޭކަމަކަށްވާއިރު މިކަމަށް އެންމެ ފުރިހަމަ މާހައުލެއް ގާއިމުކުރެވޭނީ ސްކޫލްގެ ޢިމާރާތް އެޅިގެންކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. “ޕީއީގެ ދަށުން ތަފާތު ހުނަރުތައް ތަރައްގީކުރުމަށާއި ސައިންސް އެކްސްޕްލޯ ކުރުމަށާއި ސައިންސް ލެބްގެ އިތުރުން ސޯޝަލް ޙަރަކާތްތަކާއި ކޮންފަރެންސް ބޭއްވުން ފަދަ ކަންކަން އިތުރަށް ތަރައްޤީކުރުމަށް ސްކޫލަށް ޢިމާރާތެއްގެ މުހިއްމުކަން ވަރަށް ބޮޑު…” ޕްރިންސިޕަލް މައުލޫމާތު ދެއްވިއެވެ. ޙިރާސްކޫލަކީ ސްކޫލްތަކުގެ ފެންވަރުގައި ބާއްވާ ހަރަކާތްތަކުން ރަނގަޅު ކާމިޔާބީތަކެއް މިހާރުވެސް ހޯދަމުން އަންނަސްކޫލެކެވެ. ނަމަވެސް މިހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދަނީ ވަރަށް ދަތިގޮތަކަށް ސްކޫލްގެ ކުލާސްރޫމުން ބޭރުގައި އޮންނަ ކުޑަތަންކޮޅުގައެވެ. އެ ސްކޫލުން މަޢުލޫމާތު ދިން ގޮތުގައި މިއަންނަ އަހަރު ސްކޫލްގައި ސާނަވީ ތައުލީމުދޭން ފަށަން ޖެހިފައިވުމާއެކު މިކަން ކުރުމަށްޓަކައި ސްކޫލަށް އަލަށް ކުދިން ނުނަގައި މަޑުކުރަން ޖެހިދާނެއެވެ. “އެހެންކަމުން މިއީ ސްކޫލްގެ ޢިމާރާތް ނުހެދި ދިޔަ އަހަރުތަކަށް ނިމުމެއް ގެނެސް ސްކޫލްގެ ޢިމާރާތް އަޅަން މަސައްކަތް ކުރަންވީ ވަގުތުކަމަށް އަޅުގަނޑުމެން ދެކެން.” ޕްރިންސިޕަލް ވިދާޅުވިއެވެ. އެހެންކަމުން ޙިރާސްކޫލްގެ ހުރިހާ ދަރިން ވަގުތީ ބޯހިޔަލުން ދާއިމީ ބޯހިޔާވަހިކަމަކަށް ދިއުމަށް ކުރާ މިމަސައްކަތާއި ދުޢާގައި ބައިވެރިވަޑައިގަންނަވަން އެސްކޫލުން އެދެއެވެ. ޙިރާސްކޫލުން އެދެނީ މިބަރަކާތްތެރި މައްސަރުގައި މިބަރަކާތްތެރި މަސައްކަތުގެ ހިއްސާއަކަށް ވެވަޑައިގެންނެވުމަށެވެ. ﷲ އިރާދަކުރެއްވިއްޔާ ގައުމަށް ތެދުވެރި ގައުމުގެ ކަންކަން ހެޔޮމަގަށް އަޅުވާނެ ދަރިންތަކެއް މިމަސައްކަތުން މާދަމާ އުފެއްދިއްޖެނަމަ އެކުދިންގެ ކޮންމެ ހެޔޮ ޢަމަލަކުން ތިޔަފަރާތަށް ޘަވާބު ލިބިގެންދާނެކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. މަރިޔަމް ސިތާރާ އިތުރަށް ވިދާޅުވީ، ޢިމާރާތް އެޅުމަށް ފައިސާ ހޯދުމުގެ މަސައްކަތް ދެބަޔަކަށް ކުރިއަށް ގެންދާ ކަމަށާއި، އެއްބަޔަކީ ރާއްޖެއިން ބޭރުގައި ތިއްބެވި ސްކޫލަށް ހެޔޮއެދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު، މިކަމަށް އެހީތެރިވެ ވަޑައިގެންނެވުމަށް މަގުފަހި ކޮށްދެއްވުމަށްޓަކައި، ބޭރުގެ ޕްލެޓްފޯމެއް ކަމަށްވާ ލޯންޗްގުޑް www.launchgood.com/hiraschool ގައި ޤާއިމު ކުރެވިފައިވާ ކެމްޕޭން ކަމަށެވެ. އަދި އެ ޕްލެޓްފޯމް މެދުވެރިކޮށް ފަސޭހަކަމާއެކު، ފައިސާ ހަދިޔާ ކުރެވޭނެ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ. އަދި ސްކޫލްގެ ނަމުގައި ބީއެމްއެލް އަދި އިސްލާމިކް ބޭންކުގައި ޖަމާކުރެވިފައިވާ އެކައުންޓްތަކަށް ފައިސާ ޓްރާންސްފާ ކުރައްވައިގެން ފައިސާ ހަދިޔާ ކުރެއްވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަމަށް ބޭނުންވާ އެކައުންޓްތަކުގެ މައުލޫމާތާއި، ތަފްސީލުތައް ޙިރާ ސްކޫލްގެ ފޭސްބުކް ސަފްހާ www.facebook.com/hiraschool އިން ލިބެން ހުންނާނެއެވެ. ޕްރޮޖެކްޓާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ ޔޫޓިޔުބް ލިންކުން ލިބިވަޑައިގަންނަވާނެއެވެ. https://www.youtube.com/watch?v=iYmbX_khl1w   ޙިރާސްކޫލަކީ ނަމޫނާ ސްކޫލެއް 21 ވަނަ ޤަރުނުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލްކަން ލިބިފައިވާ މުސްލިމް ދިވެހި ދަރިންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި ފެށި ހިރާސްކޫލަކީ 21 ވަނަ ޤަރުނަށް ބޭނުންވާ ހުނަރުތަކާއެކު ޒަމާނީ ތައުލީމު ފޯރުކޮށްދޭ ތަނެކެވެ. ދިވެހިރާއްޖޭގެ ގައުމީ ކަރިކިއުލަމްގައި ބުނާފަދަ ޤާބިލް ފަރުދެއް ތައްޔާރުކުރުމަށް ޢަމަލީ ގޮތުން މަސައްކަތް ކުރާ މިސްކޫލްގެ މަސައްކަތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ތައުރީފްކޮށްފައިވެއެވެ. ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އުތުރުން ދެކުނަށް ޙިރާސްކޫލް މަޝްހޫރުވެ ސްކޫލްގެ “ބެސްޓް ޕްރެކްޓިސް” ތަޖުރިބާ ކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުން ސްކޫލު ތަކުގެ އިސްވެރިންނާއި ޓީޗަރުން ދަނީ ޙިރާ ސްކޫލަށް ޒިޔާރަތް ކުރަމުންނެވެ.     ޤައުމީ މުޤައްރަރުގެ ހުރިހާ ކަމެއް ތަންފީޛުކުރޭ! ޙިރާސްކޫލަކީ ދިވެހިރާއްޖޭގެ ގައުމީ މުގައްރަރަށް އިނގިރޭސި ބަހުން ތައުލީމު ފޯރުކޮށްދޭތަނެކެވެ. މިގޮތުން ގައުމީ މުގައްރަރުގައި ހިމެނޭ ހުރިހާ ކަންކަން ތަންފީޒުކޮށް ގައުމީ މަންހަޖުގައި ފާހަގަކޮށްފައިވާފަދަ ގާބިލު ދިވެހި ދަރިއަކަށްވުމަށް ބޭނުންވާނެ ހުނަރުތައް އެސްކޫލުން ފޯރުކޮށްދެއެވެ. ހަމަމިއާއެކު އިނގިރޭސިވިލާތް ފަދަ ތައުލީމުދިނުމުގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކުގެ ކާމިޔާބު ޕްރޮގްރާމްތައް އެސްކޫލްގެ ގިނަ މާއްދާތަކަށް ބޭނުންކުރެއެވެ. މީގެ ތެރޭގައި އޮކްސްފޯޑާއި ކެމްބްރިޖްގެ ޕްރޮގްރާމްތައް ހިމެނެއެވެ.   “ޑިޖިޓަލް ސޮސައިޓީ” ގެ ގޮންޖެހުންތަކާއި ކުރިމަތިލެވޭފަދަ ޤާބިލް މުސްލިމު ދިވެހި ދަރިން ބިނާކުރޭ ޙިރާސްކޫލުން ގައުމީ މުގައްރަރުގައި ހިމެނޭ ހުރިހާ މާއްދާތައް ކިޔަވައިދެއެވެ. އެމާއްދާތައް ކިޔަވައިދިނުމުގައި ސްކޫލްގެ އަމާޒަކީ ދުނިޔަވީ ތަޢުލީމު ފޯރުކޮށްދިނުމާއެކު އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ބޭނުންވާނެ ފަދަ ބިންގަލެއްގެ މަތީގައި ދަރިން އުފެއްދުމެވެ. މިގޮތުން ކުރިއަރާފައިވާ “ޑިޖިޓަލް ސޮސައިޓީ” ގެ ގޮންޖެހުންތަކާއި ކުރިމަތިލެވޭފަދަ ޤާބިލް ކުއްޖަކު އުފެއްދުމަށް ބޭނުންވާ އެންމެހާ މައުލޫމާތާއި ހުނަރު އެންމެ ތުއްތު އިރުއްސުރެ ފޯރުކޮށްދިނުމާއެކު ދީނީ އާދަތަކާއި އިސްލާމީ ރިވެތި އުސޫލްތައް އެންމެ ތުއްތު އިރުއްސުރެ އަށަގަންނުވަން މަސައްކަތް ކުރުމަކީ ސްކޫލްގެ އަމާޒެވެ. އެހެންކަމުން އެސްކޫލުގެ އުއްމީދަކީ އެސްކޫލުން ތައްޔާރުކުރާ ޖީލުގެ ސައިންސްވެރިންނާއި ޑޮކްޓަރުންނާއި އިންޖިނިއަރުންނާއި ޕައިލެޓުންނާއި ވިޔަފާރިވެރިންނާއި މުދައްރިސުންނަކީ މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެންނާނެފަދަ އަދި އާޚިރަތުގެ ކާމިޔާބު ހޯދާނެ ފަދަ ދަރިންތަކަކަށް ހެދުމެވެ.   ދަރިންނަށް ރައްކާތެރި މާޙައުލެއް! ޙިރާސްކޫލުގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި އެސްކޫލުން ޚާއްޞަ ސަމާލުކަމެއް ދެއެވެ. މިގޮތުން ދަރިވަރުންނާއި ރަށްޓެހި ބިހޭވިއަރ މޮޑިފިކޭޝަން ސިސްޓަމެއް ސްކޫލްގައި ޤާއިމް ކޮށްފައިވެއެވެ. މިސިސްޓަމަކީ ދަރިވަރުންގެ އުޅުމަށް އަމިއްލައަށް ޛިއްމާވެ ރަނގަޅު އުޅުން ދަމަހައްޓައި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމުގެ ޛިއްމާ އުފުލަން ދަސްވާފަދަ ސިސްޓަމެކެވެ. ވަކިވަކި ދަރިވަރުންގެ ކިބައިގައި ހުންނަ ތަފާތު މައްސަލަތައް ދެނެގަނެ އެމައްސަލަތައް ހައްލުކުރުމަށް ދަރިވަރުންނަށް ޚާއްޞަ އެހީތެރިކަން ސްކޫލުން ފޯރުކޮށްދެއެވެ. މުޖުތަމަޢުގެ ޙާލަތަށް ރިއާޔަތްކޮށް ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަބަދުވެސް ޙިރާސްކޫލުން މަސައްކަތް ކުރެއެވެ. މިގޮތުން ދަރިވަރުންގެ ސިކުނޑިތަކަށް ހަމަޖެހުން ހޯދައިދީ ހަމަހިމޭން ކުރުވުމަށްޓަކައި ކޮންމެދުވަހަކުވެސް ވަކިވަގުތުތައް އެކަމަށް ޚާއްޞަ ކުރެއެވެ. އަދި ސްކޫލްގެ މާހައުލަކީ އިސްލާމީ ރިވެތި އުސޫލުތަކަށް ފަރިތަކުރާ މާހައުލަކަށް ހެދުމަށްޓަކައި ސްކޫލްފެންވަރުގައި “ވެލިއުސް ޕްރޮގްރާމް” ހިންގައެވެ.